ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ފްރީގައިޒް ވޮލީ ބޯލް” މުބާރާތުގެ ގަވާއިދުގައި މައްސަލަތަކެއް ހުރިކަމަށްބުނެ މުބާރާތުގައި ބައިވެރިވި ޓީމަކުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް އިން މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ގަވާއިދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އަދި އެމައްސަލަ އެކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
މިކަލް ނޫހަށް އެގިފައިވާ ގޮތުގައި އިއްޔެ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިސްކިތްމަގު ޓީމުންނެވެ. އެޓީމުން މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މުބާރާތުގެ ގަވާއިދުގައި ރަށުން ބޭރު ކުޅުންތެރިން މާނަ ކުރުމުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މުބާރާތުގެ ގަވާއިދުގައި ބުނެފައިވާ ގޮތާއި ލާމަރުކަޒީ ގާނޫނުގައި ފުވައްމުލަކު އަވަށްތައް މާނަ ކޮށްފައިވާ ގޮތާއި ހިލާފްވުންތަކެއް އުފެދޭތީ އެމައްސަލަ ހައްލުކުރުމަށް ކޯޓަށް ހުށަހެޅީކަމަށް އެގިފައިވެއެވެ. އަދި އެޓީމުން ކޯޓްގައި އެދިފައިވަނީ މައްސަލަ ބަލާ ނިމެންދެން މުބާރާތް ނުފެއްޓުމަށް ކޯޓުން ވަގުތީ އަމުރެއްވެސް ނެރެދިނުމަށެވެ.
މިމައްސަލައާއި ގުޅިގެން މުބާރާތުގައި ބައިވެރިވާ ހަ ޓީމުގެ ތެރެއިން ގިނަ ޓީމްތައް މިމައްސަލާގައި ތަދައްހުލްވެފައިވެއެވެ. މިމައްސަލަ ކުރިއަށް ގެންދާނެ ތާރީހެއް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަދި ކަނޑައަޅާފައެއް ނުވެއެވެ.
މިއީ ފުވައްމުލަކުގައި ކުޅިވަރު މުބާރާތެއްގެ ގަވާއިދުގެ މައްސަލައެއްގައި ކޯޓަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ޚިޔާލުތައް