ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވި ގޮތުގައި އޭނާ އައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ހުސައިން ފަހުމީ އިއްޔެ ވަނީ ވަކިކުރައްވާފައެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރެއްވީ އަހުމަދު ޝަމާހުއެވެ.
ފަހުމީ ވިދާޅުވީ 27 އަހަރު ވަންދެން ސްޓެލްކޯގައި އިސްކޮށް އުޅުމުގެ ޝަރަފު ދެއްވިކަމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
“ސްޓެލްކޯއަށް ކާމިޔާބީއަށް މަގުފަހިކޮށްދެއްވި އެގްޒެކެޓިވްސް އަދި މުވައްޒަފުންގެ އަގު ވަޒަންކުރަން. އަޅުގަނޑުމެން އެންމެން ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކާމެދު، އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަން،” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
ހުސެއިން ފަހުމީއަކީ ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، ސްޓެލްކޯއާ ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އަދި އޭގެ ފަހުން މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވިއެވެ.
ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ޚިޔާލުތައް