މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިއުމަންރައިޓްސް ކޮމިޝަނުގެ މެމްބަރުކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ފުވައްމުލަކު ފާތު، ޝިފާގު މުފީދު (ހިސްޓޯ)، އައްޔަން ކުރައްވައިފައެވެ. ޝިފާގުގެ އިތުރުން އެކޮމިޝަނަށް އިތުރު ދެ އަންހެން ބޭފުޅުން ވެސް ވަނީ އައްޔަން ކުރައްވާފައެވެ. އެއީ ހ، ހަބަރުގޭ އައިމިނަތު އީނާސް އާއި މ. ކޮރަލް ގާޑްންސް އާއިޝަތު އަފްރީން އެވެ.
ޝިފާގު މުފީދު ވަނީ އެމްޑީޕީ ޓިކެޓްގައި މަޖުލީހަށް ހޮވިގެން ޑިއާރުޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގައި ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ މަޖުލިސް ގޮނޑި އެއް ދައުރު ފުރިހަމަ ކުރައްވާފައެވެ. ޝިފާގު މިމަގާމަށް ކުރިމަތިލައްވަން ދެން ހުންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށް ވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގައި ހިމެނޭ 5 މެމްބަރުންގެ ތެރެއިން 3 މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުން އަލަށް އައްޔަން ކުރައްވާފައި ވަނީ މިތިން މެންބަރުންނެވެ. އެއީ މިހާރުގެ ރައީސް އަޒުރާއާއި ނާއިބު ރައީސް ތޮލާލު އާއި މެމްބަރު ޖީހާން ގެ ބަދަލުގައެވެ.
ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިދައުރުގައި އޮތީ މިނިވަން މުއައްސަސާތައް ޕީޕީއެމްގެ ބާރުގެ ދަށަށް ގެނައުމެވެ. އެގޮތުން އިލެކްޝަން ކޮމިޝަނާއި ޕީޖީ އޮފީސް އަދި ޖުޑިޝަރީ ބަދަލުކޮށްލާފައި ވަނީ ޕީޕީއެމުން ބޭނުންވާ ގޮތަށް އެމުއައްސަސާތަކުން ކަންތައްތައް ކުރުމަށް ކަމަށް، އިދިކޮޅު ފަރާތްތަކުން އަޑުއުފުލައެވެ. އަދި މިހާރު ހިއުމަން ރައިޓްސް ކޮމިޝަން ވެސް ޕީޕީއެމްގެ ބާރުގެ ދަށަށް ގެނައީ ކަމަށް ބުނެ އަޑުއުފުލަމުން ދެއެވެ.
ޚިޔާލުތައް