ރަސްކަމުގެ ޒަމާނުން ފެށިގެން ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ދައުރާ ހަމައަށް، ދެކުނުގެ ތިން އަތޮޅު (ހުވަދޫ، މުލައް އަދި އައްޑޫ) އަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ ގުޅުންކުޑަކޮށް، އެކަހެރިކޮށް އޮތް އަތޮޅުތަކެކެވެ. މީގެ ތެރެއިންވެސް ފުވައްމުލަކަކީ މާބޮޑަށް އެކަހެރިކޮށް އޮތް އަތޮޅެކެވެ. އައްޑުއާ ހުވަދޫ އާ ދޭތެރޭ، ދެ އަތޮޅުން ކުރެ އަތޮޅަކަށް ލައްވާނުލައި، އެކަނިމާ އެކަނި، އެކަހެރިކޮށް އޮތްނަމަވެސް ބިޔަ ރަށެކެވެ.
ޖޯގްރަފީގެ ގޮތުން ރަށް އޮތް ހިސާބާއި، ލަފާފުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ފުވައްމުލައް ވެފައި އޮތީ، ވެރިކަމާ ތޮޅެން އުޅުއްވާ ގަނޑުވަރުތެރޭ ދެބެންގެ ދެދަރި ބޭފުޅުންނާއި ޅިޔަން ފަހަރިން އަރުވާލާ ރަށެއްގެ ގޮތުގައެވެ. ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ރަށުގެ ޤުދުރަތީ މުއްސަނދިކަން ހުރިގޮތުން، އެހެން އަރުވާލާ ބޭފުޅުންނަށް ގަނޑުވަރުގެ ފަރާތުން ކުރަންޖެހޭ ޚަރަދުވެސް ކުޑަވުމާހެދި، ފުވައްމުލައް ވެފައި އޮތީ “އަރުވާލެވޭ އަމީރުން”ގެ ރަށުގެ ގޮތުގައެވެ.
ފުވައްމުލައް އޮތް އެކަހެރިކަމާއި، ފުރަމާލެ އާ ހުރި ގުޅުން ކުޑަކަމާއި، ސިޔާސީ ކުށްވެރިން އަރުވާލަން ޖެހޭ ރަށަކަށް ވުމުން، މިރަށުގެ ހިންގަން ޢައްޔަން ކުރެވުނު ބޭފުޅުންނަކީ ދައުލަތަށް ނުހަނު ވަފާތެރި ބޭފުޅުންނެވެ.
މިލިޔުމުގައި، 1950 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންގެ ކުރު ތަޢާރަފެއް ގެނެސްދެވޭތޯ ބަލާފައިވާނެއެވެ.
1. އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ، ގ. ސޯސަނީ، މާލެ (1952 ން 1953ށް)
އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ލުޠުފީއަކީ ފުވައްމުލަކުގެ ފުރަތަމަ އަތޮޅުވެރިޔާއެވެ. އަތޮޅުވެރިކަން ކުރައްވާފައިވަނީ 20 ނޮވެމްބަރ 1951 – 5 މެއި 1953 އަށެވެ. އަތޮޅުވެރިކަމަށް އިސްކުރެއްވީ އޭރުގެ ރައީސް މުހައްމަދު އަމީން ދީދީއެވެ. ތާރީޚް ޢިލްމުން މަޝްހޫރުވި އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ، އައްޑޫ ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ) ގެ ދަރިކަލެކެވެ. އައްޑޫ ތުއްތީދީ އަކީ ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ.
ލުޠުފީއަކީ ރަށުގެ އޭރުގެ ގިނަ ރައްޔިތެއް ސިފަކުރައްވާ ގޮތުންނަމަ ފުވައްމުލަކުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއްކޮށް ދެއްވި ބޭފުޅެކެވެ. މުޙައްމަދު އިބްރާހިމް ލުޠުފީގެ އެންމެ ފާހަގަކޮށްލެވޭ ޙިދުމަތަކީ ފުވައްމުލަކުގެ އުމްރާނީ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްތަކެވެ.
އެގޮތުން ލުޠުފީ އެންމެ ފުރަތަމަ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފެއްޓެވީ ފުވައްމުލަކުގެ މަގުތައް ހެއްދެވުމުގެ މަސައްކަތެވެ. އެގޮތުން ލުޠުފީގެ ބެލުމުގެ ދަށުން ފުވައްމުލަކުގެ އޯކިޑްމަގާއި، ޣާޒީ މަގާއި، ބަހާރުމަގުގެ މަސައްކަތްކުރިއަށް ގެންދެވިއެވެ. ލުޠުފީ މިމަސައްކަތުގައި އުޅުއްވަމުންވަނީ ފުވައްމުލަކުގެ ޗާޓު ކުރެއްސެވުމުގެ މަސައްކަތްވެސް ކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކުގެ ރަސްމީ ބޯޅަދަނޑު ހައްދަވައި އެދަނޑުގައި ބޯޅަ ކުޅެން ފެށުނީވެސް ލުޠުފީގެ އަތޮޅުވެރިކަމުގައެވެ.
އިގްތިސާދީގޮތުން ރަށް ކުރިއަރުވައި ވަކި ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ލުޠުފީގެ ދައުރުގައި ރޯނު ވެށުމާއި، ކުނާ ވިއުމަށްޓަކައި ރަށުގެ މެދަށްވާގޮތަށް ތަނެއް ހެއްދެވިއެވެ. އަދި އެދުވަސްވަރު ފުވައްމުލަކުގައި ދިރިއުޅެމުންއައި އެހެން ރަށެއްގެ މީހެއް މެދުވެރިކޮށް އެތަނުގައި އެ މަސައްކަތްތައް ދަސްކޮށްދިނުންވެސް ކުރިއަށް ގެންދެވިއެވެ.
މީގެ އިތުރުން ވިޔަފާރި ކުރުމަށް މާލިއްޔާ ގޭގެ ނަމުގައި 2 ޢިމާރާތެއް ރާނައި މާލެއިން ބިންބި ގެނެސްގެން އެތަނުގައި ވިއްކަން ފެށިއެވެ. ވިޔަފާރި ފުޅާވެ އެތަންތަނުން ވިއްކާ ބާވަތްތައް އިތުރުކުރުމާއި، މާލިއްޔާ ކޮމިޓީއެއް އުފެއްދުމާއި 8 އަވަށުގައި އަންހެނުންގ ކުރިއަރުވާ ކޮމިޓީވެސް ލުޠުފީ އުފެއްދެވިއެވެ.
ފުވައްމުލަކުގެ ފުރަތަމަ ކުޅިވަރު ކުލަބު އުފެއްދުމާއި، ވާދައިގެ ފުޓުބޯޅަ މެޗުތައް ކުޅުމަށްޓަކައި ކައިރި ރަށްތަކަށް ދިއުމާއި ބޮޑުބެރު ޖެހުމާއި އަންހެނުންނަށް ތަފާތު ރާގުތަކަށް ލަވަކިޔަން ދަސްކޮށްދިނުމާއި ބަށި މުބާރާތްތައް ބޭއްވެވިއެވެ،
ތަޢުލީމީ ފުރުސަތުތައް ފަހި ކުރުމުގެ ގޮތުން ރަށްވެހިގޭގައި ޚާއްސަ ކުލާހެއް އުފެއްދުމާއި، އަދަބީ މުބާރާތްތައް ބޭއްވުމާއި، ރަށުގައި ކިޔަވައިދެމުންދިޔަ 4 މަދަރުސާއެއް 2 މަދަރުސާއަށް ބަދަލުކުރެއްވިއެވެ.
ފުވައްމުލަކުގައި އޭރު ފެންވެރުމަށް ބޭނުންކުރަމުން އައި ހުރިހާ ވެއޮތަކެއް ރައްޔިތުންގެ ނުރުހުމާއިއެކުވެސް ފަސްއަޅާ ފޮރުވާލުމަށްފަހު ވަޅުން ފެންވަރަންޖެހޭ ކަމަށް ނިންމެވި ނިންމެވުމަކީ ލުޠުފީ ފުވައްމުލަކުގެ ރައްޔިތުންގެ ސިއްޙީގޮތުން ކުރިމަތިވަމުން އައި ގިނަ މައްސަލަތަކާއި ދުރުވި އަސްލެވެ. ގިނަ ދަތިތަކަކާއި އެކު ރަސްގެފަންނު ނެރު ގޮއްވައިގެން ފުންކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ނިމި، ރަށްވެހިގޭގެ ވަކި ކޮޓަރިއެއްގައި މުޙައްމަދު އިބްރާހިމް ލުޠުފީ ބަންދު ކުރެއްވިއެވެ. އަދި ފުވައްމުލައް ދޫކުރައްވާ ލުޠުފީ ފުރާ ވަޑައިގެންނެވީ 29 ސެޕްޓެންބަރު 1953 ގައެވެ.
2. ނ.ތ މުޙައްމަދު ދީދީ، މއ. ރާވީގެ، މާލެ (1954 ން 1954ށް)
އަލްފާޟިލް ނޫމަރާގަނޑުވަރު ތުއްތުމަނިކުފާނުގެ (ނ.ތ) މުޙައްމަދު ދީދީއަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4 ވަނަ) ގެ އަލްއަމީރު ނޫމަރާގަނޑުވަރު އިބްރާހީމް ތުއްތުމަނިކުފާނުގެ ދަރިކަލެކެވެ. ނ.ތ މުހައްމަދު ދީދީ އަކީ ޝާހީ ޢިއްޒަތްތެރިއެކެވެ. އަދި އެންމެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. މއ. ރާވީގެ، ނ.ތ މުޙައްމަދު ދީދީ ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވީ 28 ފެބްރުއަރީ 1954 – 12 ސެޕްޓެމްބަރ 1954 އަށެވެ. ހަމަ އެދުވަސްވަރު ހުވަދު އަތޮޅު އަތޮޅުވެރިކަށް ހުންނެވީ އޭނާގެ ކޮއްކޮ އަލްއުސްތާޛު ނތ. ޙަސަންދީދީއެވެ.
މުޙައްމަދު ދީދީ ފުރަތަމަ ފުވައްމުލަކަށް ވަޑައިގެންނެވީ ޖުމްހޫރީ ދައުރު ބަދަލުވުމާ ގުޅިގެން އެކަން ރައްޔިތުންނަށް އަންގަވައިދެއްވުމަށެވެ. 1953 ވަނަ އަހަރު ކުރެއްވި މި ޒިޔާރަތުގައި ރަށްވެހިގޭގައި ކުރެވުނު ތަޖުރިބާއާއި، ވެރިމީހާއަށް ޚިދުމަތް ކުރެއްވުމުގައި އެތަނުގެ މުވައްޒަފުން ދެއްކެވި ލާމަސީލު ނަމޫނާއިން އެމަނިކުފާނު ވަރަށް ޝައުޤުވެރިވެ ވަޑައިގެންނެވިއެވެ. އަދި ފަރިއްކުޅުއްވުމުގެ އިންތިޒާމުތައްވެސް މާލެއާ އެއްފެންވަރެއްގައި ހުރުމުން ފުވައްމުލަކާމެދު އެމަނިކުފާނުގެ ޝައުޤުވެރިކަން އިތުރަށް އުފެދިވަޑައިގެންނެވިއެވެ.
މުޙައްމަދު ދީދީ އަތޮޅުވެރިކަމާ ޙަވާލުވެ ވަޑައިގެންނެވީ 1954 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަތޮޅުވެރިކަމުގައި ރަށުގެ ހުރަސްމަގާއި ދިގުމަގު ހަނިކުރައްވައި، ދިގުމަގުގެ ދެކޮޅުން ގޯތި ދޫކުރައްވައި، ދެމަގުގެ ދެކޮޅުން ބަންދުކުރެއްވިއެވެ. މި ނިންމެވުމާމެދު ރަށުގެ ގިނަ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ. މީގެއިތުރުން، އޭރު ރައްޔިތުން ކުޅިވަރު ކުޅެމުން އައި ބޯޅަދަނޑު އޮތް ސަރަޙައްދުގައި މީހުންނަށް ދޫކޮށްފައިވާ ގޯތިތަކެއް ހިމެނޭތީ، ބޯޅަދަނޑު އުވާލައްވައި އެތަނުން ގޯތި ދޫކުރެއްވިއެވެ. އަދި ބައެއް މީހުން އެތަނުގައި ގެ އެޅުއްވިއެވެ.
މިފަދަ ނިންމެވުންތަކާ ގުޅިގެން އޭރުގެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ނުރުހުން އިތުރުވެ، ޒުވާނުންގެ ފަރާތުން ފުރައްސާރައިގެ ޢަމަލުތައް ފެންނަން ފެށިއެވެ. މި ހާލަތުގައި، މަސައްކަތުގެ މާޙައުލު ކުރިން ދެކެވަޑައިގެންނެވި ފަދައިން ނެތްކަން ފާހަގަކުރައްވައި، އެމަނިކުފާނު މާލެ ވަޑައިގަތުމަށް ނިންމެވިއެވެ.
އެންމެ ފަހުން، 1954 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު، އަލްފާޟިލް ނޫމަރާގަނޑުވަރު ތުއްތުމަނިކުފާނު މުޙައްމަދު ދީދީ ފުވައްމުލަކު އަތޮޅުވެރިކަމުން އިސްތިޢުފާ ދެއްވިއެވެ.
3. އަޙްމަދު ޢަބްދުﷲ ދީދީ (ފެންސިރު އަހައްމައިދީ)، ގ. މާވާގެ، މާލެ (1954ން 1957ށް)
އަލްފާޟިލް އަޙްމަދު ޢަބްދުﷲ ދީދީއަކީ މާލޭ އެއްގަމުގޭ ފާމުދޭރިކިލެގެފާނުގެ ޢަބްދުﷲ ދީދީގެ ދަރިކަލެކެވެ. އަޙްމަދު ދީދީ އަށް ފެންސިރު އަހައްމައިދީ ކިޔުނީ އޭނާގެ މަންމާފުޅުގެ ގެ ފެންސިރުގެ (މިހާރު ޖަވާހިރުމާގެ) އަށް ނިސްބަތްކޮށެވެ. ފެންސިރު އަހައްމަދި ފުވައްމުލަކު އަތޮޅުވެރިކަމަށް އައްޔަންކުރެއްވީ 1954 ވަނަ އަހަރުގެ ޑިސެމްބަރު 2 ވަނަ ދުވަހު އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް އެވެ. ފެންސިރު އަހައްމައިދީ މި މަޤާމު ފުރުއްވީ 1957 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހާ ހަމައަށެވެ. އެއީ ޖުމްލަ 3 އަހަރާއި 2 މަހާއި 2 ދުވަހުގެ މުއްދަތެކެވެ.
ފެންސިރު އަހައްމައިދީގެ އަތޮޅުވެރިކަމުގެ ދައުރުގައި ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ‘ބޮޑުފެންގަނޑު’ ގެ ހާދިސާއެވެ. މިހާރުވެސް ފުވައްމުލަކުގެ އުމުރުން ދުވަސްވީ ގިނަ ބަޔަކު އެމީހުންގެ ޢުމުރު އަންދާޒާކުރާ މި ނުރައްކާތެރި ހާދިސާއިން އަރައިގަތުމަށް ފެންސިރު އަހައްމައިދީކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް، ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް އެދުވަސްވަރު ދިރިއުޅުނު މީހުންގެ ހަނދާންތަކުގައި އަދިވެސް ދެމިއޮވެއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަޙްމަދު ދީދީގެ އިސްނެންގެވުމުގެ ދަށުން، އޭރު ފުވައްމުލަކުގައި ހިންގަމުން އައި މަދްރަސަތުލް ހަނިއްޔާ އާއި މަދްރަސަތުލް ހިދާޔާ އުވާލެވުނެވެ. އޭގެ ބަދަލުގައި، 1955 ވަނަ އަހަރުގެ މެއި 24 ވަނަ ދުވަހު، މިހާރުގެ ސިޓީ ކައުންސިލް އިދާރާ ހުންނަ ބިމުގައި ‘މަދްރަސަތުލް އިނާޔާ’ ގެ ނަމުގައި އައު މަދަރުސާއެއް ހިންގަން ފެށުނެވެ. އެދުވަސްވަރުގެ ވަސީލަތްތަކާ އެއްގޮތަށް، މި މަދަރުސާ އިމާރާތްކުރެވިފައިވަނީ ބިމުގައި ރުއްމުޑި ޖައްސަވައި، ފަނުން ހިޔާކޮށްގެންނެވެ.
(ނުނިމޭ)

ޚިޔާލުތައް