މިއަދު މާލޭގައި ނިމިގެންދިޔަ 3 ވަނަ ބައިނަލް އަގުވާމީ ޓީޗަރސް ކޮންފަރެންސްގެ ވީޑިއޯ ކޮމްޕެޓިޝަންގެ ސްކޫލް ކުދިންގެ ބައިން އެންމެ މޮޅު ދެ ވީޑިއޯއަށް ހޮވިފައި ވަނީ ފުވައްމުލަކުގެ ދަރިވަރަކާއި އައްޑޫގެ ދަރިވަރެއްގެ ވީޑިއޯއެވެ. އެގޮތުން އެންމެ މޮޅު ވީޑިއޯގެ ތެރޭގައި ހިމެނޭ ފުވައްމުލަކަށް ނިސްބަތްވާ ދަރިވަރަކީ ރަންދާ މުހައްމަދު ޝިހާބު/ ރިހިދޫލަގެ، ހޯދަޑު ހުށަހެޅި “ރަންދު- ޓެކްނޮޮޖީ އެންހޭންސްޑް މައި ލާރނިން” ވީޑިއޯއެވެ. އެއްވަނައަށް އައި ދެފަރާތަށް ވެސް ދިރާގު އަދި ބަނޑޮސް އައިލެންޑް ރިޒޯޓުން ވަނީ އަގުހުރި އިނާމުތަކެއް ހަދިޔާ ކޮށްފައެވެ. އިނާމު ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއޝަތު ޝިހާމެވެ.
މިއަދު ގައުމީ ޔުނިވަރސިޓިގެ އޯޑިޓޯރިއަމްގައި ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތުގައި ނަތީޖާ އިއުލާން ކުރި ޖަޖުންގެ ޕެނެލްގެ މެންބަރު ވިދާޅުވީ ހުށަހެޅުނު، ޓެކްނިކަލީ މޮޅު ބައެއް ވީޑިއޯތައް ޑިސްކޮލިފައި ވެގެން ދިޔައީ އަސްލު މައުޟޫއާއި ހުރި ގުޅުން ކުޑަ ވެގެން ކަމަށެވެ. އަދި މިއީ ފުރަތަމަ މުބާރާތަށްވެ، މިފަހަރު ބޮޑަށް ބަލާފައި ވަނީ މައުޟޫއު ކަމަށްވާ ތިމާގެ އުނގެނުމުގައި ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ތަފާތު ގޮތްތަކުގެ މައްޗަށެވެ. އެގޮތުން އުނގެނުމަށް ތަފާތު ޓެކްނޮލޮޖީގެ ވަސީލްތްތައް ބޭނުންކުރުމާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް އުފެއްދުމާއި، އެވަސީލައްތައް އެހެން މީހުނާއި ޝައަރ ކޮށްފައިވާ މިންވަރަށް އިސްކަންދީގެން ބެލުނު ކަމަށެވެ.
މިފަހަރުގެ މުބާރާތުން ވަރަށް ފުރިހަމަ ދެ ވީޑިއޯއެއް ފާހަނގަ ކުރެވިފައި ވުމާއެކު ތަފާތު ގިނަ ވަނަތަކެއް ހޮވުމުގެ ބަދަލުގައި އެދެ ވީޑިއޯ ހެދިފަރާތަކީ އެންމެ މޮޅު ފަރާތް ކަމުގައި ޖަޖުންގެ ޕެނެލުން ނިންމީކަމަށް ވިދާޅުވިއެވެ.
ރަންދު- ޓެކްނޮޮޖީ އެންހޭންސްޑް މައި ލާރނިން
ޚިޔާލުތައް