ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ކަންގަތި އެވޯޑްގެ ނަމުގައި ހޮވަން ފެށި އެންމެ ހިންގުންތެރި އަތަޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ހިންގުންތެރި އަތޮޅު ކައުންސިލަކަށް ފުވައްމުލަކު އަތޮޅު ކައުންސިލް ހޮވިއްޖެއެވެ. އަދި ފުވައްމުލަކު އަށް ކައުންސިލްގެ ތެރެއިން އެންމެ ހިންގުންތެރި ކައުންސިލަކަށް ހޮވިފައިވަނީ މިސްކިތްމަގު ކައުންސިލެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް ހޮވި ދެވަނައަށް އެންމެ ހިންގުންތެރި އަތޮޅު ކައުންސިލަކަށް ފުވައްމުލަކު އަތޮޅު ކައުންސިލް ހޮވުނު އިރު އެންމެ ހިންގުންތެރި ކައުންސިލަކަށް ހޮވިފައިވަނީ ށ. އަތޮޅު ކައުންސިލެވެ. އަދި ތިން ވަނަ އަށް ހޮވުނީ ތ. އަތޮޅު ކައުންސިލެވެ.
އެންމެ ހިންގުންތެރި ރަށު ކައުންސިލް ބައިން އެއްވަނަ ށ. ފޯކައިދޫ ކައުންސިލް ހޮވުނު އިރު ދެވަނަ އަށް ގޮސްފައިވަނީ ރ. އުނގޫފާރު ކައުންސިލެވެ. އަދި ތިން ވަނަ ލިބުނީ ށ. މަރޮށީ ކައުންސިލަށެވެ.
މިސްކިތްމަގު ކައުންސިލް ހޮވިފައިވަނީ އެލްޖީއޭ އިން އަތޮޅަކުން ވެސް ހޮވި އެންމެ ރަނގަޅު ރަށު ކައުންސިލް ކެޓަގަރީ އިން ފުވައްމުލަކު ރަށު ކައުންސިލް ތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކައުންސިލެއްގެ ގޮތުގައެވެ. ރޭގެ ޖަލްސާގައި ވަނަތަކަށް ހޮވުނު ކައުންސިލްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ކަންގައްޗަކީ އިހު ޒަމާނުގައި ރަސްރަސްކަލުންގެ ދަރުބާރަށް ރަށްފުށުގެ ވަޒަންވެރިން އަރާވަޑައިގަތުމަށްޓަކައި ލެވޭ ކޮއްޔަކަށް ކިޔޭ ނަމެކެވެ. އެގޮތުން ކަންގަތި ކޮލީގެ ތެރޭގައި، މޭނާ، ރަންނާ، ދާންނާ، ކާންނާ، ގަދަހަމާންތި ފަދަ ކޮލީ ނަންތައް ހިމެނެވެ.



ޚިޔާލުތައް