ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ނިމިފައިވާ ޓަވަރުތައް މި ހަފްތާ ތެރޭގައި ހަވާލު ކުރަން ފެށުމަކީ އަމާޒެއް ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެފްޑީސީން ވިދާޅުވީ އެ ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާ ޔުނިޓު ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ކޯޕަރޭޝަނުން މިހާރު މިދަނީ ވަމުން ކަމަށެވެ.
އެ ކޯޕަރޭޝަނުގެ އަމާޒަކީ މި ހަފްތާގެ ނިޔަލަށް ނިމިފައިވާ ޓަވަރުތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ ކޯޕަރޭޝަނުން ތަރައްގީކުރި 4000 ހައުސިން ޔުނިޓުގެ ސެކުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވަނީ ނިމިފައިހުރި ޓަވަރުތަކަށް އިސްކަންދީގެން ކަމަށް އެފްޑީސީން ވިދާޅުވިއެވެ.
އެ ފްލެޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ބޮޑު ލޯނެއްގެ ދަށުން އަޅާ ފްލެޓުތަކެކެވެ.
މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
އެ މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން އަޅާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.
އެ ޓަވަރުތަކުގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1,200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2,800 އެޕާޓްމަންޓެވެ.
ޚިޔާލުތައް