ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ މަހު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށްގެންދަން ވިސްނަމުންދާ ކަމަށް މައުމޫންގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ.
އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައިވެއެވެ.
ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް މައުމޫން ދުވަހަކުވެސް ކުރައްވާފައެއް ނުވާނެ ކަމަށާއި ޔާމީންގެ ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ދެކޭކަން ފާހަގަކޮށް، ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު މައުމޫން ވިސްނަވާ ކަމަށް ބަޔާނުގައިވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ހިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީކަން އަރުވާ ކަމަށް މައުމޫންގެ އޮފީހުން ވިދާޅުވިއެވެ.
ޚިޔާލުތައް