ހިސާބު އިލްމަށް މޮޅު ނޫނަސް މިސުވާލުގެ ޖަވާބު ހޯދާލެވޭތޯ ވިސްނާލަމާ ހިނގާށެވެ. އެމެރިކާގެ އޮހިއޯގެ ރައްޔިތެއް ކަމަށްވާ ރެންޑެލް ޖޯންސް އޭނާގެ ފޭސްބުކް ގައި މިސުވާލު ހިމަނާލުމާއެކު ހަލުއިކަމާއެކު ފެތުރޭ ވައިރަހެއް ހެން ކޮމެންޓްތައް އޮހެންފެށިއެވެ. އެގޮތުން 1.1 މިލިޔަން މީހުން މިސުވާލުގެ ޖަވާބު ތަފާތު ގޮތަށް ދީފައިވެއެވެ.
ތިބާ ވެސް މިސުވާލާއި މެދު ވިސްނާލުން އެންމެ ރަނގަޅުވާނެ ކަމަށް ދެކެމެވެ.
1+4 =5
2+5 =12
3+6 =21
8+11 =؟
ވީމާ 8+11 =؟ އަށް ތިބާގެ ޖަވާބަކީ ކޮބާހެއްޔެވެ؟
ރެންޑެލް ގެ މިޕޯސްޓަށް އެންމެ ގިނައިން ލިބިފައިވާ ޖަވާބަކީ 96 އެވެ. އަދި 40 އެވެ. ތިބާގެ ޖަވާބަކަށް ވަނީ މިތަނުން ކޮން އަދަދެއް ހެއްޔެވެ؟
ޖަވާބު:
މިޕެޓާރން ނުވަތަ ސީކުއެންސަށް ބަލާލުމުން (1+4=5 ؟) ބައެއް ފޮރުވިފައި ވާކަން ހާމަވާނެއެވެ.
96 އަދި 40 މި ދެޖަވާބު ވެސް ރަނގަޅު ކަމުގައި ބެލިދާނެއެވެ. އެއީ ތިބާ އެސުވާލާއި މެދު ވިސްނާ ގޮތަކުންނެވެ. މިސީކްއެންސް ގެ ޖަވާބަކަށް 40 ގެންނަނަމަ ސީކްއެންސްގެ ކުރީ ހަރުފަތުގެ ޖަވާބު ފަހަތުން އަންނަ ހަރުފަތަށް އެއްކޮށްލުމުން އެހަރުފަތުގެ ޖަވާބު ލިބެއެވެ. މިގޮތަށް ބަލަމާ ހިނގާށެވެ.
1+4 =5
2+5+5 =12
3+6+12 =21
8+11+21 =40
މިސީކްއެންސް ގެ އަނެއް ޖަވާބަކަށް 96 ގެންނަނަމަ އެހަރުފަތުގެ ފުރަތަމަ ނަމްބަރާއި ދެވަނަ ނަމްބަރު ގުނަ ކުރާށެވެ. އެއަށް ލިބޭ އަދަދަށް އެހަރުފަތުގެ ފުރަތަމަ ނަމްބަރު އެއްކޮށްލުމުން ޖަވާބު ލިބެއެވެ. މިގޮތަށް ވެސް ބަލަމާ ހިނގާށެވެ.
1 + (1*4) = 5
2 + (2*5) = 12
3 + (3*6) = 21
8 + (8*11) = 96
ހިސާބު ހެދިދާނެ ކަމަށް މިހާރު ތިބާއަށް ވެސް ގަބޫލުކުރެވިދާނެ ނޫންބާ؟
ހިސާބު ކިޔަވައިދިނުމުގައި، ޖަވާބަކަށް އެއްމެ ނަމްބަރެއް އައުމަށް ވުރެ ބޮޑަށް ރަނގަޅީ ތަފާތު ގިނަ ރަނގަޅު ޖަވާބުތައް ހިމެނޭ ސުވާލުތައް ދަރިވަރުންނަށް ދިނުން ކަމަށް ފަހުގެ ދިރާސާތަކުން ހާމަކޮށްދެއެވެ.
މައުލުމާތު: ދަ ޓެލެގްރާފް، އެޑިއުކޭޝަން 2016، އޭޕްރީލް 22
ޚިޔާލުތައް