A wide advertisement which will be shown on all devices. (700 x 100)

ވާދަވެރި ދަޑިމަގު ބަލިކޮށް މިސްކިތްމަގަށް މޮޅެއް، ފިސްޑާގެ ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

ފިސްޑާގެ ޓީމް މެޗަށް ތައްޔާރުވެގެން.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ތިންވަނަ ދުވަހުގެ މެޗްތައް ފިސްޑާ އަދި މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗް ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް ފިސްޑާ ގެންގޮސްފައިވަނީ ވަރަށް ފަސޭހަ ކަމާއި އެކު 3 ސެޓުންނެވެ. މިމެޗްގެ ސެޓްތައް ފިސްޑާ ހޯދާފައިވަނީ 25-13، 25-16 އަދި 25-13 އިންނެވެ. މެޗްގެ މޮޅުކުޅުންތެރިޔަކީ ފިސްޑާގެ ޖ.5 އައިޝަތު ރަޝީދާ އެވެ.

ރޭގެ މެޗްގައި ބައްދަލުކުރީ ފުވައްމުލަކު ވޮލީގައި އެންމެ ވާދަވެރި ދެ ޓީމްކަމަށްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ވާދަވެރިކޮށް ފެނިގެންދިޔަ މިމެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ 4-1 އިންނެވެ. މެޗްގެ މޮޅުކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ.1 ފާތުމަތު މާޖިދާ އެވެ.

އިއްޔެގެ ނަތީޖާ އާއި އެކު ޕޮއިންޓް ޓޭބަލްގެ އެންމެކުރީގައި އޮތީ ފިސްޑާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. އެއީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްގެންނެވެ. ދެވަނާގައި އޮތީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ހޯދަޑު ވެށިނަލަ ޖަމްމިއްޔާއެވެ. އެއީ ކުޅުނު ދެމެޗްގެ ތެރެއިން އެއްމެޗް ކާމިޔާބުކޮށްގެންނެވެ. އެއްވެސް ޕޮއިންޓެއް ލިބިފައި ނުވަނީ ފުވައްމުލަކު ސްޕޯޓްސް ކްލަބްއެވެ. އެޓީމްކުޅުނު ތިން މެޗްއިންވެސް ބަލިވެފައިވެއެވެ. މިނަތީޖާއާއި އެކު ފައިނަލަށް ދިޔުމަށް އެންމެ ފުރުސަތު ބޮޑީ ފިސްޑާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމަށެވެ.

މުބާރާތް ކުރިއަށް ގެންދަނީ ޕޮއިންޓް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓްލިބޭ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމް ސެމީފައިނަލް ކުޅެ މޮޅުވާޓީމެއް ފައިނަލަށްދާ ގޮތަށެވެ.

މިއަދު ހަވީރު 4:30 ބައްދަލުކުރާނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. އަދި މިރޭގެ 20:30ގައި ބައްދަލުކުރާނީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ހޯދަޑު ވެށިނަލަ ޖަމްމިއްޔާއެވެ.

ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމް މާލޭގައި އޮންނަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. މިމުބާރާތުގައި ފުވައްމުލަކުން ވާދަކުރަނީ 5 ޓީމެވެ. އެއީ ދަޑިމަގަށް ނިސްބަތްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި މިސްކިތްމަގުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާގެ އިތުރުން މާދަޑުގެ ފިސްޑާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !