ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 16އަހަރުގެ ދަރިވަރު އިބްރާހިމް އަޝްފާނު އަލީ، 200 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑްވެސް މުގުރާލައިފިއެވެ. 200 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑް އަޝްފާނު މުގުރާލައިފައިވަނީ އިއްޔެ ސަމޯއާގައި ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގެ 200 މީޓަރު ދުވުމުގައި ބައިވެރިވެގެނެވެ. އަޝްފާނު އިއްޔެ 200 މީޓަރ ދުވުމުގެ ރެކޯޑް މުގުރާލައިފައިވާ އިރު އޭނާ ވަނީ އޭގެ ކުރީ ދުވަހު 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑްވެސް މުގުރާލައިފައެވެ.
އަށްބައިވެރިން ބައިވެރިވި ހީޓުން 22.58 ސިކުންތުން ރޭސް ނިންމައި ހީޓުގެ ހަވަނަ ލިބުނު ނަމަވެސް، އެއީ ކުރިން ގައުމީ ޔޫތު ރެކޯޑް ހަދާފައިވާ ހުސެއިން ޝަހުދާން ފަހުމީ އަށްވުރެ 0.36 ސިކުންތު އަވަސް ވަގުތެކެވެ.
ފުވައްމުލަކަށް ނިސްބަތްވާ، އަލީ ޝާމް އިއްޔެ ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ އިވެންޓުގައި ވާދަކޮށް 23:09 ސިކުންތުން ރޭސް ނިންމި އެވެ. މިއީ 400 މީޓަރު ދުވުމަށް ހާއްސަވެފައިވާ ދުވުންތެރިއަކާ ބަލާއިރު ވަރަށް ރަނގަޅު ސްޕީޑެއް ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެއެވެ. އޭނާ ވެސް ދިޔައީ ހީޓުގެ ހަ ވަނަ އަށެވެ. މި ޓައިމިން އަކީ، މީގެ ކުރިން 25 ސިކުންތުން 200 މީޓަރު ރޭސް ނިންމި ޝާމްގެ ޕާސަނަލް ބެސްޓެވެ.
މިމުބާރާތުގެ ދުވުމުގެ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ ތިންވަނަ ބައިވެރިޔާ ޚަދީޖާ އަހުމަދު 200 މީޓަރު ދުވުމުގައި ވާދަކޮށް ރޭސް ނިންމީ 28:80 ސިކުންތުންނެވެ. މި ޓައިމިން އަކީ، ޚަދީޖާ އަހުމަދުގެ ވެސް ޕާސަނަލް ބެސްޓެކެވެ. މި ތިން އެތުލީޓުންނަކީ ވެސް މަކީޓާ އެޓޯލް އެތުލެޓިކްސް މުބާރާތުގެ ޏ.އަތޮޅު ތައުލީމީ މަރުކަޒު ތަމްސީލު ކުރި ޓީމުން ވިދާލި ތިން ބައިވެރިންނެވެ. ފުވައްމުލަކު ދަރިވަރުން ޖޫނިއަރ އެތްލެޓިކްސްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދެއެވެ. މިޓީމްގެ ކޯޗަކީވެސް ފުވައްމުލަކަށް ނިސްބަތްވާ މަރިޔަމް އަބްދުލް ޤާދިރުއެވެ.
ޚިޔާލުތައް