A wide advertisement which will be shown on all devices. (700 x 100)

ގެދޮރުވެރިޔާ ފްލެޓަށް މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 588 މީހަކު ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެފްޑީސީން ވިދާޅުވީ، މިހާތަނަށް 588 މީހަކު ޑިޕޮސިޓް ދައްކާފައިވާއިރު، މިހާތަނަށް ޑިޕޮސިޓް ދައްކަން ތާވަލުކުރީ 909 މީހުންނާއެކު ކަމަށެވެ.

އެފްޑީސީން މީގެކުރިން ވިދާޅުވީ، ޓަވަރުތައް ނިމިފައި ހުރި މިންވަރުންނާއި އެއްބަސްވުންތައް ހެދޭ މިންވަރުން ޑިޕޮސިޓް ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،119 މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ ފްލެޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ބޮޑު ލޯނެއްގެ ދަށުން އަޅާ ފްލެޓުތަކެކެވެ.

މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.

ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.

އެ މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން އަޅާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.

އެ ޓަވަރުތަކުގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1,200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2,800 އެޕާޓްމަންޓެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !