A wide advertisement which will be shown on all devices. (700 x 100)

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖެއާއި އިންޑިއާއިން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

8 ވަނަ އައި.އެސް.އޭ (International Solar Alliance) އެސެމްބްލީގައި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޢަޤީލް ނަޞީރު، އިންޑިއާގެ އާ އަދި އިޔާދަކުރަނިވި ހަކަތަ، ކޮންސިއުމަރުންގެ ކަންތައްތައް، ކާނާ އަދި ޢާންމު ބެހެނިވެރިކަމާ ބެހޭ މިނިސްޓަރު، ޝްރީ ޕްރަލްހާދު ވީ. ޖޯޝީއާ ބައްދަލުކުރައްވައި، އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ އިންޑިއާގެ ވެރިރަށް ދިއްލީގައެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ދެގައުމުގެ މެދުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، އެދާއިރާގައި އައު މަޝްރޫޢުތައް ފެށުމަށްޓަކައި، އެކި ގޮތްގޮތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ތަފްޞީލީ މަޝްވަރާތައް ކުރައްވާފައެވެ. ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޢަޤީލް ނަޞީރު ވަނީ، ދިވެހިރާއްޖެއަކީ ކުދި ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމެއްކަމުން، ސޯލާ ހަކަތަފަދަ އިޔާދަކުރަނިވި ހަކަތައަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އިންޑިއާގެ މިނިސްޓަރު ޝްރީ ޕްރަލްހާދު ވީ. ޖޯޝީ ވަނީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ދެގައުމުގެ މެދުގައި މިފަދަ މަޝްރޫޢުތައް ހިންގުމަކީ، ތިމާވެއްޓަށް ރައްކާތެރިވެ، ދެގައުމުގެ ހަކަތައިގެ ބޭނުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މުހިންމު ކަމެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

އައި.އެސް.އޭ އެސެމްބްލީ އަކީ ދުނިޔޭގެ އެކި ގައުމުތަކުން ސޯލާ ހަކަތަ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ބައްދަލުކުރާ މުހިންމު ފޯރަމެކެވެ. މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާވެ، ހަކަތައިގެ ދާއިރާގައި އިތުރު ފުރުސަތުތަކެއް ހުޅުވޭނެކަމަށް ލަފާކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !