މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ކުރެވެނު ހަގުރާމަތަކުގެ ތެރެއިން ކީރިތި ރަސޫލު ﷲ (ސއވ) ބައިވެރިވެވަޑައިގެންނެވި ހުރިހާ ހަގުރާމައެއް ގައި ބައިވެރިވުމުގެ ޝަރަފު އަބޫ އުބައިދާ ހާސިލުކުރެއްވިއެވެ. މީގެ އިތުރުން، ޚައިބަރު ހިތްޕެވުމާއި، ޔަހޫދީން މަދީނާއިން ބޭރުކުރުމަށް ކުރެވުނު ހަގުރާމަތަކުގައި ބައިވެރި ވެ ވަޑައިގަތުމުގެ އިތުރުން، މުޝްރިކުންނާއި ދެކޮޅަށް ކުރިއަށް ގެންދެވުނު ތަފާތު ގިނަ ހަގުރާމަވެރި ހަރަކާތްތަކުގައި ކޮމާންޑަރެއްގެ ގޮތުގައްޔާއި އަދި އާންމު ހަގުރާމަވެރިއެއްގެ ގޮތުގައިވެސް ބައިވެރިވެ އިޚްލާސްތެރިކަން އަބޫ އުބައިދާ ވަނީ ދައްކުވައިދީފައެވެ.
މަދީނާގެ އުތުރުން ރޯމަނުން ގުޟާއަތު ވަންހައިގެ މީހުންނާއި ގުޅިގެން މުސްލިމުންނަށް ހަމަލާދޭން ރާވަން ފެށުމާއި އެކު ކީރިތި ރަސޫލު ﷲ (ސއވ) އަމްރު ބުނު އާސް އިސްކޮށް އެބައިމީހުންނާއި ކުރިމަތިލުމަށް ލަޝްކަރެއް ފޮނުއްވިއެވެ. އަމްރުގެ ލަޝްކަރަށް އެހިސާބު ދެވުމާއިއެކު ފެނިލެއްވީ އެލަޝްކަރު އަދަދު މަދުކަމުން އިތުރު އެހީއަށް މަދީނާއިން އެދުމަށެވެ. އެހިނދު ކީރިތި ރަސޫލު ﷲ (ސއވ) އަބޫ އުބައިދާ އިސްކުރައްވައި އިތުރު ލަޝްކަރެއް ފޮނުއްވިއެވެ. އަބޫ އުބައިދާ ގެ ލަޝްކަރު އަމްރު ބުނު އާސްގެ ލަޝްކަރާއި އާއި ބައްދަލުވެ ދެލަޝްކަރު އެއްކުރެވި ދެ ލަޝްކަރުގެ ވެރިއެއްކަމަށް ވާނެ ފަރާތެއް ކަމަށް އަމްރު ބުނު އާސް އަށް ގަބޫލުކުރެވުނީ އެކަލޭގެފާނުކަމަށެވެ. އެހެނީ، ފުރަތަމަ ފޮނުއްވި ލަޝްކަރުގެ ވެރިއަކީ އަމްރު ކަމަށް ވުމާއި ދެވަނައަށް އައި ލަޝްކަރަކީ މަދަދަށް އައިލަޝްކަރަކަށްވުމެވެ. މިކަން އަބޫ އުބައިދާ ގަބޫލުކުރީ އެއްވެސް އެއްވެސް ހިތްނުތަނަވަސް ކަމެއްނެތި ހިތާއި ރޫހުނެވެ.
މުސްލިމް އުތްމަތް ބާރުވެރިވެގެން ދިޔަ ހިނދު އެކިއެކި ގަބީލާތަކުން މުސްލިމުންގެ ހިމާޔަތަށް އެދިގެން އައެވެ. އެގޮތުން، ނަޖުރާން އިން އައި ގަބީލާގެ މީހުން މުސްލިމުންގެ ހިމާޔަތް ގަބޫލުކޮށް ޖިޒިޔައަށް އެއްބަސްވެ، އަމާނާތްތެރިއަކު އެބައިމީހުންގެ ކަންތައްތައް ބެލެހެއްޓުމަށް ފޮނުވައިދިނުމަށް އިތުރު ރަސޫލު ﷲ(ސއވ) އަރިހުން އެދިވަޑައިގަތެވެ. ހަގީގީ އަމާނާތްތެރިއަކު ފޮނުވާނެ ކަމަށް އެހިނދު ރަސޫލު ﷲ(ސއވ) ހަދީޘް ކުރެއްވިއެވެ. ރަސޫލު ﷲ (ސއވ) މި ހަދީޘްފުޅާއި ގުޅިގެން ހުރިހާ ސަހާބީ ބޭކަލުންވެސް އިންތިޒާރުކުރިއެވެ. އެޝަރަފު ލިބިގަތުމަށެވެ. ނަމަވެސް، މި ޝަރަފު ލިބިވަޑައިގަތީ އަބޫ އުބައިދާ އާމިރު ބިން ޖައްރާހަށެވެ. ކީރިތި ރަސޫލު ﷲ (ސއވ) އަބޫ އުބައިދާ އަށް އަތްޕުޅުގައި ހިތްޕަވައި ހަދީޘް ކުރެއްވިއެވެ. ކޮންމެ އުއްމަތަކަށްވެސް އަމާނާތްތެރިއަކުވެއެވެ. މިއުއްމަތުގެ އަމާނާތްތެރިއަކީ އަބޫ އުބައިދާއެވެ.
ކީރިތި ރަސޫލު ﷲ (ސއވ) އަވަހާރަވުމުގެ ޚަބަރު ފުރަތަމަ ލިބިވަޑައިގަތުމާއިއެކު އެކަން ގަބޫލުފުޅު ކުރައްވަން އެހެން މުސްލިމުންނެކޭ އެއްފަދައިން ދަތިފުޅުވި އަބޫއުބައިދާ އަށް އިތުރު ހާސްކަމެއް ލިބުނީ އިތުރު ރަސޫލު ﷲ (ސއވ) ފަސްދާނުވެޑުވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ލިބިވަޑައިގެންނެވި ޚަބަރުންނެވެ. އެއީ، މަދީނާގެ އަންސާރުން އެބޭކަލުންގެ ތެރެއިން ވެރިއަކު އައްޔަންކުރައްވަން އުޅުއްވާ ޚަބަރެވެ. މިޚަބަރު ލިބިވަޑައިގަތުމާއިއެކު އެކަމުގެ ހުރި ބޮޑުކަން ވިސްނިވަޑައިގެން އަބޫބަކުރު އައްސިއްދީގު އާއި އުމަރު ބުނު ޚައްތާބާއި އެކު އަބޫ އުބައިދާ ވެސް ނިންމެވީ އެބޭކަލުންނާއި ކުރިމަތިލެއްވުމަށެވެ. އެގޮތުން، މިތިން ބޭކަލުން މަދީނާގެ އަންސާރުންނާއި އެކު އެކަމުގައި ބަހުޘްކުރެއްވިއެވެ. މިބަހުޘުގެ ތެރޭގައި އަބޫބަކުރު އައްސިއްދީގު އުމަރު ބުނު ޚައްތާބު އާއި އަބޫ އުބައިދާގެ އަތްޕުޅު ނަންގަވާ އެދެބޭކަލުންގެ ތެރެއިން ބޭކަލަކު އިސްލާމީ ދައުލަތުގެ އިސްވެރިއާގެ ގޮތުގައި އައްޔަންކުރުމަށް ހުށަހެޅުއްވިއެވެ.
އަބޫ އުބައިދާގެ ނަންފުޅު އަބޫބަކުރު އައްސިއްދީގު ހުށަހެޅުއްވުމާއި ގުޅިގެން އަބޫ އުބައިދާ އަބޫބަކުރު އައްސިއްދީގު އަށް ދެންނެވިއެވެ. އެންމެ ފުރަތަމަ އިސްލާމި އަދި ކީރިތި ރަސޫލު ﷲ(ސއވ)ގެ އެންމެ އަރިސް ސާހާބީ އިންނަވަނިކޮށް އެކަމަަށް އެކަލޭގެފާނު ވަޑައިގަތުމަށް ލަދުވެތިވާ ކަމަށެވެ. އަދި އަބޫއުބައިދާ، އުމަރު ބުނު ޚައްތާބު އާއި އެކު އަބޫބަކުރު އައްސިއްދީގު އަށް ބައިއަތު ހިތްޕެވިއެވެ.
އަބޫބަކުރު އައްސިއްދީގު ގެ ވެރިކަމުގައި ރޫމީންގެ ބިރުވެރިކަން ނައްތާލުމަށްޓަކައި ރޫމީންނާއި ދެކޮޅަށް ހަގަރާމަކުރުމަށް ލަޝްކަރެއް ތައްޔާރުކުރައްވައި އެލަޝްކަރުގެ އިސްކޮމާންޑަރުގެ ގޮތުގައި އަބޫ އުބައިދާ ލެއްވިއެވެ. އަދި އިތުރު ތިން ލަޝްކަރު ސީރިއާއަށް ރޫމީންނާއި ދެކޮޅަށް ފޮނުވުމަށް އެކުލަވާލެއްވިއެވެ. މިތިން ލަޝްކަރުގެ ވެރިންނަށް ލެއްވެވީ އަމްރު ބުނު އާސް އާއި ޔަޒީދު ބިން އަބޫ ސުފުޔާނާއި ޝޫރަހަބީލު ބިން މަސްނާ އެވެ. އަދި މިތިން ލަޝްކަރު ބައްދަލުވުމުން މައި ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި އަބޫ އުބައިދާ އައްޔަން ކުރުމަށް އެންގެވިއެވެ. މިހަތަރު ލަޝްކަރަށް ސީރިއާގެ ޔަރުމޫކުގެ ސަރަހައްދަށް ދެވުނު ހިނދު ރޫމީންގެ ބިޔަ ލަޝްކަރުފެނިފައި ހައިރާންވިއެވެ. އެހެންކަމުން އަބޫ އުބައިދާ ނިންމެވީ އެކަލޭގެފާނުގެ އަރިސްބޭކަލުންނާއިއެކު މަޝްވަރާ ކުރުމަށެވެ. މި މަޝްވަރާއިން އިއްތިފާގުވެވުނީ މަދަދަށް އެދި މަދީނާއަށް އެންގުމަށެވެ.
އަބޫބަކުރު އައްސިދީގު އޭރުވަނީ ފާރިސީންނާއި ހަގުރާމަކުރުމަށް އިރުމައްޗަށް ޚާލިދު ބުނު ވަލީދު ލަޝްކަރަކާއިއެކު ފޮނުވާލައްވާފައެވެ. ރޫމީންގެ ބިޔަ ލަޝްކަރުގެ ޚަބަރު ލިބިވަޑަގެންނެވި ހިނދު އަބޫބަކުރު ނިންމެވީ އަބޫ އުބައިދާގެ ލަޝްކަރުގެ މަދަދަށް ޚާލިދު ބުނު ވަލީދު ފޮނުވުމަށެވެ. އަދި އެލަޝްކަރުގެ ކޮމާންޑަރަަކަށް ޚާލިދު ބުނު ވަލީދު އައްޔަން ކުރުމަށެވެ. ޚާލިދަށް އެ އަމުރު އައުމާއިއެކު އުތުރަށް ދަތުރު ކުރައްވާ ޚަލީފާގެ ނިންމެވުން އަބޫ އުބައިދާ އަށް އެންގެވިއެވެ. އެހިނދު އަބޫ އުބައިދާ އެލަޝްކަރުގެ ވެރިކަން ވަގުތުން ޚާލިދަށް ދެއްވައި އާންމު ހަގުރާމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވީ އެއްވެސް ހިތްނުތަނަވަސް ކަމެއް ނެތި ނަމޫނާ ދެއްކެވުމުގެ ލާމަސީލު ކަންމަތީގައެވެ. އެހަގުރާމާގައި މުސްލިމުން ނަސްރާއި ފަތަހަ ލިބި ރޫމީންގެ ވެރިއަކަށް ހުރި ހިރަގުލު ސީރިއާ އިން ފައްސާލެވުނެވެ.
މިހަގުރާމާއިގެ އުޑި އެންމެ ބާރުވީ ހިނދު މަދީނާއިން އަބޫބަކުރުގެ އައްސިއްދީގު އަވާހާރަވި ޚަބަރާއިގެން މީހަކު އައެވެ. އަދި އާ ޚަލީފާ އުމަރު ބުނު ޚައްތާބު ގެ ސިޓީފުޅެއް އަބޫ އުބައިދާ އަށް ހުށަހެޅުއްވިއެވެ. އަދި ސިޓީފުޅު ކަނޑުއްވައި ބެއްލެވި އިރު ފެނިވަޑައިގަތީ އުމަރުގެފާނު ޚާލިދު ބުނު ވަލީދުގެ ބަދަލުގައި އަބޫ އުބައިދާ އެލަޝްކަރުގެ ވެރިޔާ ކަމަށް އައްޔަންކުރި މެސެޖެވެ. އެހިނދު އެސިޓީފުޅު ސިއްރު ކުރުމަށާއި އެޚަބަރު ސިއްރުކުރުމަށް ސިޓީގެނައި މީހާއަށް އަބޫ އުބައިދާ އެންގެވިއެވެ.
އަބޫ އުބައިދާ އެހަގުރާމައިން ނަސްރާއި ފަހަތަ ލިބުމާއި ހަމައަށް އެސިޓީފުޅު ސިއްރުކުރެއްވިއެވެ. އަދި ނަސްރާއި ފަހަތަ ލިބުމަށްފަހު އެސިޓީފުޅު ޚާލިދު ބުނު ވަލީދަށް ހުށަހެޅުއްވިއެވެ. އެހިނދު ޚާލިދުވެސް ދެއްކެވީ އަބޫ އުބައިދާ ދެއްކެވިފަދަ ނަމޫނާ މިސާލެކެވެ. އެކަން ގަބޫލުކުރައްވާ އަބޫ އުބައިދާގެ ނިއްކުރިފުޅުގައި ބޮސްދެއްވިއެވެ. އަދި ދެންނެވިއެވެ. މިއަދާއި ހަމައަށް މިސިއްރުކުރެއްވީ ކީއްވެގެންތޯއެވެ. އަބޫ އުބައިދާ ޖަވާބުގައި ދެންނެވީ، “ކަލޭގެފާނަށް އޮޅުންއަރާފާނެފަދަ ކަމެއް ކުރައްވަން ތިމަންކަލޭގެފާނު ބޭނުންފުޅެއްނޫނެވެ. ކަލޭގެފާނަށް ވެސް އެގިވަޑައިގަންނަވާނޭފަދައިން އަޅުގަނޑުމެންނަކީ ދުނިޔަވީ ކަންތައްތައް ބޭނުންވާ ބައެއްނޫނެވެ. އަޅުގަނޑުމެން އެންމެންނީ އަޚުންތަކެކެވެ.”
އަބޫ އުބައިދާ ގެ ވެރިކަމުގައި މުޅި ސީރިއާ މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި ސީރިއާގެ ގޮރުނުދޯރު (ގަވަރނަރ) ގެ މަގާމަށް އަބޫ އުބައިދާ އައްޔަންކުރެވުނެވެ.
(ނުނިމޭ)
ގުޅޭ ލިއުންތައް
ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: އަބޫ އުބައިދާ އާމިރު ބިން ޖައްރާހު
ޚިޔާލުތައް