A wide advertisement which will be shown on all devices. (700 x 100)

މެސީގެ ހެޓްރިކާއެކު އާޖެންޓީނާ ކުއަރޓަރ ފައިނަލަށް

މިއަދުގެ މެޗުގައި (އާޖެންޓިނާ- ޗިލީ) މެސީ ހެޓްރިކް ހެދުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ. އޭޕީ

ކޮޕާ އެމެރިކާ ސެންޓެނާރިއޯ 2016 ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ގްރޫޕް ޑީގެ އާޖެންޓީނާ ޕެނަމާ ބައްދަލުކުރި މެޗްގައި އާޖެންޓީނާގެ ލިއޮނަލް މެސީ (ޖ.10)ގެ ހެޓްރިކާއެކު އެޓީމު ކުއާރޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7 ޖެހި އިރު ޗިކާގޯގެ ސޮލްޖަރ ފީލްޑް ސްޓޭޑިއަމުގައި ކުޅުނު މެޗު ނިމުނީ 5-0 ގެ ބޮޑު ތަފާތަކުން ޕެނަމާ ޓީމު ބަލިވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ޑިމަރީއާ “އޮޅާލާފައި” ފޮނުވާލި ހިލޭ ޖެހުމެއް، އާޖެނޓީނާގެ އޮޓެމެންޑީ(ޖ.17) ބޮލުން ޕެނަމާގެ ގޯލަށް ވައްދާލައި، މެޗުގެ ކުރީ ކޮޅު ލީޑު ނެގިއެވެ. ފުރަތަމަ ހާފުގައި ޕެނަމާއިން އިދިކޮޅު ގޯލަށް ދެ ހަމަލާއެއް ފޮނުވަލި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މުޅި ހާފުގައި ވެސް ބޯޅަ އާޖެންޓީނާ ޓީމުގެ ކޮންޓްރޯލް ދަށުން ކުޅުނު އިރު، އެޓީމުގެ ސެންޓްރަލް ފޯވަރޑް ހިގުއިން (ޖ.9) ގެ ހަމަލައެއްް ޕެނަމާގެ ކެޕްޓަން ދިފާއުކުރީ ގޯލް ދަނޑި ކައިރިންނެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ ކެޕްޓަން މެސީ ވަނީ 3 ގޯލު ޖަހައި ގައުމީ ޓީމަށް އޭނާގެ 4 ވަނަ ހެޓްރިކް ހަދައިދީފައެވެ. 2012 ވަނަ އަަހަރު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުތަކެއްގައި ސްވިޒަލޭންޑް، ބްރެޒި އަދި 2013 ގައި ގުއެޓަމާލާ އާއި ދެކޮޅަށް މެސީ ވަނީ ހެޓްރިކް ހަދާފައެވެ. މިއީ މެސީގެ ބައިނަލްއަގުވާމީ 53 ވަނަ ގޯލެވެ. އާޖެންޓީނާގައި ބައިނަލް އަގުވާމީ މެޗުތަކުގައި ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކުރީގެ ފޯވަޑް ގަބްރިއެލް ބަޓިސްޓޫޓާ އަށެވެ. އެއީ 56 ގޯލެވެ. މެސީއަށް މިރިކޯޑާއި ހަމަޔަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ފާއިތުވި މޭމަހު ހޮންޑިއުރާސް އާއެކު ކުޅެ 1-0ން މޮޅުވި މެޗުގައި ލިބުނު އަނިޔާއަކާއި ހުރެ މެސީއަށް ޖެހުނީ އެމެޗުގެ މެދުތެރެއިން ދަނޑުން ފައިބާށެވެ. އަދި މިމުބާރާތުގެ ފުރަތަމަ މެޗުގައި 2-1ން ޗިލީ އަތުން އާޖެންޓީނާ މޮޅުވީވެސް މެސީއާއި ނުލައިއެވެ. މެސީގެ ކުޅުން ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން އެމެޗުގައި ވެސް ދަނޑަށް ވަނެވެ. ނަމަވެސް ފަހުން ކޯޗް ޖެރާޑޯ މާރޓިނޯ ބުނެފައި ވަނީ ޕެނަމާ މެޗުން މެސީ ފެންނާނެ ކަމަށެވެ.

މިއަދުގެ މެޗު ބެލުމަށް ވަން 54000 މީހުންގެ އަދަދަކީ އެމެރިކާ ޓީމު އަމިއްލަ ފަސްގަޑުގައި 4-0ން މޮޅުވި މެޗު ބަލަން ވަން 40000 މީހުންނަށް ވުރެ ތަފާތު ބޮޑު އަދަދެކެވެ. ފުރަތަމަ ހާފުގައި ވެސް ސަޕޯޓަރުން ގޮވަމުން ދިޔައީ މެސީ ކުޅެން އެރުވުމަށެވެ.

މެޗުގެ ފަހު ގޯލު ބަދަލު ކުޅުންތެރިޔާ އަގުރޯ (ޖ.11) ޖެހީ، މެސީ މެދުތެރެއިން، ޕެނަމާގެ ގޯލް ހުރަސްވާގޮތަށް، ލަމެއްލާ (ޖ.18) އަށް ފޮނުވާލި ބޯޅަ، ޕެނަމާ ގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޮލުން އަގުއެރޯއަށް ދިން ޕާސް ބޮލުން ގޯލުގެ ތިރީ ކަނާތްފަރާތު ކަނަށް ވައްދާލައިގެންނެވެ.

މެޗުގައި 10 ރީނދޫކާޑާއި ރަތްކާޑެއް ދެއްކުނު އިރު ޕެނަމާ އަށް ވަނީ 7 ރީނދޫކާޑާއި ރަތްކާޑެއް ދައްކާފައެވެ.

މިގްރޫޕުގައި ރޭ ފަތިހު ކުޅެވުނު ބޮލީވިއާ އާއި ޗިލީގެ މެޗު ނިމުނީ އަރުތުރޯ ވިދާލް (ޖ.8)ގެ ދެގޯލާއެކު 2-1ން ޗިލީ މޮޅުވެ ބޮލިވީއާ މުބާރާތުން ކަޓައިގެންނެވެ. ވިދާލްގެ ފަހު ލަނޑަކީ ފަހުހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓި އަކުން ކާމިޔާބުކުރި ގޯލެކެވެ.

މިނަތީޖާއާއެކު މިގުރޫޕުން ކުއާރޓަރ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ގުރޫޕުގެ ފަހު މެޗުގައި ޗިލީއާއި ޕެނަމާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. ދެޓީމަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އާޖެންޓީނާ އަށް 6 ޕޮއިންޓް ލިބިފައި ވުމުން ކުއާރޓަރ ފައިނަލް ޔަގީންވާއިރު ފަހުމެޗުގައި ކުޅެންޖެހޭނީ ކަޓާފައިވާ ބޮލީވިއާއި ދެކޮޅަށެވެ.

ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކާއި ޚިލާފަށް ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުގެ ފަހު ދެމެޗު (އެއްގުރޫޕެއްގެ) ކުޅެނީ ދެގަޑިއެއްގައެވެ.

މާދަމާގެ ދެމެޗުގައި ބައްދަލުކުރާނީ އެމެރިކާ އާއި ޕެރަގުއޭ އަދި ކޮސްޓަރިކާ އާއި ކޮލަމްބިއާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !