ވާދަވެރިކަން ބޮޑުވެފައިވާ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތުމަށް ޓިކެޓް ދީފައިވާ އަބްދުﷲ މަސީހު މުހައްމަދު އެދާއިރާއިން ވާދަ ނުކުރުމަށް ނިންމަވައިފިއެވެ. އަބްދުﷲ މަސީހު ގެ ބަދަލުގައި އެދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމް އަދި ޕީއެމްސީއިން އިތުރު މީހަކު ނުނެރުމަށާއި އަދި އެދާއިރާގެ ޖޭޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށްވެސް ނިންމާފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމް އާއި ޖޭޕީއާއި ދެމެދު ކުރިއަށްދިޔަ ސިއްރު ބައްދަލުވުން ތަކަކަށްފަހު އެގޮތަށް ނިންމާފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އެގޮތުން، އެބައްދަލުވުމުގައި ނިންމުނު ކަންތައްތައް ހާމަނުކުރަން ނިންމާފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ ޖޭޕީ ޓިކެޓް ވަކި ފަރާތަކަށް ހަވާލުކޮށްފައި ނުވިނަމަވެސް، ބޮޑަށް ބެލެވެނީ އެޓިކެޓުގައި ވާދަކުރާނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.
ޕީޕީއެމް އިން ޓިކެޓް ދީފައިވާ ބައެއް ދާއިރާތަކުން ޓިކެޓް ދީފައިވާ ފަރާތްތަކަށް ދީފައިވާ ޓިކެޓް ބާތިލުކޮށް ވާދަނުކުރަން ނިންމާ އެކަން ކުރިން ޓިކެޓް ދީފައިވާ ފަރާތްތަކަށް އަންގަމުންދާ ކަމަށް ވަގުތު ނޫހުން ރިޕޯޓްކުރެއެވެ. އަދި ހަމައެއާއިއެކު ޖޭޕީއިން ވެސް ބައެއް ދާއިރާތަކުން ވާދަނުކުރުމަށް ނިންމަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ޚިޔާލުތައް