މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަމަޖެއްސުމަށްޓަކައި، އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށެވެ.
މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުމާއި މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ ސިފަތައް
- ދިވެހިރައްޔިތަކު ކަމުގައިވުން
- އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން
- މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެއެވެ.
މި މަގާމަށް މުވައްޒަފު އައްޔަން ކުރެވޭނީ ފަސް އަހަރުދުވަހުގެ މުއްދަތަށްކަން އެ ކޮމިޝަނުން ވިދާޅުވިއެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@csc.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވިއެވެ.
ޚިޔާލުތައް