އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން ކާބޯތަކެތީގެ އަގުހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ މިހާރު އޮތީ ހަވާލުކޮށްފައެވެ. އެކަމުގެ ތަފްސީލު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ 10 ބާވާތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އޮކްޓޯބަރު 13 ގައި ލިބެން ހުންނަންޖެހޭނެކަން އެސްޓީއޯއިން ޔަގީންކުރަންޖެހޭނެ ކަމަށެވެ.
“އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރަން ޖެހޭނެ ތާރީހު” ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ސައީދު ވަނީ އެސްޓީއޯއިން ގެންނަން ސަރުކާރުން ހަވާލުކުރި 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު އެ ތާރީހުގެ ކުރިން ވެސް ރާއްޖޭގެ ބާޒާރުގައި ބޮޑުވާ ނަމަ އެސްޓީއޯއިން އެ ބާވަތެއް ގެންނާނެ ކަމަށެވެ. ސައީދު ވިދާޅުވީ ކޮމްސިއުމަ ޕްރައިޒް އިންޑެކްސް ލިސްޓް އަހަރަކު އެއް ފަހަރު ރިވިއު ކުރާނެ ކަމަށާއި ރާއްޖެއިން އެންމެ ގިނައިން އެތެރެކުރަނީ ކޮން 10 ބާވާތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީތަކެއްތޯ ބައްލަވާނެ ކަމަށެވެ. މީގެކުރިން އެއްވެސް ސަރުކާރާކުން ލިސްޓް ރިވިއު ކޮށްފައިނުވާ ކަމަށާއި ހަނޑޫ ހަކުރު ފުށް ހިމެނޭހެން 10 ބާވާތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އިމްޕޯޓްކުރުމަކީ މިހާރު އެސްޓީއޯގެ މެންޑޭޓުން ލާޒިމްކުރާނެ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ދިހަ ބާވާތެއްގެ މޭވާ އާއި ދިހަ ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ އިއްޔެއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އަޅުގަނޑު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން މިފަދަ ނިންމެވުމެއް ނިންމިއިރު، ތަރުކާރީ އާއި މޭވާގެ ބާވަތްތައް ދޭތެރެ ދޭތެރެއިން އަގުބޮޑުވާ މައްސަލަ ވަރަށް ބޮޑެވެ. މިގޮތުން ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބޭ ނަމަ އަބަދުވެސް ރާއްޖޭގައި ތަކެތީގެ އަގު ވަރަށް ބޮޑަށް މައްޗަށްދާ ފަހަރު އާދެއެވެ. ހާއްސަކޮށް އެެއްޗެއް ހުސްވާން ކައިރިވުމުން، ނޫނީ ނުލިބޭހެން ހީވުމުން އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް ޖައްސާލައެވެ. އެކަމަކު ތަކެތި ލިބުމާއެކު އަގު ވަރަށް ބޮޑަށް ދަށްވެގެން ދެއެވެ. އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔުން ހުއްޓުވުމަށް އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު، ތަރުކާރީ އަދި މޭވާގެ ތެރޭގައި ހިމެނޭ ލޮނުމެދު، އިނގުރު، ލުނބޯ، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ ފަދަ ތަކެތި އެސްޓީއޯއިން އަންނަނީ ރާއްޖެ އެތެރެކުރަމުންނެވެ.
ޚިޔާލުތައް