މިއަދު އިރުއޮސުނު އިރު މާލޭ ޓްރެކް ދަނޑުގައި ނިމުނު 19ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އާއި އެމްޖޭއެމުން ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ. ޏ. އޭއީސީގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިން ޗެމްޕިއަންކަން ހޯދިއިރު އެސްކޫލުގެ 15 އަހަރުން ދަށުގެ އަންހެން ޓީމުން ވެސް ވަނީ އެބައިން ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެމްޖޭއެމްގެ 13 އަހަރުން ދަށުގެ ފިރިހެން ޓީމުން ވަނީ އެމީހުންގެ ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން 30 ސްކޫލް މަދަރުސާތަކުން ވާދަކުރި މިމުބާރާތުގައި ފުވައްމުލަކުގެ އެހެން ޓީމުތައް ކަމަށްވާ ހޭޒް، އެފްއެސް އަދި ޒިކުރާ އިންސްޓިޓިއުޓުން ވެސް ވަނީ އެމީހުން ބައިވެރިވި އެކިއެކި އިވެންޓުތަކުން ރަން މެޑެއްޔާއި ރިހިމެޑެލް އަދި ރަންވަންލޯ މެޑެލް ހާސިލުކޮށްފައެވެ.
މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ޏ.އޭއީސީގެ އިސް އޮފިޝަލް އަހުމަދު ފަޔާޒު ވިދާޅުވީ އެޓީމަށް ވަރަށް ރަނގަޅު ކާމިޔާބީއެއް ލިބިއްޖެ ކަމަށެވެ. އެއީ 17 އަހަރުން ދަށުގެ ފިރިންހެން ކުދިންގެ ބައިން އަދި 15 އަހަރުން ދަށުގެ އަންހެން ކުދިން ގެ ބައިން ޗެމްޕިއަންކަން ލިބުން ކަމަށެވެ. އަދި ގާތްގަޑަކަށް 30 މެޑެލް ލިބިފައިވާ ކަމަށެވެ.
އެމްޖޭއެމްޖޭގެ އޮފިޝަލަކު ވދާޅުވި ގޮތުން އެމީހުން އުއްމީދުކުރި 13 އަހަރުން ދަށުގެ ފިރިހެން ކުދިން ގެ އެއްވަނައާއި އަންހެން ކުދިންގެ 2 ވަނަ ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
މިފަހަރު ގެ އެތުލެޓިކްސް މުބާރާތުން އެއްސުކޫލަކަށް ދެބަޔަކުން ޗެމްޕިއަންކަން ލިބިފައި ވަނީ ޏ.އޭއީސީ އާއި މާލޭގެ ސީއެޗްއެސްއީ އަށް އެކަންޏެވެ.
އެތުލެޓިކްސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބަލަން އެތަނަށް ވަޑައިގެން ހުރި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިސް ފަރާތަކުން ހާމަ ކުރެއްވި ގޮތުގައި ކުރިން ހޯދާވަރުގެ ފުރިހަމަ ކާމީޔާބީއެއް ފުވައްމުލަކުގެ ދަރިވަރުންނަށް މިހާރު ނުހޯދޭކަމަށެވެ. އަދި ކުރިން ތައްޔާރުވާހާ ފުރިހަމައަށް މިހާރު މުބާރާތަށް ތައްޔާރުވާ ތަން ވެސް ނުފެންނަ ކަމަށެވެ.
ފުވައްމުލަކުގެ ސްކޫލްތަކުގެ އިސްވެރިން ރަށުގައި 400 މީޓަރުގެ ދުވާ ޓްރެކެއް ނެތިގެން ޝަކުވާ ކުރުމުން ބޮޑު ބަޖެޓަކުން، ގާތްގަޑަކަށް 1.9 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ހަދާދީފައި ކަމަށް އެއޮފިޝަލު ވިދާޅުވިއެވެ. އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ފަސޭހަ ދުވާޓްރެކު ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިން ހޯދިފަދަ ކާމިޔާބީތަކެއް އެތުލެޓިކްސް އިން އަދި ނުފެންނަ ކަމަށް ވިދާޅުވިއެވެ.
މިމުބާރާތުގައި ޏ.އޭއީސީން ހޯދާފައިވާ މެޑެލްތައް:
15 އަހަރުން ދަށް ފިރިހެން: ޖެވެލިން ތްރޯ 2 ވަނަ – ހާނިޝް
15 އަހަރުން ދަށް އަންހެން: 400 މ. ދުވުން 1 ވަނަ މުނާ، 2 ވަނަ ޝާދު
15 އަހަރުން ދަށް އަންހެން: 800 މ. ދުވުން 1 ވަނަ މުނާ، 2 ވަނަ މާހާ
15 އަހަރުން ދަށް އަންހެން: 1500 މ. ދުވުން 2 ވަނަ މާހާ، 3 ވަނަ މުނާ
15 އަހަރުން ދަށް އަންހެން: 4*100 މ. ރިލޭ 1 ވަނަ ޏ.އޭއީސީ
15 އަހަރުން ދަށް އަންހެން: 4*200 މ. ރިލޭ 2 ވަނަ ޏ.އޭއީސީ
15 އަހަރުން ދަށް އަންހެން: ޑިސްކަސް ތްރޯ 2 ވަނަ ޖުމާ
17 އަހަރުން ދަށް ފިރިހެން: 100 މ. ދުވުން 1 ވަނަ ޝަހީރު، 2 ވަނަ ޝަޒީމް
17 އަހަރުން ދަށް ފިރިހެން: 200 މ. ދުވުން 1 ވަނަ ޝަޒީމް، 2 ވަނަ ޝަހީރު
17 އަހަރުން ދަށް ފިރިހެން: 400 މ. ދުވުން 1 ވަނަ ޝަޒީމް، 3 ވަނަ ޝަހީރު
15 އަހަރުން ދަށް ފިރިހެން: 4*100 މ. ރިލޭ 1 ވަނަ ޏ.އޭއީސީ
17 އަހަރުން ދަށް ފިރިހެން: 800 މ. ދުވުން، 2 ވަނަ މުއީދު
17 އަހަރުން ދަށް ފިރިހެން: 1500 މ. ދުވުން 2 ވަނަ މުއީދު
17 އަހަރުން ދަށް ފިރިހެން: 5000 މ. ދުވުން 2 ވަނަ ރަވާހު
17 އަހަރުން ދަށް ފިރިހެން: ޖެވެލިން ތުރޯ 1 ވަނަ މާދު
17 އަހަރުން ދަށް ފިރިހެން: ޝޮޓްޕުޓް ތުރޯ 3 ވަނަ މާދު
17 އަހަރުން ދަށް ފިރިހެން: ޑިސްކަސް ތުރޯ 2 ވަނަ މާދު
ޚިޔާލުތައް