A wide advertisement which will be shown on all devices. (700 x 100)

ވަރުގަދަ ޖާރުމަން 2-0ން ބަލިކޮށް މުބާރާތުގެ ފައިނަލަށް ފްރާންސް

ފްރާންސްގެ އެންޓޮނީ ގްރިޒްމަން މިރޭގެ މެޗުގައި އޭނާގެ ދެވަނ ގޯލު ޖަހަނީ. އޭނާ ވަނީ މިމުބާރާތުގައި 6 ގޯލުޖަހައި ލަނޑު ލިސްޓުގެ ކުރީގައި. ފޮޓޯ:އޭއެފްޕީ

ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު 0-2 ބަލިކޮށް މުބާރާތުގެ ފައިނަލަށް ފްރާންސުން ދަތުރުކޮށްފިއެވެ. ފާއިތުވި 2 ޔޫރޯ މުބާރާތުގެ ވެސް ސެމީ ފައިނަލުގައި ކުޅުނު ޖަރުމަން ޓީމުން މެޗުގައި މޮޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ފުރާންސުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އަދި ދެވަނަ ގޯލު ވެސް ގްރިޒްމަން ޖަހައިދިނީ ފަހު ހާފު ދެބައި ވަނިކޮށެވެ.

ފްރާންސްގެ މާސޭގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ 10 ވަރަކަށް މިނިޓް ފްރާންސުން މެޗުގެ ކޮންޓްރޯލް ހޯދައި އިދިކޮޅު ގޯލަށް ނުރައްކާ ކުރިއެވެ. ނަމަވެސް އެއިގެ ފަހުން ޖަރުމަނުން މެޗުގެ ކޮންޓްރޯލް އަތުލައި ފްރާންސްގެ ގޯލަށް ހަމަލާތައް ދޭން ފެށިއެވެ. މެޗުގައި ފްރާންސުގެ މެދުތެރެއިން ގިނަ ބޯޅަތަކެއް ގެއްލި މެޗުގެ ކޮންޓްރޯލް ހޯދަން އުނދަގޫވިއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ކައުންޓަރ އެޓޭކުގައި ފްރާންސްގެ ޖިރޫ އަށް މެދުތެރެއިން ހުހަށް ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް އަރާ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރެއިން  ގޯލަށް ފޮނުވާލި ބޯޅަ ޖަރުމަނުގެ ޑިފެންޑަރު ހުޝިޔާރުކަމާއެކު ފަހަތުން އައިސް ބޯޅައިގައި ޖައްސައް ދިފާޢުކުރިއެވެ. އެއިގެ އިރުކޮޅެއް ފަހުން ގްރިޒްމަން ފޮނިވާލި ހަމަލާ ދިޔައީ ޖަރުމަނުގެ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ފުރަތަހާފު ނިމެނިކޮށް ފްރާންސަށް ލިބުނު ކޯނަރެއްގައި އެޓީމުގެ އެވްރާ ބޮލުން ޖަހަނިކޮށް ޖަރުމަނުގެ ކެޕްޓަން ޝުވައިނިސްޓޭގަރ އަތުން ޖެއްސުމުން ލިބުނު ޕެނަލޓީން ގްރިޒްމަން މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނެވެ.

ދެވަނ ހާފުވެސް ފެށިގެން ފުރަތަމަ މެޗުގެ ކޮންޓްރޯލް ހޯދީ ފްރާންސުންނެވެ. ނަމވެސް މާގިނަ އިރުތަކެއް ނުވެ ޖަރުމަނުން މެޗުގެ ކޮންޓްރޯލް އެމީހުންގެ އަތްދަށަށް ގެނައެވެ. ދެވަނ ަހާފުގެ މެދޭހާ ހަމައިން ކައުންޓަރ އެޓޭކެއްގައި ޕޮގްބަ ޖަރުމަނުގެ އޭރިއާތެރެއިން ބޯޅަ ހޯދައި ޑިފެންޑަރު މުސްޓާފީ ކައިރިން ނެގި ހުރަސް ގޯލް ކީޕަރު ނުޔަރ އަތުން ޖައްސައި އޭރިއާތެރެއަށް ވައްޓާލި ވަގުތު އެތުލެޓިކޯ މެދްރިޑްގެ ފޯވަޑް ގްރިޒްމަން ދުވަފައި އަރީ ގޯލުގެ ތެރެއަށް ވައްދާލައި ނަތީޖާ 2-0 ށް ބަދަލުކޮށްލިއެވެ.

ގްރިޒްމަން ވަނީ މުމުބާރާތުގައި 6 ގޯލު ޖަހައި ފައެވެ. އަދި މިމެޗުގެ މޮޅު
ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް ގްރިޒްމަންއަށެވެ. މުބާރާތުގެ ރަން
ބޫޓަށް ވާދަކުރަނީ ފްރާންސްގެ ގްރިޒްމަން 6 ގޯލުން، ޕޯޗުގަލްގެ ރޮނަލްޑޯ 3
ގޯލު، ފްރާނސްގެ ޖިރޫ 3 ގޯލު އަދި ޕަޔެޓް 3 ގޯލުންނެވެ.

މުޅި މެޗުގައި ވެސް ޖަރުމަނުން ގިނައިރު ބޯޅަ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ގެންގުޅުނެއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި ސެމީ ފައިނަލުން މުބާރާތާއި ވަކިވާން ޖެހުނީއެވެ. މިހާފުގައި ފްރާންސްގެ ކީޕަރު ލޯރިސްގެ ވަރަށް ފުރިހަމަ ސޭވް އެއް ފެނިގެން ދިޔައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ އަންނަ އާދިއްތަ ދުވަހު، ޖުލައި 10 ގެ ރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު ފްރާންސްގެ ޕެރިހުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !