ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން ގެންދާ ފުނަ ހަރަކާތުގެ ފުވައްމުލަކުގައި އިއްޔެ ބާއްވައިފިއެވެ. އިއްޔެ ހަވީރު ކުރިއަށްދިޔަ ހަރަކާތުގައި ފުވައްމުލަކުގެ ސްކޫލްތަކާއި ބައެއް ކައުންސިލްތަކާއި ޖަމިއްޔާތަކުން ޘަގާފީ، ތާރީޚީ އެކި އައިޓަމްތައް ހުށައަޅައިދިނެވެ.
އެގޮތުން، މަދަރުސަތުލް ޝެއިޙް މުޙައްމަދު ޖަމާލުއްދީން އާއި ހާފިޒް އަޙުމަދު ސްކޫލް އިން ދިވެހި ޘަޤާފަތް ދައްކުވައިދޭ ނެށުންތަކެއް ހުށައަޅައިދިން އިރު، ޏ.އަތޮޅު ތައުލީމީ މަރުކަޒުން ހުށަހަޅައިދިނީ ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމު ތައްރަޤީވެގެން އައި ގޮތެވެ. މީގެ އިތުރުން، އަންހެނަކަށް ނުރައްކާތެރި ބައްޔެއް ޖެހުމުން، އޭނާ އެކަހެރި ކުރެވުނު ގޮތް ކަމަށް ބުނެ ޒަމާނުއްސުރެ މި ކިޔަމުން އައި ވާހަކައެއް، ފުވައްމުލަކު ސްކޫލްގެ ދަރިވަރުން ވަނީ ޑްރާމާއެއްގެ ގޮތުގައި ހުށައަޅާދީފައެވެ.
ފުނާޑު އަންހެނުންގެ ކޮމިޓީއިން މާލޫދު ކިއުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ދައްކާލާފައިވާއިރު، ފުނާޑު ކައުންސިލުން ވަނީ ރަށުގައި ދޯނި އެހެލައި އުޅުނު ގޮތް ނެށުމެއްގެ ތެރެއިން ދައްކާލާފައެވެ.
މީގެ އިތުރުން، މިސްކިތްމަގު ޒުވާމުންގެ ފަރާތުން ދިވެހިންގެ ދިރިއުޅުން، އެކި ޒަމާނުގައި ބަދަލުވެގެންގޮސް، ދިވެހިންގެ އިޖުތިމާޢީ ފޭރަން ވީދިގެން ގޮސްފައިވާ ގޮތް، ޕެރޭޑެއް މެދުވެރިކޮށް ވަނީ ދައްކާލާފައެވެ.
ޚިޔާލުތައް