އަންނަ ބުދަ ދުވަހު އިފްތިތާޙު ކުރަން އުޅޭ ފުވައްމުލަކުގެ އާއްމު ބަސް ދަތުރުގެ ޚިދުމަތްތަކަށް އެންމެ 2 ބަހުން ޚިދުމަތް ނުދެވޭނެ ކަމަށްބުނެ ބައެއްމީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެންމެ ދެކުނުގެ ދެއަތޮޅު ކަމުގައިވާ އަައްޑޫއާއި ފުވައްމުލަކުގެ ދަތުރު ފަތުރުގެ ކަންތައްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯރޓް ލިމިޓެޑުން (އެމްޕީއެލް)އާއެވެ. އެއްގަމު ދަތުރުތަކަށް ގެނައި 13 ބަހުގެ ތެރެއިން ފުވައްމުލަކަށް ގެންނެސްފައި ވަނީ 2 ބަަހެވެ. މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށް ރިކޯޑުތަކުން ދައްކާ ފުވައްމުލަކުގެ ބައެއް މީހުން ވަނީ ވަނީ ސޯޝަލް މީޑީއާގައި މިކަމާ ކަންބޮޑުވުން ފާޅުކުރުން ފަށާފައެވެ.
ފުވައްމުލަކުގެ އާއްމު ބަސް ދަތުރުތަކަށް 2 ބަހުން ނުވާނެ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރާ ފަރާތްތަކުގެ ތެރޭގައި މިސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތައް ވެސް ހިމެނެއެވެ. ބަސް ދަތުރުތަކަށް އެމްޕީއެލްއިން ގެނެސްފައި ވަނީ 52 މީހުންގެ ބަހާއި 32 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އެއިގެ ތެރެއިން ފުވައްމުލަކަށް ގެނެސްފައި ވަނީ 32 މީހުންގެ ދެބަހެވެ.
ހިތްހަމަނުޖެހުން ފާޅުކުރާ ފަރާތްތަކުގެ ތެރޭގައި ރައީސް ޔާމީނުގެ ސަރުކާރު ގެނައުމަށް ފުވައްމުލަކުގައި އިސްކޮށް ހަރާކާތްތެރިވި އެއް އެކްޓިވިސްޓް، ހަސަން އަބްދުﷲ ކާމިނީގެ ހިމެނެއެވެ. އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ހިތްހަމަ ނުޖެހުން ފާޅުކޮށް ލިޔެފައިވެއެވެ.
“މިއޮތް ބޮޑު ފުވައްމުލަކު ބަސް ބުނާނެ މީހަކު ނެތި، ވާލެއް ޔާރެއް ނެތި، ޖުމްލެ 2 ބަސް މިގެނައީ. މާ ތާހިރު ވާނެ މިރަށު ‘އެމްޕީސް’ ރައްޔިތުން ކުރިމަތީގައި ގރ….ޔާ!” ހަސަން ލިޔެފައި ވެއެވެ.
މިސަރުކާރުގެ ކަންތަކާއި މެދު ހަސަނުގެ ހިތްހަމަނުޖެހުން ފާޅުކުރަމުން “ތުނޑީކޮޅަށް ލެއްގި ކަންޒުކަހުބެއް ހޮވަން ވޯޓު ލެވުނީތީ ރައްޔިތުން ކިބައިން މާފަށް އެދެން” އަދި ދެން އެކަން ތަކުރާރެއް ނުވާނެކަމަށް ލިޔެފައިވެއެވެ.
ހަސަން އިތުރަށް ބުނެފައިވާ ގޮތުގައި އައްޑޫ އަތޮޅަށް 11 ބަސް ގެންދިޔައިރު ފުވައްމުލަކުގައި ދިރިއުޅޭ މީހުންގެ އާބާދީ މާގިނަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ހަގީގަތަކީ އައްޑޫގެ ގުޅިފައިވާ 4 ރަށް ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ އެއްކޮށްލުމުން ފުވައްމުލަކުގައި ދިރިއުޅޭ އާބާދީއަށް ވުރެ، އައްޑޫގެ 4 ރަށުގައި ދިރިއުޅޭ އާބާދީ އިތުރުވާނެއެވެ. އަދި އައްޑޫގެ ވަކިން އޮންނަ ދެރަށް ކަމަށްވާ ހުޅުދޫ އާއި މީދޫގެ ދަތުރުތަކަށް ވެސް ގެންދަން ހަމަޖެހިފައި ވަނީ ކުޑަސައިޒުގެ ދެބަހެވެ. ނަމަވެސް ފުވައްމުލަކުގެ އާބާދީއާ އަޅާކިޔައިރު އެއީ މާކުޑަ އާބާދީއެކެވެ.
ހަަސަންގެ ވާހަކައާއި އެއްބަސް ނުވާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ފުވައްމުލަކަށް ދެބަހުން ފުދޭނެއެވެ. ފުވަމްއުލަކުގައި ބަހަށް އަރާނެ ބަޔަކު ނުތިބޭ ކަމަށެވެ. އެއީ ކުރިން އެމްވީކޭއިން ބަސް ދަތުރުތައް ބޭއްވިއިރު ބަހަށް އަރާނެ ބަޔަކު ނުވިކަމަށް ބުނެއެވެ. ނަމަވެސް އެމްވީކޭގެ ބަސް ދަތުރުތަކަކީ މާޒީ ކަމާށާއި މިހާރު މީހުންގެ ބޭނުންތައް ތަފާތުކަަމަށް ބުނެ ބައެއް މީހުން ރައްދު ދީފައިވެއެވެ.
އެމްވީކޭއިން ބަސް ދަތުރުތައް ބޭއްވިއިރު ރަށުގެ މީހުން އެދޭ މަގަކުން ބަސް ރޫޓުތައް ހަމަޖެހިފައި ނެތުމާއި، ބަސް ހުއްޓިތައް ފާހަނގަ ކުރެވިފައި ނެތުމާއި ބަސް ޝެޑިއުލް އާއްމުންނަށް އެނގެން ނެތުން ފަދަ ތަފާތު ކަންތައްތައް ހުރިކަމަށް ބުނެ އެއިރު އާއްމުންގެ ޝަކުވާތައް އުފުލާފައިވެއެވެ. ނަމަވެސް އެކަން ހައްލު ނުވެ ގޮސް ބަސް ދަތުރުތައް އެއްކޮށް ހުއްޓުނީއެވެ.
އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފު މިކަލް ނޫހަށް ކުރިން މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ފުވައްމުލަކަށް ދެބަސް މަދު ކަމަށާއި އިތުރު ބަސް ގެނައުމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު
މުޙައްމަދު ޖުނައިދު ގާތު ދާދިފަހުން ބޭއްވުނު ބައްދަލުވުމެއްގައި ވަނީ އެދިފައި ކަމަށެވެ.



ޚިޔާލުތައް