ކާބޯތަކެތީގެ ތެރެއިން ކާޑުގެ ބާވަތްތަކުން ދިވެހި ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީޒް ކަނޑާލަން ސަރުކާރުން ތައްޔާރު ވަމުންދާކަމަށް މިކަލް ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަން ހާމަނުކުރުމަށް އެދި މިކަލް ނޫހާއި ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިހާރު ވަނީ ސަބްސިޑީޒް ކަނޑާލާ ގޮތަށް ފާސްކޮށް ފައި ކަމަށެވެ.
ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން މިހާރު ކައިބޮއި އުޅެނީ މޮޅު ހަނޑުލެވެ. ތައި-ވައިޓް ރައީސް ނުވަތަ ބާސްމަތީ ހަނޑުލެވެ. އަދި ސަރުކާރުން ސަބްސިޑީޒް ދޭ އާދައިގެ ހަނޑޫ ގިނައިން ކައި އުޅޭނީ ރާއްޖޭގައި އުޅޭ ބިދޭސީން ކަމަށް އިކޮނޮމިކް ކައުންސިލްގައި ޚިޔާލު ފާޅުކުރެވުނު ކަމަށެވެ. ވުމާއެކު މިހާރު ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދޭ ސަބްސިޑީޒްގެ ހަގީގީ ފައިދާ ކުރަނީ ދިވެހިންނަށް ނޫން ކަމަށް ބެލެވޭ ކަމަށާއި، މިހާރު ދެވޭ ސަބްސިޑީޒް ކަނޑާލަން ފެންނަ ކަމަށެވެ.
ސަރުކާރުން ހަނޑުލާއި ހަކުރު އަދި ގޮދަން ފުށަށް މިހާރު ދެމުން ދާ ސަބްސިޑީޒް ކަނޑާލުމުން، މިހާރު އާދައިގެ ހަނޑޫ، ހަކުރު އަދި ފުށް ކިލޯއެއް ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް ބޮޑުވެ، ގާތްގަޑަކަށް 10 ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން މިހާރުވެސް އާދައިގެ ހަނޑޫ ހަކުރު އަދި ފުށް ބޭނުން ކުރަމުންދާ ދިވެހި ނިކަމެތި އާއިލާތަކަށް ނިސްބަތުން ވަރަށް ބޮޑު ދައްޗަކަށް ވެގެން ދާނެއެވެ. އެހެނީ މިހާރު 5-6 ރުފިޔާއާއި ދެމެދުގައި ހުރި، ހަނޑޫ ހަކުރު ފުށް ކިލޯއެއް، ގަންނަން ލިބޭ އަގުން ވެސް ފަގީރު އާއިލާތަކަށް އޮންނަނީ ދެކޮޅު ނުޖެހިފައި ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ޒަމާނުއްސުރެ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަންނަނީ ލިބެމުންނެވެ. އެކާޑުގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް ރައްޔިތުންނަށް ކުޑަ އަގެއްގައި ވިއްކަނީ، އެ ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށާއި ރައްކާކޮށް ބެލެހެއްޓުމަށް ޚަރަދު ހިނގާތީ ކަމަށް ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުވަނީ ބުނެފައެވެ.



ޚިޔާލުތައް