A wide advertisement which will be shown on all devices. (700 x 100)

ރާއްޖެ ޕްރޮމޯޓްކުރުމަށް ލަންޑަންގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ލަންޑަން ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭން ފަށާފައިވަނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) ފެށުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ދެ މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެނިގެންދާނެއެވެ. މި ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި، ބްރޭންޑިން އަދި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހާނެއެވެ.

މި ކެމްޕޭނުގެ ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރުމެވެ. މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ކުންފުނީގެ އެއްބާރުލުމާ އެކުއެވެ. އޭގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސް ހިމެނެއެވެ.

މި ކެމްޕޭން ފަރުމާކޮށްފައި ވަނީ، ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާއި، ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރީމިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމާއި ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުރިކަން އަންގައިދިނުމަށެވެ. ވީއެމްސީގެ ބަޔާނުގައިވާގޮތުން، ޑަބްލިއުޓީއެމް 2025 އާ ދިމާކޮށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ރާއްޖެއަށް ލިބޭ ތަރުހީބު އިތުރުކުރުމަށާއި، ރާއްޖެއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރާއްޖެއަކީ ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ފާހަގަކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭނަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޑަބްލިއުޓީއެމް 2025ގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ އިތުރުން، ގިނަ މާކެޓުތަކެއް އެއްތަންވާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބޭ ތަރުހީބު އިތުރުކޮށް، ރާއްޖެއަކީ ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ފާހަގަކުރުމަށް ކުރިއަށް ގެންދާ އިތުރު މަސައްކަތެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !