މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު އެ ސަރަޙައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްޤީ ކުރާ ޒަމާނީ މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރެވޭ ގޮތަށް ޤާއިމްކުރެވޭނެ ބައެކެވެ.
މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާއިރު އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކުރާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ
މި މިސްކިތުގެ މަޝްރޫޢުއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ވަރަށް ގާތުން ކަންކަން ބެއްލެވި މަޝްރޫޢުއެއް ކަމަށާއި، މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެލެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި މިސްކިތް ބިނާކުރެވޭ މި ބިމަކީ ކުރީގައިވެސް ތަޢުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވުނު ތަނެއް ކަމަށާއި، މި މަޝްރޫޢުވެސް ކުރިއަށް ދަނީ މިގޮތުގެ މަތިން އަޅުކަމާއި ތަޢުލީމާއި އިޖުތިމާޢީ އެކި ހަރަކާތްތައްވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށް ކަމަށެވެ. މި މިސްކިތުގެ މަޝްރޫޢު އަދި ނިމުމާއެކު މިއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވެގެންދާނެ ކަމަށެވެ. މިތަން ވެގެންދާނީ ދަޢުވާ ސެންޓަރަކަށް ކަމަށާއި، ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް ކަމަށެވެ.
މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އާ މިސްކިތް އެޅުމަށް މިހާރު ވަނީ ސްޕޮންސަރުން ހަމަޖެހިފައި ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ބަރުބަރީ މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިއަހަރުގެ ޑިސެމްބަރަށް މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، މި އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ޢިމާރަތް ކުރުމަށް ހަމަޖެހިފައިވާ އެކި މަޝްރޫއުތަކަށް ސްޕޮންސަރ ހަމަޖެހިފައިވާއިރު މި ހުރިހާ މަޝްރޫޢުތަކަށް އެކީގައި 200 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުވާނެކަމަށާއި، މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފަކަމަށާއި، ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި ހުޅުވުމަށްބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަން ފާހަގަވަނީ ކޮށްފައެވެ. އަދި މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
 
             
                            


 
             
                                                
ޚިޔާލުތައް