A wide advertisement which will be shown on all devices. (700 x 100)

ފަހުމީ މަޤާމުން ވަކިކޮށް ސްޓެލްކޯގެ އެމްޑީއަކަށް ޝަމާހު އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން މިދިޔަ އަހަރު ވަކިކުރި އަހްމަދު ޝަމާހު ރަޝީދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި އިއުލާނެއްގައި ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މ. ސިސްކިން، އަހްމަދު ޝަމާޙް ރަޝީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ފަހުމީ އެ މަގާމުން ވަކިކުރެއްވި ސަބަބުން ޕީސީބީން ހާމައެއް ނުކުރައްވައެވެ.

ހުސެއިން ފަހުމީއަކީ ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، ސްޓެލްކޯއާ ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯ އާއި ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އެއަށް ފަހު ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އަދި އެއަށްފަހު މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވިއެވެ.

ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި ޝަމާހު އަކީ މިފްކޯގެ ސީއީއޯގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ވެސް ކުރިއެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.

ޕީސީބީއިން އެންމެ ފުރަތަމަ ޝަމާހު ސަސްޕެންޑުކުރީ މާޗު 18، ގައެވެ. އޭރު ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރިއެވެ. މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !