އަބްދުއްރަހްމާން މަރުގެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އާޝިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފިއެވެ.
އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް /ލިލީ ފެހި 22 އަހަރުގެ ޒުވާނެއް ކަމަށްވާ މުހައްމަދު ވިސާމް އާއި، އެރަށް ފިނިވާގޭ 27 އަހަރުގެ އަހްމަދު ފާރިޝް އާއި، މާޅޮސް ފިޔަ، 27 އަހަރުގެ އަހްމަދު އާޝިދު އެވެ. އެއީ ރަށުގައި ވަޒީފާ އަދާކުރާ ތިން މީހެކެވެ. އެއީވެސް މާޅޮހަށް ނިސްބަތްވާ މީހުންނެވެ. ފުރަތަމަ އެމީހުން ހައްޔަރު ކުރީ 5 ދުވަހަށެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުހައްމަދު ވިސާމް އަދި އަހްމަދު ފާރިޝް ޝަރީއަށް ނިމެންދެން ބަންދު ކުރުމަށް އަދި އަހްމަދު އާޝިދު 5 ދުވަހަށް ބަންދުކުރުމަށް ވަނީ އޭރު އަމުރުކޮށްފައި ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރު ކުރި އާޝިދުގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުންވަނީ މިހާރު ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގް ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާގެ ފޯނު ފުލުހުން ބަލައިފާސްކުރިއެވެ. ނަމަވެސް އާއިލާ އެހެން މީހެއްގެ ފޯނު ފުލުހުން ހޯދާފައެއް ނުވެއެވެ.
ޚިޔާލުތައް