ޒަކިއްޔާ މޫސާ މަރުވެފަ އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ 11 މަސް ކުރިން މަރުވި ޒަކިއްޔާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިއަށް ވެއްޓިފައި އޮއްވައެވެ.
ޒަކިއްޔާ އަމިއްލަ އަށް މަރުވީ ނޫން ކަމަށާއި، އޭނާ ބަޔަކު މަރާލީ ކަމަށް ތުހުމަތު ކުރެވޭ ވަރަށް ގިނަ ހެކިތަކެއް އެބަހުރި ކަމަށް އާއިލާ ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ ހެކިތައް ފުލުހުން ފޮރުވާލީ ކަމަށްވެސް އާއިލާ ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ފުލުހުންވަނީ ތަހްގީގަށްފަހު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުން، އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ކަށަވަރު ކޮށްފައެވެ. އެހެންކަމުން އޭރު މައްސަލަ ނިންމާފައިވަނީ އޭނާ މަރުވީ އަމިއްލައަށް ހަށިގަނޑަށް ދީފައިވާ ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.
މި މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުން މިހާރު ވަނީ ބުނެފައެވެ.
ޒަކިއްޔާގެ މަރަށް އިންސާފް ހޯދުމަށް ޒަކިއްޔާގެ އާއިލާއިން ވަނީ ޖުލައި 22 ގައި ރައީސް ޑރ. މުއިއްޒު އެރަށަށް ވަޑައިގަތުމުން ރައީސް އާއި ބައްދަލު ކުރައްވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު އިންސާފު ހޯއްދަވައި ދެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އެރަށުގެ ގިނަ ބަޔަކުވަނީ އިންސާފް ހޯދުމަށް އެކިގޮތްގޮތުން ވަރަށްބޮޑަށް މަސައްކަތް ވެސް ކޮށްފައެވެ. އަދި ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފައެވެ.
ޚިޔާލުތައް