ނަސްރުﷲ އަލީ
ފުވައްމުލަކުގެ އިޤްތިސާދު ކުރިއެރުވުމަށާއި، ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި، ފުވައްމުލަކުގެ ޓޫރިޒަމް ފުޅާކުރުމަކީ ނުހަނު ބޭނުން، އަދި މިހިނދުން މިހިނދަށްވެސް ކުރަން މަޖުބޫރު ކަމެކެވެ. ޓޫރިޒަމް ފުޅާކުރުން އަވަސް ކުރަންޖެހޭކަމުގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގައި މިރަށުގައި ޓޫރިޒަމް ތަރައްގީކުރަން ބިންދޫކުރަންވީ ރަށުގެ ކޮން ސަރަޙައްދަކުން، ކޮންގޮތަކަށްތޯއާއި، އަދި ޓޫރިޒަމް ފުޅާކުރުމުން ރަށުގެ ރައްޔިތުންނަށް ފައިދާވާނީ ކިހާ މިންވަރަކަށްތޯ އަދި މިކަމުން ކިތައް ވަޒީފާއާއި ކިތައް ކުދި ވިޔަފާރި އުފެއްދިދާނެތޯ ވެސް ވިސްނާލުން ރަނގަޅެވެ. ހަމައެއާއެކު، ރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާތައް ގުރުބާން ނުކޮށް ރަށުގައި ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތެއް ހޯދަންޖެހެއެވެ
ހުދު : ފޮޓޯ، ވިޒިޓް ފުވައްމުލައް
ޝައްކެއްނެތް ގޮތުގައި، ފުވައްމުލަކުގެ ތުނޑި(ތޫނޑު) އަކީ މިރަށަށް ލިބިފައިވާ ގުދުރަތީ އެންމެ ބޮޑު އެއް ހަދިޔާ އެވެ. އަދި މިއީ ދިވެހިރާއްޖެ އަށްވެސް ލިބިފައިވާ ޚާއްސަ ރީތިކަމެވެ. މާކަނޑުގެ މެދުގައި އުފެދިފައި، ވަށައިގެން ރާޅު އަރާ ފުށްޓަރެއް އޮތުމުގެ ސަބަބުން، ރަށުގެ ރައްޔިތުން ހިތްއުފާކޮށްލާނެ ގޮނޑުދޮށަކަށް، މިރަށުގައި އޮތީ ހަމައެކަނި ތޫނޑެވެ. ތޫނޑަކީ މިހާރު ކޮންމެ ހަފްތާ ބަންދެއްގައާއި ކޮންމެ ރަސްމީ ބަންދެއްގައި ރަށުގެ ވަރަށް ގިނަ ރައްޔިތުން ހިތްއުފާކޮށްލަން ދާ ތަނެކެވެ. ކައިވެނީގެ ހަފްލާ ތަކާއި އާއިލީ ހަވީރުތައް ބާއްވާ ތަނެކެވެ. ރާޅާއަޅާ ތަނެކެވެ. ހޯދަޑު އަވަށާއި ދަޑިމަގު އަވަށުގެ ދަނޑުވެރިން ދަނޑުވެރިކަން ކުރާ ބިންތައް އޮތް ސަރަޙައްދެވެ. ތޫނޑު ވެލިގަނޑަކީ އެކި މޫސުމުގައި އެކި ހިސާބަށް ދައުރުވާ ވެލިގަނޑެކެވެ. އެހެންކަމުން ތޫނޑުގެ ވެލި ދައުރުވާ މުޅި ސަރަޙައްދު އޮންނަން ޖެހެނީ އަބަދުވެސް މިރަށުގެ ރައްޔިތުން ހިތްއުފާކޮށްލަން ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައެވެ. އެއްވެސް ބަނދުކަމެއްނެތި ވަދެވޭނެ ތަނެއްގެ ގޮތުގައެވެ. ތޫނޑު ސަރަޙައްދު، ގެއްމިސްކިތް ފަންނުން ފެށިގެން ހަވިއްތައާއި ހަމައަށް، ޙިމާޔަތް ކޮށްފައިވާ ތަނެއްގެ ގޮތުގައި 2012 ވަނަ އަހަރު، އޭރުގެ ސަރުކާރުން ކަނޑައެޅި އެއް ސަބަބަކީ ވެސް މިއެވެ.
ތޫނޑު ހިމެނޭ ސަރަހައްދުގައި ސިޓީ ހޮޓާ، ގެސްޓު ހައުސް އަޅަނީ، ސީދާ އަތިރިމަތީގައި ނޫން ކަމަށް ވިއަސް، އެތަނަށް އަންނަ ފަތުރުވެރިން ބިކިނީގައި ބީޗަށް ފައިބާނެއެވެ. ހޮޓާތަކާއި ގެސްޓު ހައުސް ތަކުން ސަން ބެޑު ބަހައްޓައި، ސަން އަމްބްރެއްލާ ބަހައްޓާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދޭނެއެވެ. މައްސަލަ ޙައްލު ކުރުމަށްޓަކައި، ހޮޓާ ތަކަށް އިންވެސްޓުކުރި ވިޔަފާރިވެރިން ބަނގުރޫޓު ވިޔަ ނުދިނުމަށްޓަކައި، އަދި ރަށުގައި އުފެއްދި ވަޒީފާތައް ނެތިދިއުން ހުއްޓުވުމަށްޓަކައި، ރަށުގެ ރައްއްޔިތުންގެ ވަޒީފާ ޙިމާޔަތް ކުރުމަށްޓަކައި ތޫނޑުގެ ވަކި ސަރަޙައްދެއް އިންވަކިކޮށް، ބިކިނީ ބީޗްގެ ގޮތުގައި ހަދަން ސިޓީކައުންސިލަށް މަޖުބޫރުވާނެއެވެ. މިއީ ގެސްޓު ހައުސް ވިޔަފާރީގައި ރާއްޖޭގެ ރަށްތައް މިހާތަނަށް ކޮށްފައިވާ ތަޖުރިބާއެކެވެ. ތޯތޯ ވާހަކައެއް، ނުވަތަ ޚިޔާލީ ފޮލާއެއް ނޫނެވެ.
ޝައްކެއްވެސް ނެތްގޮތުގައި، ރާއްޖެ އަށް ފަތުރުވެރިން އަންނަ މައިގަނޑު ސަބަބުތަކަކީ އަޅުގަނޑުމެންނަށް ގުދުރަތުން ދެއްވާފައިވާ، ރީތި ގޮނޑުދޮށްތަކާއި، ސާފު މޫދާއި، ނޫ ވިލުތަކާއި ރީތި މުރަކައިގެ ބަގީޗާތަކެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި އެންމެ ފަސޭހައިން ވިއްކޭނީ، ގޮނޑުދޮށަށް ފަސޭހައިން ފޭބޭނެ ހިސާބުތަކުގައި އިމާރާތްކޮށްފައިވާ، ހޮޓާތަކާއި ގެސްޓު ހައުސްތަކުގެ ކޮޓަރިތައް ކަމާއިމެދު ދެބަސްވާކަށް ނެތީމެވެ. ނަމަވެސް، ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާއި އަޅައިބަލައިލާ އިރު، ގުދުރަތީގޮތުން ވަކިން ޚާއްސަ ރީތިކަމެއް ލިބިފައިވާ ރަށެކެވެ. ކެޑެފަރަށް ފީނުމުން ފެންނަ ފެމުނު މިޔަރާއި، އެންމަޑި އާއި ފެހުރިއްސަކީ އެހެން ރަށްރަށަށް ލިބިފައި ނުވާ ނިޢުމަތެކެވެ. ރަށުގެ ބޮޑުކަމާއި، ފެހިކަމާއި، އަޖައިބެއްފަދަ ޗަސްބިންތަކާއި ރަށުގެ ދެކޮޅުގައިވާ ސާފު ފެނުގެ ދެކުޅި އަކީ އެހެން އެއްވެސް ރަށަކަށް ލިބިފައި ނުވާ ގުދުރަތީ ރީތިކަމެކެވެ. އަލަ އޮޅުތަކާއި އެތަންތަނުގެ މެދުގައި އުފެދިފައިވާ ފީށިގަނޑު ތަކަކީ މާބޮޑަށްވެސް ޔުނީކް ތަންތަނެވެ. މިހާގިނަ ތަފާތު ކަންކަން އަޅުގަނޑުމެންގެ ރަށަށް ލިބިފައިވާތީ، ބީޗް ޓޫރިޒަމްގެ އިތުރުން އެހެން ރޮނގުތަކުންވެސް މިރަށް މާކެޓް ކުރެވިދާނެއެވެ.
ފުވައްމުލަކުގައި ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި 1000 އެނދު (ފައްސަތޭކަ ކޮޓަރި) ތަރައްގީ ކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށްޓަކައި ޓޫރިސްޓު ހޮޓާ ނުވަތަ ގެސްޓުހައުސް އަޅާނެ ބިން ، ރައްޔިތުން އެދޭގޮތަކަށް، އެދޭ ތަނެއްގައި ކަނޑަ އެޅުމަކީ ޓޫރިޒަމް ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުން ހަމައެކަނި، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެކެވެ. ސުވާލަކީ ފުވައްމުލަކުގައި ގެސްޓުހައުސް، ހޮޓާ އަޅަން އެންމެ ރަނގަޅީ ކޮން ސަރަހައްދެއްގައި ތޯއެވެ. އަދި އެކަން ރައްޔިތުންގެ ބަހެއް ނުހޯދައި، ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން މެމްބަރުން ނިންމައި ރައީސުލް ޖުމްޙޫރިއްޔާއަށް ހުށަހެޅުމަކީ އިންސާފުތޯއެވެ. އަދި ކައުންސިލްގެ ދައުރު ނިމެން 6 މަސްދުވަހަށް ވެފައި އޮއްވައި، ފުވައްމުލަކުގެ ތަރައްގީއާއި ބެހޭ ބޮޑު ޕްލޭނެއް ހަދަމުންދަނިކޮށް، އެޕްލޭން ނުނިމެނީސް އަވަސް އަރުވާލައިގެން ބިންދޫކުރުމަކީ ކުރަން ރަނގަޅު ކަމެއްތޯއެވެ.
ރަށުގައި ވަޒީފާ އިތުރުކުރުމަށްޓައި، މިވަގުތުން ވަގުތަށް ހޮޓާ، ގެސްޓު ހައުސް އަޅަން ބޭނުންނަމަ އެކަމަށް ބިންދޫކުރަން އެންމެ އެކަށީގެން ވަނީ ފުވައްމުލަކު އެއާޕޯޓާ ޖެހިގެން އޮތް ބިޅިފޭށެ ސަރަހައްދުކަމަށް ދެކެމެވެ. އެތަނުން 15ވަރަކަށް ހެކްޓަރުގެ ބިން ލިބޭނެކަމަށް ވެއެވެ. ބަނދަރު ހެދުމަށްފަހު ރަށުގެ ވެށްޓަށްއައި ބަދަލާއެކު އެސަރަހައްދުގައި ރީތި ހިމުން ދޮންވެލީގެ ގޮނޑު ދޮށެއް މިހާރު އުފެދިފައި އެބައޮތެވެ. މި ސަރަޙައްދަކީ، ރަށާއި މުޅިން ވަކިވެފައި އޮތް، އަދި އެއާޕޯޓުގެ ސަލާމަތީ ސަބަބުތަކާއިހެދި، އާންމުން ވަނުން މިހާރުވެސް މަނާތަނެކެވެ. ގޮނޑުދޮށާއި ޖެހިގެން ހޮޓާ އަޅާނެ ޖާގަ އެބައޮތެވެ. މިތަނުގައި ބިކިނީގައި ފަތުރުވެރިންނަށް މިނިވަންކަމާއެކު އުޅެވޭނެއެވެ. ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ނޯންނާނެއެވެ. ވައްކަމާއި އަދިވެސް މިފަދަ ނޭއްގާނީ އަމަލުތަކުން ފަތުރުވެރިންނަށް އަމާން މާހައުލެއް މިތަނުން ލިބޭނެއެވެ. ބިޅިފޭށެ ސަރަހައްދުގައި ހޮޓާއެޅުމުން، ރަށުގެ ރައްޔިތުންނާއި އަދި ރަށަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިން، ހިތް އުފާކޮށްލުމަށް ތޫނޑު އޮންނާނެއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނެއެވެ. ހޮޓާ، ގެސްޓު ހައުސް އެޅުމުގެ މަސައްކަތައިގެން ބާރަށް ކުރިއަށް ދެވޭނެއެވެ. ވަޅަށްވެއްޓުނު ގެރި ނަގާނެ ގޮތަކާއި މެދު ބަހުސުކުރަން ތިއްބާ ލިބުނު ލަނޑެއް ނުލިބޭނެއެވެ.
ޚިޔާލުތައް
ދޮންވެލިގަނޑު އޮންނަނީ އެއަރޕޯރޓްގެ ކޮޅާއި ދިމާލަށް. ޢެހެންވީމާ އެ ދޮންވެލިގަނޑު ގެސްޓުންގެ ބޭނުމަށް ބޭނުންކުރުމަކީ ރައްކާތެރި ކަމެއްނޫން. ދެން އޮތީ އަކިރިއާއި ގަލުން އޮތް މިރަށުގެ ގުދުރަތީ ސިފަ ވަރަށް ބޮޑަށް ހާމަވާ މިރަށުގެ ތަރިކައެއްފަދަ ބައެއް. ސުވާލަކީ ފަތުރުވެރިކަމަށް ހަމަ ކޮންމެހެން އަތިރިމަތީ ސަރަޙައްދެއް ބޭނުން ހޭ؟ ޢަދި ކުދި ފަންތީގެ މީހުން މިދާއިރާއަށް ވަންނަން އޮތް މަގު މިގޮތަށް ބަޔަކަށް 1000 އެނދުގެ ފެސިލިޓީ އެއް އަޅަން ދިނީމައި ބަންދު ނުވޭ ހޭ؟ ހަމަ އެކަނި މަދު ބައެއްގެ ފައިދާއަށް މިގޮތަށް މިކަހަލަ ވަސީލަތް މަދު ލިބެން އޮތް ބިން ކުޑަ ރަށަކުން ބޮޑުބައެއް އެއްބަޔަކަށް ދިނުމަކީ އިންސާފު ހޭ؟ ކަލްޗަރަލް ޓުއަރިޒަމަށް މިކަހަލަ ރަށަކުން ބީޗް އޭރިއާ ދިނުމަކީ ގޯސް ކަމެއްކަން ޔަގީން.