ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
ފުލުހުން ބުނީ، ރޭ 19:18 ހާއިރު ފޮނަދޫން ގަމަށް ދަތުރު ކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކްސިޑެންޓްގައި ޒިބްރާ ކްރޮސްއިން ހުރަސް ކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓާލުގައި ފަރުވާދެމުންދާ ކަމަށެވެ.
އަދި އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޚިޔާލުތައް