ހދ. ކުމުންދޫ ކައިރިއަށް ސަޕްލައި ދޯންޏެއް ބަންޑުންޖަހާލައިގެން، ކަނޑުވި މީހުންގެ ތެރެއިން ސަލާމަތް ކުރި 66 އަހަރުގެ ދިވެހި ފިރިހެނަކު ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވެއްޖެއެވެ.
އެމްއެންޑީއެފް އިން މީގެ ކުރިން ވިދާޅުވީ، ބަންޑުން ޖަހާލީ ލޯންޗެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާ ގްރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވީ، ބަންޑުން ޖަހާލީ ސަޕްލައި ދޯންޏަކީ ށ، ފުނަދޫއަށް ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ކަމަށެވެ.
މި ދޯނި ދަތުރު ކުރަމުން ދިޔައީ ހަތަރު މީހުންނާއި އެކުގައެވެ. އެއީ ދެ ބިދޭސީންނާއި ދެ ދިވެހިންނެވެ.
އޮފިޝަލް ވިދާޅުވީ، އެ ދޯނި ބަންޑުން ޖަހާލައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރު ކަމަށެވެ.
އަދި ދޯނިން ދަތުރު ކުރި ހަތަރު މީހުންވެސް ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 66 އަހަރުގެ މީހާގެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު 10:30 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޚިޔާލުތައް