ފާއިތުވި އަހަރު އިލްމީ ގޮތުން މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ހޯދަޑު ކައުންސިލުގެ ތައުލީމީ އިނާމު ދިނުން އިއްޔެ ރޭ ނާއިބު އަބޫބަކުރު ސްކޫލް (ހޯދަޑު މަކްތަބު)ގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި، 2014ވަނަ އަހަރު ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން (ކެމްބްރިޖް އޯލެވެލް އަދި ލަންޑަން އޭލެވެލް އިމްތިހާނުން، އެސްއެސީ/އެޗްއެސްސީ) އެންމެ ރަނގަޅު ނަތީޖާ ހޯދި ހޯދަޑު އަވަށުގެ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.
ފާއިތުވި އަހަރު ހޯދަޑުން އަވަށުން، އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އިނާމު ހާސިލުކޮށްފައި ވަނީ ހޯދަޑު ވަށްފަރު މުޙައްމަދު ޒިދާން އަހުމަދު އާއި ޕްލީނުގެ މަރިޔަމް ވަހީދުއެވެ. އެދެ ފަރާތަށް ހަނދާނީ ލިޔުމާއި އިނާމެއްގެ ގޮތުން އައި5ގެ ލެޕްޓޮޕެއް ވަނީ ދީފައެވެ.
އަދި ސާނަވީ އިމްތިހާނުން އެންމެ މޮޅު 3 ދަރިވަރަކު ހޮވާ އެދަރިވަރުންނަށް ވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ.
އެންމެ މޮޅު 3 ދަރިވަރުންގެ ގޮތުގައި ހޮވިފައި ވަނީ:
ނީލޯފަރުގެ ޝަޒާ މުޙައްމަދު، ޖަނބުރޯލުމާގެ މަރިޔަމް ސުމަން އަލީ އަދި ތުނިވެލި ނަޝާ މުހައްމަދު އެވެ.
މީގެ އިތުރުން ވެސް ހޯދަޑު އަވަށުގައި 60 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިލޭ ސާބަހަށް ގުރުއާން ކިޔަވައި ދެއްވާފައިވާ އަލްމަރުހޫމު ހުސޭން ތައްޚާނު ސާދާގެ ( މާލެހިއެ ހުސޭން ބެއަ) އަށް މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ވަނީ ދީފައެވެ.
އިއްޔެ ރޭގެ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހުސޭން ޝާފީ އިބްރާހިމް އެވެ. ޝަރަފުވެރި މެހުމާނުގެ އިތުރުން އިނާމު ބައްސަވައި ދެއްވީ އުތުރު ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު ހަމަދު މުހައްމަދު އާއި ހޯދަޑު ކައުންސިލް މެންބަރުންނެވެ.
ކުރިޔަށް އޮތް އަހަރު މިއަށްވުރެވެސް ފުޅާކޮށް ތަފާތު ގިނަ ދާއިރާތައް ހިމަނައިގެން ހޯދަޑު އަވަށުގެ އިނާމު ދިނުން ބާއްވާނެ ކަމަށް ކައުންސިލްގެ ރައީސް އަބްދުއްﷲ ނާސިރު ވިދާޅުވިއެވެ.
ގުޅޭ ލިޔުން: ހޯދަޑު ކައުންސިލުން ތައުލީމީ އެވޯޑް ދެނީ



ޚިޔާލުތައް