A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ އުމަރު މަނިކު އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވެއްޖެއެވެ.

އެމްޔޫ މަނިކު އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ހިތާމަފާޅުކުރައްވާފައެވެ. އެގޮތުން ރައީސް އެކްސްގަިއ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކު އަވަހާރަވި ހަބަރު އެހީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ.

“ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައި ދިޔުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ، ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ހާއްސަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު.” ރައީސް ވިދާޅުވިއެވެ.

މާތްﷲ، މަރްްހޫމް މުހައްމަދު އުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ. އަދި މަރްޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ވެސް ދުއާ ކުރައްވާފައިވެއެވެ.

https://x.com/MMuizzu/status/1961632447415648378

ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންކަމުގައި ހުންނަވައިގެން އެމްޔޫ މަނިކުވަނީ، ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާއިރު، އޭނާ އަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑަރެކެވެ. އޭނާ އެމްއޭސީއެލްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވީ ޖޫން 2013ގައެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެއެވެ.

އެމްޔޫ މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !