ކުރިއަށް މިއޮތް ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުކުރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހޮނިހިރު ދުވަހުވެސް ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ޚިޔާލުތައް