A wide advertisement which will be shown on all devices. (700 x 100)

ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރަނީ

ފުވައްމުލަކު ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތައް

ތައުލީމީ ދާއިރާގެ އާ އޮނިގަނޑަށް ނުފެތޭ ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރުވާ ޑެޕިއުޓީ ޕްރިންސިޕަލުން އެހެން މަގާމަކަށް ބަދަލުވުމަށް ނުވަތަ އަމިއްލައަށް އިސްތިއުފާ ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދީފައިވާ މުހުލަތު ނިމުނު ޖުލައި 31 އަށް ވަނީ ހަމަވެފައެވެ. އަދި އެހިސާބަށް ވަކިގޮތެއް ނުނިމާ ތިބި ފަރާތްތައް މަގާމުން ވަކިކުރެވޭނެ ކަމަށް ކުރިން އަންގާފައިވާ ކަމަށާއި މިހާރު އެފަރާތްތަކަށް ވަޒީފާއިން ވަކިކުރިކަން އަންގަމުންދާ ކަމަށް ސްކޫލްތަކުގެ ބައެއް އިސްފަރާތްތަކުން މައުލޫމާތު ދެއްވައެވެ.

އެގޮތުން ފުވައްމުލަކު ސްކޫލްތަކުގައި ތިބި ޑެޕިއުޓީ ޕްރިންސިޕަލުންގެ ހަ ފަރާތަކަށް ގޮތެއް އިޚުތިޔާރުކުރުމަށް މުހުލަތު ދިނެވެ. އަދި އެއިގެ ތެރެއިން އެއް ޑެޕިއުޓީ ޕްރިންސިޕަލަކު ވަޒީފާއިން ވަކިކުރި ކަން އަންގައި އެފަރާތަށް ސިޓީ ފޮނުވަފައިވާކަމަށް މިކަލް ނޫހަށް ވަނީ އެނގިފައެވެ. މިކަމާއި ކުރިމަތިލަން ޖެހުނު ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިކަލް ނޫހުން ވަނީ މަސައްކަތްކޮށްފައެވެ.

ހާފިޒް އަހުމަދު ސްކޫލް (ހޭޒް)ގެ ދެ ޑެޕިއުޓީ ޕްރިންސިޕަލަށްް އެހެން ވަޒީފާއަކަށް ބަދަލުވުމަށް ނުވަތަ އިސްތިއުފާ ދިނުމަށް ވަނީ އަންގަވާފައެވެ. އެއީ ޑެޕިއުޓީ ޕްރިްނސިޕަލް އަޙުމަދު އަލިދީދީއާއި ޑެޕިއުޓީ ޕްރިްނސިޕަލް އާމިނަތު އަޙުމަދެވެ. އެއިގެތެރެއިން އަޙުމަދު އަލިދީދީ އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފުވައްމުލަކުގެ ތައުލީމީ ދާއިރާއަށް އެކިގޮތްގޮތުން ގިނަ ޚިދުމަތްތަކެއް ކޮށްދެެއްވާފައިވާ ފަރާތެކެވެ.

އަޙުމަދު އަލިދީދީ ވަނީ އަތޮޅު މަދަރުސާގެ ދުވަސްވަރުން ފެށިގެން ތައުލީމީ މަރުކަޒުގައި ވެސް މުދައްރިސެއްގެ ގޮތުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ފުވައްމުލަކު ސްކޫލް (އެފްއެސް) ގައި ހެޑްމާސްޓެރެއްގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެ ސްކޫލް ހިންގެވުމަށް އިސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އަޙުމަދު އަލިދީދީ ވަޒީފާއިން ރިޓަޔަރ ކުރުމަށް އެދިފައި ވަނީ އެޑިއުކޭޝަނުގެ އެންގެވުމުގެ މަތިން، ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ހުންނަވައެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އަޙުމަދު އަލިދީދީ ވިދާޅުވީ، “މިހާރުވަނީ 55 އަހަރު ވުމުން ލިބޭ ރިޓަޔަރމެންޓް ސްކީމުގެ ދަށުން ވަޒީފާއިން ވަކިވެފައި. އެގޮތަށް ހަމަޖެހުނީ އަޅުގަނޑު އަމިއްލައަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން. އަދި އެކަމާއި ގުޅޭ ފޯމުތައް ފުރާ ފުރިހަމަ ކުރުމުން މިހާރު ވަނީ ހުރިހާކަމެއް ހަމަޖެހި ނިމިފައި” ކަމަށެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި އަޙުމަދު އަލިދީދީ ސިވިލްސާރވިސްގެ ވަޒިފާއިން ރިޓަޔަރ ކުރެއްވުމަށް ފަހު މިހާރުވަނީ ޒިކުރާ އިންސްޓިޓިއުޓާއި ގުޅިފައެވެ.

ހާފިޒު އަހުމަދު ސްކޫލުން ދެން ސިޓީ ލިބުނު އާމިނަތު އަޙުމަދަށް ގުޅާލުމުން މިކަލް ނޫހަށް އެއްވެސް މައުލޫމާތެއް ހިއްސާކުރައްވަން ބޭނުންފުޅު ނޫންކަމަށް މާފާއެކު ދެންނެވިއެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މިކަމުގައި އާމިނަތު އަޙުމަދު އާއި އެޑިއުކޭޝަނުގެ ކަމާބެހޭ އިސްފަރާތްތަކާއި ދެމެދު ކުރެވުނު މުއާމަލާތުތައް އެހާ ރަނގަޅު ނޫންކަމަށް ވެއެވެ. އާމިނަތު މަސައްކަތް ކުރެއްވީ ސިޔާސީ ފަރާތްތައް މެދުވެރިކޮށް ވަޒީފާގައި ހުންނެވުމަށް ކަމަށް މުއުތަބަރު ފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ. އެގޮތުން ސިޔާސީ ނުފޫޒުގައި އެވަޒީފާގައި އޭނާ ބެހެއްޓުމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރުތަކެއް އައިކަމަށް ވެސް ވެއެވެ. އައިމިނަތު އަހުމަދަށް ހޭޒްގެ ލީޑިން ޓީޗަރެއްގެ މަގާމު ހަމަޖައްސަން އުޅުމުންވެސް އެކަމާ ނުރުހުންވި ކަމަށް އެގިފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ރަނގަޅަށް އެނގޭ ފަރާތަކާއި ހަވާލާދީ މިކަލް ނޫހަށްް މައުލޫމާތު ދިން ފަރާތަކުން ބުނީ މަގާމުގެ ޝަރުތު ހަމަނުވި ކަމުގައި ވިޔަސް އާމިނަތު ބޭނުންވީ ހޭޒްގެ މިހާރު ހުރި ވަޒީފާގައި ހުރުމަށް ކަމަށާއި ނަމަވެސް ހޭޒުގައި އޮތީ ޑެޕިއުޓީ ޕްރިންސިޕަލްގެ އެއް މަގާމަށްވެފައި އެމަގާމަށް ޝަރުތު ހަމަވާ މީހަކު ލުމުގެ ކަންތައްތައް މިހާރު ވަނީ ނިމުމާހަމާގައި ކަމަށެވެ. ވުމާއެކު މަގާމުގެ ޝަރުތު ހަމަނުވާ މީހަކު އެމަގަމުގައި ނުބެހެއްޓޭނެ ކަމަށާއި، އެހެން ވަޒީފާއަކަށް ބަދަލުވާން ދިން ފުރުސަތުތައް ދޫކޮށް، މުއްދަތު ފާއިތުވެ ދިޔައިރު ވެސް ކަންކުރަންވާ ގޮތް ކަމާގުޅޭ ފަރާތަށް އަންގާފައި ނުވާކަމަށެވެ.

މިމައްސަލާގައި އެޑިއުކޭޝަނުގެ ކަމާގުޅޭ ސެކްޝަނުގެ ބައެއްފަރާތްތަކާއި އާމިނަތުއާއި ދެމެދު ވަަރަށް ބޮޑު ނުތަނަވަސްކަމެއް ހިނގިކަމަށް ވެއެވެ. އެޑިއުކޭޝަންގެ ފޯން ކޯލްތަކަށް އާމިނަތު ޖަވާބުދާރީވާ ގޮތާއިމެދުވެސް އެފަރާތުން ހިތްހަމަނުޖެހޭ ކަމަށް ނަން ނުޖެހުމަށް އެދި މިކަލް ނޫހަށް މައުލޫމާާތު ދިން ފަރާތުން ބުންޏެވެ.

އެމްޖޭއެމް އިން އެސިޓީ ލިބުނު ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ސައީދު އަބްދުއްﷲ މައުލޫމާތު ދެއްވި ގޮތުގައި ވަޒީފާއިން ރިޓަޔަރ ކުރުމަށް އެޑިއުކޭޝަނުގައި ވާނީ މުއްދަތުގެ ތެރޭގައި އެދިފައި ކަމަށާއި ނަމަވެސް އަދި ވަކިޖާވާބެއް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ. މުޙައްމަދު ސައީދަކީ ވެސް ފުވައްމުލަކުގެ ތައުލީމަށް ގިނަގުނަ ޚިދުމަތްތަކެއް، މުދައްރިސެއްގެ ހައިސިއްޔަތުންނާއި ސްކޫލް ހިންގުމުގެ ގޮތުން ވެސް ވެދީފައިވާ ފަރާތެކެވެ.

އެމްޖޭއެމްއިން ދެން މިހާލަތު ދިމާވެފައި ވަނީ ޑެޕިއުޓީ ޕްރިންސިޕަލް އަލީ ނިޒާރަށެވެ. އެސްކޫލަގައި އޮތް އެޑްމިނިސްޓްރޭޓަރގެ މަގާމަށް އޭނަ ބަދަލުވުމަށް ނިންމާފައިކަމަށް އެމްޖޭއެމްގެ ޕްރިސިންޕަލް އާރިފާ އަބްދުލް މަޖީދު މައުލޫމާތު ދެއްވިއެވެ. އާރިފާ ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ވެސް އެޕްލައިވާ ގަވާއިދަކަށް ވާއިރު ވަކިމީހަކު މިއިން އިސްތިސްނާ ނުވާނެ ކަމަށެވެ. ހުށަހެޅުނު އޮފަރތައް ގަބޫލުނުކުރާ ފަރާތްތައް މަގާމުން ވަކިކޮށް މިހާރު އެފަރާތްތަކަށް ސިޓީ ފޮނުވަފާއިވާކަމަށް މައުލޫމާތު ދެއްވިއެވެ.

“މުޅިރަށުގައި ވެސް އޮތީ ޑެޕިއުޓީ ޕްރިންސިޕަލުންގެ ދެމަގާމު. އެދެމަގާމަށްް ހޮވާފައި އެތިބީ އެންމެ ކޮލިފައިޑް މަތީ ފަސް ތިބި ދެމީހުން. އެއީ ހޭޒަށް ޒިދުނާ، އަދި އޭއީސީއަށް އީނާސް. އެ ދެބޭފުޅުންނަކީ ވެސް ފަސްޓްޑިގްރީ އަދި މާސްޓަރސް ޑިގްރީ އޮތް ބޭފުޅުން” އާރިފަ ކިޔަދެއްވިއެވެ.

އެޑިއުކޭޝަނުގެ އާ މިންގަޑުގެ ދަށުން އެމްޖޭއެމްއަށް ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމެއް ނުލިބެއެވެ. އެއީ 500 ކުދިންނަށް ވުރެ އާބާދީ ދަށްވުމުންނެވެ.

ފުވައްމުލަކު ސްކޫލް (އެފްއެސް)ގެ ޑެޕިއުޓީ ޕްރިންސިޕަލް އައްބާސް އަޙުމަދު ވެސް ވިދާޅުވީ ވަޒީފާ ބަދަލުކުރުމަށް ދެވިފައިވާ މުއްދަތުގެ (31 ޖުލައިގެ ކުރިން) ތެރޭގައި ވަކިގޮތެއް ނުނިމޭ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ކުރިން އަންގާފައިވާ އެންގުމާއި އެއްގޮތަށް އަމަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގަވާފައި ވާ ކަމަށެވެ.

“އަޅުގަޑު އެދެނީ ވަޒީފާގައި ހުރުމަށް. ނަމަވެސް މިވަގުތު އެޑްމިނިސްޓްރޭޓަރެއްގެ ވަޒީފާ ރަށުގެ ސްކޫލެއްގައި ނެތުމުން ވިސްނަނީ ކައިރި ރަށަކަށް ވެސް ބަދަލުވާން. ރަށުން އެފަދަމަގާމެއް ހުސްވުމުން ލިބޭނެކަމަށް އެޑިއުކޭޝަނުން ބުނޭ. ބޭނުން ވަނީ ވަޒީފާ މެދުނުކެނޑޭ ގޮތަށް ހުރުމަށް. އެގޮތަށް ވާން އޮތީ މިހާރު ބަދަލުވެގެން. އެހެންވެ އެގޮތަށް މިއަދު މިނިންމީ”. އައްބާސް މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިކަލް ނޫހަށް އެގިފައިވަ ގޮތުގައި އައްބާސް ބަދަލުވާ އުޅުއްވަނީ އައްޑޫގެ ސްކޫލެއްގެ އެޑްމިނިސްޓްރޭޓަރެއްގެ މަގާމަށެވެ.

އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އަހުމަދު ސިޔާމު (އޮސީ) ވަނީ އެސްކޫލުގެ އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބަދަލުވާން ނިންމާފައިކަމަށް މިކަލް ނޫހަށް އެގިފައިވެއެވެ. އަދި ކުދިންގެ ނިސްބަތުން (500 އަށް ވުރެ ގިނަ ވުމުން) އޭއީސީއަށްލިބޭ އެއް ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވީ އީނާސް އަލީ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !