އެމެރިކާގައި މިހާރު ކުރިޔަށްދާ ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބްރެޒިލް ޓީމުން މޮޅުކުޅުމެއް ދައްކައި “ލަނޑު ގޯންޏެއް” ހޯދައިފިއެވެ. ކެރީބިއަންގެ ހެއީޓީ އާއި ދެކޮޅަށް ކުޅެ ބްރެޒިލުން މިއަދުގެ މެޗް ކާމިޔާބުކުރީ 7-1 ން ނެވެ. މިމެޗްގައި ބްރެޒިލްގެ ކޯޓީނީއޯ (ޖ.22) ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ.
މިއަދުގެ މޮޅާއެކު ބްރެޒިލް ވަނީ ކްއާރޓަރ ފައިނަލުގެ ޖާގައަކާއި ކައިރައަށް ޖެހިލާފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗު އިކުއެޑޯއާއި އެއްވަރުވެ، މިއަދުގެ މެޗުން މޮޅު ވުމާއެކު ގްރޫޕް ބީގެ އެއްވަނަ ލިބެނީ 4 ޕޮއިންޓާއި ގޯލުގެ ތަފާތުންނެވެ. ދެވަނާގައި ވާ ޕެރޫއަށް ވެސް 4 ޕޮއިންޓް ލިބިފައި ވެއެވެ.
ގްރޫޕުގެ ފަހުމެޗުގައި މިދެޓީމު ބައްދަލުކުރަން ޖެހުމުން، ދެޓީމަށް ވެސް ނުތަނަވަސްކަން އެބައޮތެވެ. އެއީ އިކުއެޑޯއިން ހެއިޓީގެ މައްޗަށް ރަނގަޅު ކާމިޔާބެއް ހޯދައިފިނަމަ، މިދެޓީމު ބައްދަލުކުރާ މެޗުން ބަލިވާ ޓީމެއް ކެޓުމުގެ ފުރުސަތު އޮތުމާއި އެއްވަރުވެއްޖެ ނަމަވެސް ނަތީޖާއާއި މެދު ވިސްނަން ޖެހޭނެތީއެވެ.
މިއަދުގެ ދެވަނަ މެޗު ނިމުނީ ޕެރޫ 2- އިކުއެޑޯ 2 ލަނޑުން އެއްވަރު ވެގެންނެވެ.
މިރޭ ފަތިހު އަދި މާދަމާ ހެނދުނު ކުޅޭނީ ސީ ގްރޫޕުގެ އުރުގުއޭއާއި ވެނެޒުއެލާގެ މެޗު އަދި މެކްސިކޯ އާއި ޖެމެއިކާގެ މެޗެވެ. އުރުގުއޭގެ އިތުބާރު ފޯވަޑު ލުއިސް ސުއަރޭޒް އަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅޭނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ. އެޓީމުގެ ފުރަމަ މެޗުން ބަލިވެފައި ވުމުން މުބާރާތުގައި ކުރިޔަށް ދިއުމަށް މިމެޗުން މޮޅުވުން ވަރަށް މުހިންމު ވާނެއެވެ.
ޚިޔާލުތައް