ފުވައްމުލަކު ސްކޫލުތަކުގެ ތެރެއިން މިހާތަނަށް ހުރިހާ ދަރިވަރުންނަށް މީސްލްސް (ހިމަބިހި) ވެކްސިންގެ ޑޯޒްތައްދީ ފުރިހަމަކޮށް ނިމިފައިވާ ދަރިވަރުންތިބި ސްކޫލެއްގެ ގޮތުގައި އައިޑިއަލް ސްކޫލު ހިމެނިއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލު، މިނިސްޓްރީ އޮފް ހެލްތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އަދި ރައީސް އޮފީސް ޓެގް ކުރައްވާ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަލްފާޟިލް އަޙްމަދު ސަޢީދު ޢާންމު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، “ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްގައި އައިޑިއަލް ސްކޫލު މިހާރު ރެކޯޑު ކުރެވިފައިވަނީ އެސްކޫލުގެ ހުރިހާ ދަރިވަރުންނަށް ހިމަބިއްސާ ދެކޮޅަށް ދެވޭ ވެކްސިން ދީ ފުރިހަމަކޮށް ނިންމާފައިވާ ސްކޫލެއްގެ ގޮތުގައެވެ“.
އަދި އެ ކާމިޔާބީޔަށް ސްކޫލުގެ މެނޭޖުމަންޓަށާއި ބެލެނިވެރީންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ފުވައްމުލަކުގެ އެހެން ސްކޫލުތަކުންވެސް ދަރިވަރުންނަށް ވެކްސިން ދިނުމުގައި ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓާގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ހިމަބިހި ނުފެންނަތާ ނުވަ އަހަރު ފަހުން އެ ބަލި ނައްތާލާފައިވާ ކަމުގެ އެވޯޑު ދީފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ މި މަހުގެ 10ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ގިނަ ބަޔަކަށް އަންނަނީ ވެކްސިން ދެމުންނެވެ.
ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.
މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.



ޚިޔާލުތައް