އަތޮޅުގެ ކުރިއެރުމާއި ތަރައްގީގައި އިސްދައުރެއް އަދާކުރާ އެންމެ އިސް އެއްމޭސްތިރިއަކީ އަތޮޅުވެރިޔާއެވެ. އެކަހެރިކޮށް ވަކިން އޮންނަ ފުވައްމުލަކުގެ މިހާ ހިސާބަށް ވާސިލުވުމުގައި ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވި ބޭބޭފުޅުންގެ ހިއްސާބޮޑެވެ. ސިޔާސީ ކުށްވެރިން އަރުވާލާ ރަށެއްގެ ގޮތުގައި ފުވައްމުލައް އޮތުމުން މިރަށުގެ ހިންގަން ޢައްޔަން ކުރެވުނު ބޭފުޅުންނަކީ ދައުލަތަށް ނުހަނު ވަފާތެރި ބޭފުޅަކަށްވުން ވަރަށް މުހިންމުވާނެއެވެ. ފުވައްމުލަކު ތާރީޚަށް ބަލާއިރު ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވި ބޭބޭފުޅުން އެގެން އޮތީ 1950ގެ ފަހުންނެވެ. އެގޮތުން އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރައްވާފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވާފައިވަނީ މަޝްހޫރު ތާރީޚް އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީއެވެ. އެއަށްފަހު 2008 ވަނަ އަހަރު އަތޮޅު ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލާއިއެކު އަތޮޅުރިންގެ މަގާމު އުވި އަތޮޅު ކައުންސިލަށް ބަދަލުވެގެންދިޔައެވެ.
މިސިލްސިލާގައި މިގެނެސްދެނީ 1950 ވަނަ އަހަރުންފެށިގެން ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވި ބޭބޭފުޅުންގެ ތައާރަފެވެ.
4- އަލްފާޟިލް ޙަސަން އާދަމް މަނިކު (ސިކުނޑި ޙަސަން މަނިކު)، މ.އެވާޕިންކް، މާލެ ( 1958 – 1959)
އަލްފާޟިލް ޙަސަން އާދަމް މަނިކު ފުވައްމުލަކު އަތޮޅުވެރިކަމަށް އިސްކުރެވުނީ 11 މާރިޗު 1958 ވަނަ ދުވަހުއެވެ. ފުވައްމުލަކު އަތޮޅުވެރިކަން 10 މަހާއި 14 ދުވަހު ކުރެއްވުމަށްފަހު އެމަގާމުން ވަކިވީ 25 ޖެނުއަރީ 1959ގައެވެ.
ސިކުނޑި ޙަސަން މަނިކު” ގެ ނަމުން މަޝްހޫރުވެފައިވާ ޙަސަން އާދަމް މަނިކަކީ ދިވެހިރާއްޖޭގެ އިދާރީ ހިންގުމުގައި ޚާއްޞަ ހުނަރުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަތޮޅުވެރިކަމުގެ މަގާމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަސްތަކުގައި، ޙަސަން އާދަމް މަނިކު އިސްކަންދެއްވީ އޮފީހަށް އިދާރީ ހަރުދަނާކަން ގެނައުމަށެވެ. އެގޮތުން އޮފީހުގެ ލިޔެކިޔުންތަކުގެ ނިޒާމު ބައްލަވައި، އިދާރީ ހިންގުމުގައި ހުރި އުނިކަންކަން ފާހަގަކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެނައުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވިއެވެ. މިގޮތުން ކުރެއްވި ދިރާސާތަކުން ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ އޮފީހުގެ ދުވަހު ޔައުމިއްޔާއެއް ލިޔެވެމުން ނުދާކަމެވެ. މިކަން އިޞްލާޙުކުރުމަށްޓަކައި 1958 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ޔައުމިއްޔާ ލިޔުމުގެ އުޞޫލު ތަޢާރަފުކުރައްވައި، އެކަމަށް ޚާއްޞަ މުވައްޒަފުން ކަނޑައަޅުއްވައި، އޮފީހުގެ ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ.
ޙަސަން އާދަމް މަނިކުގެ ވެރިކަމުގެ ދުވަސްވަރު ފުވައްމުލަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރަށުގައި ހިނގި އެންމެ ފުރަތަމަ މުޒާހަރާއެވެ. މި ތާރީޚީ ހާދިސާ ހިނގީ 1959 ވަނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައެވެ. މި މުޒާހަރާގެ އަސްލަކީ މާލެގަން އަވަށުގެ ބީވާއެއް އެހެން އަވަށެއްގެ މީހަކަށް ޙަވާލުކުރެވުމުން، މާލެގަން އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަތޮޅުގޭ ގޯތިތެރެއަށް އެއްވެ، އެކަމާ ހިތްހަމަނުޖެހި ހަޅޭއްލަވައި، އެ ބީވާކަން އެމީހާގެ ކިބައިން ވަކިކުރުމަށް ގޮވާލުމެވެ.
5- ކުޑަ އަހުމަދު މަނިކު، ހ. އަމަން، މާލެ (1959-1960)
އަލްފާޟިލް ކުޑަ އަޙްމަދު މަނިކު ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަޤާމަށް އައްޔަން ކުރެއްވުނީ 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިފައިވަނީ 1960 ވަނަ އަހަރުގެ ފެބުރުވަރީ 20 ގައެވެ.
އަތޮޅުވެރިކަމުގެ މަޤާމަށް ހަމަޖެއްސެވުނު ނަމަވެސް، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމަށް ފުވައްމުލަކަށް ވަޑައިގަތުމުގައި އެމަނިކުފާނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މިގޮތުން، ފުވައްމުލަކަށް ދަތުރުކުރެއްވުމަށް މާލެއިން ފުރާވަޑައިގެންނެވި އޮޑި ކޮޅުނބަށް ދަތުރުކުރި ހާދިސާއާ ގުޅިގެން، އެނބުރި މާލެ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއެވެ.
އެ ދުވަސްވަރު ދެކުނުގެ ބަޣާވާތް ކަމަށް މަޝްހޫރު “އައްޑޫ ގަޑުބަޑު” ގައި ފުވައްމުލައްވެސް ބައިވެރިވެ، ދިވެހި ދައުލަތާ އިދިކޮޅަށް ހަރަކާތްތައް ހިންގަން ފަށާފައިވުމުން، އަތޮޅަށް ވަޑައިގަތުމަށް އިތުރު ހުރަސްތައް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން، އަތޮޅުވެރިކަމުގެ މުއްދަތުގައި އަލްފާޟިލް ކުޑަ އަޙްމަދު މަނިކަށް އަތޮޅަށް ވަޑައިގެން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފުރުޞަތު ނުލިބި، މަޤާމުން ވަކިވެވަޑައިގެންނެވިއެވެ.
6- އިބްރާހިމް މުހައްމަދު ދީދީ، ބަހާރުގެ، ފުވައްމުލައް (1964-1971)
ކޭހިގޭ އިބްރާހިމް ދީދީ ނަމުންވެސް މަޝްހޫރުވެފައިވާ ބަހާރުގޭ އިބްރާހިމް މުހައްމަދު ދީދީ ފުވައްމުލަކު އަތޮޅުވެރިކަމާއި ހަވާލުވެވަޑައިގަތީ 1964 ވަނަ އަހަރު ޖުލައި 18 ވަނަ ދުވަހުއެވެ. ޖުމްލަ 7 އަހަރާއި 6 މަހާއި 21 ދުވަހު އަތޮޅުވެރިކަން ކުރެއްވުމަށްފަހު އެމަގާމުން ވަކިވެވަޑައިގަތީ 1971 ވަނަ އަހަރު އެޕްރީލު 12 ވަނަ ދުވަހުގައެވެ. އަތޮޅުވެރިކަން ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ހުންނެވީ ފުވައްމުލަކުގެ ކުޑަ ކަތީބެއްގެ މަޤާމުގައެވެ. އެމަނިކުފާނުގެ ޚިދުމަތުގެ ދައުރުގައި ފުވައްމުލަކުގެ އިޖްތިމާޢީ އަދި އިދާރީ ހިންގުން ވަރަށް ބޮޑަށް ހަރުދަނާވެގެން ދިޔައެވެ.
އިބްރާހިމް މުޙައްމަދު ދީދީގެ އަތޮޅުވެރިކަމުގެ ދަށުން ފުވައްމުލަކަށް ގިނަ އުމްރާނީ ތަރައްޤީތަކެއް ލިބިގެން ދިޔައެވެ. އެގޮތުން، ރަށުގެ މަގުތަކުގެ މަގުފާރު ރޭނުވުމާއި، މިސްކިތްތަކުގެ ޙަރިންމަ ފާރު ރޭނުވުން ހިމެނެއެވެ. މީގެ އިތުރުން، އަތޮޅު ކޮމިޓީ އޮފީސް ރާނައި ނިމި، 1969 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެތަނުން ޚިދުމަތް ދޭން ފެށުނެވެ. އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެމަނިކުފާނުގެ އަތޮޅުވެރިކަމުގައި ރަށު އޮފީހަށް ކުޑަ ކަތީބެއްގެ މަޤާމު ސަރުކާރުން އިތުރުކޮށްދެއްވިއެވެ.
އަލްފާޟިލް އިބްރާހިމް މުޙައްމަދު ދީދީގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށުގެ އިންތިޒާމުތަކަށް ގެނެސްދެއްވި ބަދަލުތަކެވެ. 1968 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ އަތޮޅުވެރިޔާއާއި ރަށުގެ ވެރިން ބޭއްވި ބައްދަލުވުމެއްގައި، ގެތަކަށް ނަން ކިޔާ، އެ ނަންތައް ފާސްކޮށް، ނަން ބޯޑު ހަރުކުރަން ނިންމިއެވެ. މިއީ ރަށުގެ އެޑްރެސް ނިޒާމު ހަރުދަނާކޮށް، ރަށުތެރޭގެ އިންތިޒާމުތައް ފުރިހަމަ ކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، 1967 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ކުރާ ތަންތަނުން ވިޔަފާރި ކުލި ނަގަން ފެށުމަކީ ރަށުގެ އިޤްތިޞާދީ އާމްދަނީ އިތުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
ފުވައްމުލަކަށް މުވާސަލާތީ ޚިދުމަތް ލިބިގެންދިއުމަކީވެސް އިބްރާހިމް މުޙައްމަދު ދީދީގެ އަތޮޅުވެރިކަމުގެ ދައުރުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. 1965 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ފުވައްމުލަކަށް އެންމެ ފުރަތަމަ ބޭރު އަތޮޅަކުން މެސެޖެއް ލިބުނެވެ. އެއީ އައްޑޫ އިން ވޯކީޓޯކީ މެދުވެރިކޮށް ލިބުނު މެސެޖެކެވެ. އޭގެ ފަހުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ މެސެޖްތައް ލިބެން ފެށުމުން، ފުވައްމުލަކާއި މާލެއާ ދެމެދު މުވާސަލާތު ގާއިމުވިއެވެ. މީގެ އިތުރުން، 1965 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ރޯނު ވެށުމުގެ މުބާރާތެއް ބޭއްވުމަކީ ރަށުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެޅުއްވި ފިޔަވަޅެކެވެ.

ޚިޔާލުތައް