ރަސްމާލޭގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ރަސްމާލެއަށް ވަޑައިގެންފިއެވެ.
ރަސްމާލޭގައި ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ މެމްބަރުން ރަސްމާލެއަށް ވަޑައިގަތީ މަޖިލީހުގެ މަސައްކަތުގެ ތެރެއިން މަޝްރޫއާ ބެހޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާއި ގުޅިގެން ކަމަށެވެ. އަދި ވަޑައިގަތީ ސަރުކާރުން ވިދާޅުވި ގޮތަށް ބާރު ސްޕީޑުގައި މަޝްރޫއު ކުރިއަށްދޭތޯ ބެއްލުވުމަށް ކަމަށެވެ.
މައުރޫފް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ ހިއްކުނީ 100 އެއްހާ ހެކްޓަރު ކަމަށާއި އެތަނުގެ ބައެއް މުވައްޒަފުންނަށް މުސާރާ އާއި އިނާޔަތްތައް ނުދޭކަން ސުވާލުކުރުމުން އެނގުނު ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިގޮތަށް ހިނގާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި މައުލޫމާތު ނުލިބޭތީ، ސައްހަ މައުލޫމާތު ހޯދަން މަޖުބޫރުވާ ކަމަށާއި މި މަޝްރޫއަށް ފައިނޭންސް ކުރަނީ ކިހިނެއްކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ، މި މަޝްރޫއަކީ ދިވެހިންގެ އެންމެ ބޮޑު އުންމީދު ކަމަށްވާއިރު، އެ މައުލޫމާތު ރައްޔިތުން އެނގެން ބޭނުންވާނެ ކަމަށެވެ.
މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން، ހިއްކުމަށް ހަމަޖެހިފައިވާ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ވިދާޅުވެފައެވެ. އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.
ޚިޔާލުތައް