ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ގައުމު ލޫޓުވާލައި، ދައުލަތުގެ ހާޒާނާ ހުސްކޮށްލުމުގެ ސަބަބުން ކަމަށާއި، އެކަމުގެ އިލްޒާމް މިހާރުގެ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ “ލައްކަ ހުތުރުކަން ބޮޑު” ކަމެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިގްތިސާދީ ހާލަތާ ގުޅުވައި ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ގައުމީ ހާޒާނާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ނަރީޝް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ބަޖެޓުގައި ނުހިމެނޭ، އަދި ޓެންޑާ ކުރުމެއްނެތި އެތައް ޕްރޮޖެކްޓެއް އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ ޕްރޮޖެކްޓްތަކަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށްވެސް ނަރީޝް ތުހުމަތު ކުރެއްވިއެވެ.
ނަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރު ސާލިހު ރިޔާސީ އިންތިހާބާއި ދިމާކޮށް ބަޖެޓްގައި ނެތި އަދި ޓެންޑާ ކުރުމެއްނެތި ސޮއިކުރި ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތަކަށް އެޑްވާންސް ޕޭމަންޓް ދޫކޮށްފައި ހުރި ގޮތުގެ ތަފްސީލް ބަލައިލުމުން ގައުމަށް ވެގެން އުޅޭގޮތް ސާފުވާނެ ކަމަށެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، އެމްޑީޕީން ގައުމު ލޫޓުވާލައި، “ދަވާ ހުސްކޮށްލުމުން” ރައްޔިތުން ނިކުމެ އެ ބޭފުޅުން ވެރިކަމުން ބޭލީ ކަމަށެވެ. މިހާރު “ކެވުނުވަރު މަދުވެގެން” އަލުން ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ތަސްބީހަފައްޗެއްހެން ދައްކަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި، ތަސްބީހަފައްޗެއްހެން ވައްކަމޭ ކޮރަޕްޝަނޭ ގޮވިޔަކަސް އެމްޑީޕީން ވައްކަން ނުކުރާކަމަކަށް ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚިޔާލުތައް