ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމައު އަލް ކުވައިތީއާއި، ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އޮނަރަބަލް އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި ރަސްމިއްޔާތުގައި، ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެކެވެ. މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެއެވެ. އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ރަސްމީކޮށް އިފްތިތާހުކުރެވިގެން ދިއުމަކީ ތާރީހީ ފިޔަވަޅެއްކަމަށެވެ.
“މިއީ ހަމައެކަނި ފެސިލިޓީއެއް ހުޅުވުމެއް ނޫން، އަޅުގަނޑުމެންގެ ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއްގެ ފެށުން” ނަވީން ވިދާޅުވިއެވެ.
އަލަށް ގާއިމުކުރެވުނު ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ފަރުމާކުރެވިފައިވަނީ ސައިބަރ ދާއިރާގައި ގައުމުގެ “ޝީލްޑް އެންޑް ވޮޗްޓަވަރު” ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، އަދި އެފަދަ ކުށްތައް މަދު ކުރުމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ފިޒިކަލީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫންކަމަށާއި، ފެންނަން ނުހުންނަ ސައިބަރ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަމުގެ މައްޗަށް ވެސް ކަމުގައެވެ.
“މި ސެންޓަރުން ކަށަވަރުކޮށްދޭނީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ސައިބަރ ނުރައްކަލަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް، ތިބޭނެކަމަށް” ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
މި ވަސީލަތް ގާއިމުކުރެވިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސް (ޔޫއޭއީ) ގެ އެހީތެރިކަމާއެކުގައެވެ. މިއީ ދެ ގައުމުގެ ރަޙްމަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ސިފަކުރެއްވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް، ޔޫއޭއީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީއަށް ޝުކުރު ދެންނެވީ، “ދީލަތި އެހީތެރިކަމާއި، ސްޓްރެޓެޖިކް މަގުދެއްކެވުމާއެކު” ދިވެހިރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިކުރުމުގެ މިޝަނަށް ކުރައްވާ އިތުބާރު ފާހަގަކުރައްވަމުނެވެ.
މި މަޝްރޫއު ހަގީގަތަކަށް ހެއްދެވުމުގައި ވެދެއްވި އެހީތެރިކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ޝުކުރު ދެންނެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އަޅުގަނޑުމެންގެ ރަހުމަތްތެރިންނާއި ބައިވެރިންނާ އެކުގައި، އަޅުގަނޑުމެން މާއްދީ އަދި ޑިޖިޓަލް ދުނިޔޭގައި އަޅުގަނޑުމެންގެ ރައްޔިތުންޔިތުންގެ މުސްތަގުބަލު ރައްކާތެރިކުރާނެކަމުގެ މެސެޖު ދެއްވަމުންނެވެ.
ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު އިފްތިތާހު ކުރެވިގެން ދިއުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ޒަމާނީކުރުމަށާއި، ދުނިޔޭގައި އަބަދުވެސް ބަދަލުވަމުންދާ ސައިބަރ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.
ޚިޔާލުތައް