ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން އެގޮތަށް ނިންމީ އޭނާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.
މީގެ ކުރިންވެސް ފަތުހުﷲ ޖަމީލްގެ މައްސަލައެއް 2023 ވަނަ އަހަރު ޖޭއެސްސީން ބެލިއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް އޭރު ހުށަހެޅި ސުލޫކީ މައްސަލައެކެވެ. ނަމަވެސް، ޖޭއެސްސީން ފަހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީން އޭރު ބުނީ އެ ކޯޓަށް ހުށަހެޅި، ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަކަށް އިއުތިރާފުވެފައިވީ ނަމަވެސް، އެ ގަޒިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ނިންމައިފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ.
ފަނޑިޔާރުންނާއި ގުޅޭ އެފަދަ މައްސަލަތައް ބެލުމަށްފަހު ކޮމިޝަނުން އަންނަނީ ފަނޑިޔާރުންނަށް ނަސޭހަތް ނުވަތަ އިތުރު ތަމްރީން ދޭން ފެންނަ ނަމަ އެކަން ވެސް ކުރަމުންނެވެ.
ޚިޔާލުތައް