ދާރުލްއަރްޤަމުން ވަޤުފު ފަންޑަށް އަހަރަކު 10 މިލިއަން ލިބޭނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެވަނަ ޒަމާނީ ވަޤްފު ބިނާގެ ގޮތުގައި އިމާރާތްކުރާ ދާރުލްއަރްޤަމްގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި 26 އޮކްޓޯބަރ 2025 ގައި ސޮއިކުރާނެކަމަށް މިނިސްޓަރ ވަނީ މިއަދު ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ. އަދި އެތަން ނިމުމުން، އަހަރަކު 10 މިލިއަން ރުފިޔާ އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާރު ހުރި ހަމައެކަނި ވަގުފު އިމާރާތަކީ “ދާރުލް އީމާން” އެވެ. ނުވަ ފަންގިފިލާގެ އެ އިމާރާތް ހުޅުވުނީ 2017 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުއެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރެވުނު މި ވަގުފު އިމާރާތަކީވެސް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވަޒީރުކަމުގައި ނިންމާފައިވާ މަޝްރޫއެކެވެ.
އެ ވުޒާރާއިން ވަނީ މުޅި ރާއްޖެއަށް ވަގުފު މަޝްރޫއުތައް ފުޅާކުރުމަށް ނިންމައި، އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ “ދާރުއްސަލާމް” ގެ ނަމުގައިވާ ވަގުފު އިމާރާތްވެސް ހިމެނެއެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގައި ވަގުފުގެ ނިޒާމު ފުޅާކޮށް، އިސްލާމީ ޝިއާރު ފާޅުކުރުމަށާއި، އިސްލާމީ ތައުލީމު ފެތުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚިޔާލުތައް