ސަރުކާރު ކުންފުނިތަކުގައި 42،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭއިރު 2023 ވަނަ އަހަރު ސިވިލް ސާވިސްގައި މަސައްކަތްކޮށްފައިވަނީ 30 ހާހެއްހާ މުވައްޒަފުންނެވެ. ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް ސަރުކާރު ކުންފުނިތަކުގައި 42،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޒަމީރު މިހެން ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ، ސަރުކާރުން އަންގާފައި ވަނީ ކުންފުނިތަކުގެ މިހާރުގެ އޮޕަރޭޝަންސްއަށް ބަލާފައި އެކަށީގެންވާ އަދަދަކަށް މުވައްޒަފުންގެ ބައިތިއްބަން ކަމަށެވެ. އަދި، މި ގޮތަށް ވަޒީފާތަކުން ވަކިކުރާއިރު ވެސް، ގާނޫނުތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރަން އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ ވާހަކަ ދެކެވޭއިރު އެފަދަ ކުންފުނިތަކަށް އިންތިޚާބުތަކާއި ދިމާކޮށް މުވައްޒަފުން އިތުރުކުރާ ވާހަކައަކީ ފާއިތުވީ ދެސަރުކާރުގައި ވެސް ދެކެވިފައިވާ ވާހަކައަކެވެ. މިވާހަކަ އިތުރަށް ފޯރިގަދަ ވެފައިވަނީ ފާއިތުވީ ލޯކަލް ކައުންސިލް އިންތިޚާބުން ގިނަ ގޮޑި ތަކެއް އިދިކޮޅުން ގެންދިއުމާއި ގުޅިގެންނެވެ.



ޚިޔާލުތައް