ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ތާއީދު ކުރައްވާ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިފައިވަޑައިގަންނަވާ ކަމަށެވެ.
އެއާއެކު ރައީސްނަޝީދުވަނީ،
“ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން، މިބޭޒާރެއް ނުވެސް ވާނޭ”.
މި ޅެން ބައިތު ޙިއްސާ ކުރައްވާފައެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.
ޚިޔާލުތައް