ޓިއުޝަން ކްލާސް ތަކާއި، ސްކޫލް ގަޑިތައް ފަޅު ފިލުވާލަދިން އެއް ކަމެއް ކަމުގައިވާ، ގަލަން ކޮއްޓާ، 2 ވަނަ މުބާރާތް މިމަހުގެ 26 ގައި ބޭއްވުމަށް ރެޑް ބުލް އިން އިއުލާން ކޮއްފި އެވެ.
ކަރުދާސް ގަނޑެއްގެ މަތީގައި، ފޯމޭޝަނަކަށް މީހުން ކުރަހައިގެން، ގަލަން ކޮއްޓައިގެން ކުޅޭ ގަލަން ކޮއްޓާ އަކީ ގިނަ ބައެއްގެ ސްކޫލް ދައުރުގައި މަގްބޫލު ކުޅިވަރެކެވެ. މިވީހާތަނަށް ގަލަން ކޮއްޓާ ރަސްމީ ސިފައެއްގައި ކުޅިވަރެއްގެ ގޮތުގައި ބެލެވިފައި ނެތް ނަމަވެސް، ރެޑްބުލް އިން ވަނީ ގަލަން ކޮއްޓާ އަށް ރަސްމީ ސިފައެއް ޖައްސައިފަ އެވެ. ޔުނިވަސިޓީ އާއި ކޮލެޖް ދަރިވަރުންނަށް އަމާޒުކޮށްގެން ރެޑްބުލް ގަލަން ކޮއްޓާ މުބާރާތް 2014 ވަނަ އަހަރު ވަނީ، ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖް ތަކުގެ ކުދިންނައް ހުޅުވާލައިގެން “ރެޑް ބުލް ގަލަން ކޮއްޓާ” ނަމުގަ މި ކުޅިވަރު ދިރުވަން މަސައްކަތް ކޮއްފަ އެވެ.
“ވަރަށް އުފާވެއްޖެ ޗެމްޕިއަންކަން ލިބުނީމަ. ކުރިން ސްކޫލްގައި އުޅުނުއިރު ގަލަން ކޮއްޓާ ކުޅެން. މި މުބާރާތަށް މާބޮޑަށް ތައްޔާރެއް ނުވަން. މުބާރާތް ފެށުމުގެ 30 ވަރަކަށް މިނިޓު ކުރިން ޕްރެކްޓިސްކޮށްލީ،” އެމްއެންޔޫގައި އައިޓީ ކިޔަވަމުންދާ މިސްބާހު ބުންޏެވެ. މިސްބާހް ވަނީ ފުރަތަމަ ގަލަން ކޮއްޓާ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފަ އެވެ. “މިއީ ވަރަށް ތަފާތު މުބާރާތެއް. ރެޑްބުލް އިން ވަރަށް ރަނގަޅަށް ކުރި ކަމެއް މިއީ. މި ކަހަލަ މުބާރާތްތައް ކޮލެޖްކުދިންނަށް ވީހާ ވެސް ގިނައިން ބާއްވަންވީ.” މިސްބާހު ބުންޏެވެ.
ސްކޫލްތަކުގައި ކުދިން ކުޅެމުން އަންނަ ގަލަން ކޮއްޓާގެ ފުރަތަމަ ރަސްމީ މުބާރާތުގައި ޖުމްލަ 7 ކޮލެޖް، ޔުނިވަސިޓީ އަދި ހައި ސްކޫލްތަކުން 96 ދަރިވަރުން ބައިވެރިވި އެވެ. މި މުބާރާތްވެގެންދިޔައީ ޒުވާން ދަރިވަރުންގެ މެދުގައި ވަރަށް މަގްބޫލު، ފޯރިގަދަ މުބާރާތެކެވެ.
މިގޮތުން މި އަހަރުގެ މުބާރަތައް ރެޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި ކަމަށް ރެޑްބުލްގެ ރާއްޖޭގެ އެޖެންޓް ޔޫރޯ ސްޓޯރ ގެ މާރކެޓިން މެނޭޖަރ ހުސެއިން އަމީން ވިދާޅުވިއެވެ. ހުސެއިން ވިދާޅުވި ގޮތުގައި ގަލަން ކޮއްޓާ ގެ އޮފިޝަލް ވެބްސައިޓުން މި މަހުގެ 23 އާ ހަމަ އައް ހިލޭ ރެޖިސްޓަރ ކުރެވޭނެ ކަމަށެވެ.
މި މުބާރާތުގައި މެޗުތައް ކުޅޭނީ މުބާރާތް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް ޕިޗުތަކެއްގަ އެވެ. ޕިޗުގައި ފޯމޭޝަން އަތުރާނީ މެޗެއްގައި ވާދަކުރާ ކުޅުންތެރިން ބޭނުންވާ ގޮތަކަށެވެ. މެޗަކަށް ކަނޑައަޅާފައިވާ ގަޑި ހަމަވާއިރު ދެ ކުޅުންތެރިން އެއްވަރުވެއްޖެ ނަމަ، ނަތީޖާ ނެރޭނީ ޕެނަލްޓީންނެވެ. ޕްރެކްޓިސް ޕިޗުތައް ރެޑްބުލްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މިއީ ދިވެހި ރާއްޖޭގެ އަމިއްލަ ހިޔާލަކަށް ބިނާކޮށް، ރާއްޖޭގައި ބާއްވާ ރެޑްބުލްގެ އިވެންޓެވެ. މިއީ ދިވެހި ކުޅިވަރެއް ކަމުގާ ވީނަމަވެސް، ގަލަން ކޮއްޓާ، މި އަހަރު އެހެން ގައުމު ތަކުގާ ވެސް ކުރިއައް ގެންދަން ރެޑް ބުލް އިން ވަނީ ނިމްމާފަ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ދަރިވަރަކަށް ޓްރޮފީއަކާއެކު،20،000 ރުފިޔާ ގެ ފައިސާގެ އިނާމެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
.
ޚިޔާލުތައް