އަންނަ އޮކްޓޫބަރ މަހު 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސްޕޯރޓްސް ފޯ އޯލް ޕްރޮގްރާމުގެ ކުޅިވަރުތައް ބެލެހެއްޓުމަށްޓަކައި، އެކަމަށް ޝައުގުވެރިވާ ޒުވާނުން ހޯދުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން އިއުލާންކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި ފުވައްމުލަކު އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިމަތި ލުމަށް ހުޅުވާލައިފައި ވަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ސެޕްޓެމްބަރ މަހު 28 ވަނަ ދުވަހު 14:00 ގެ ކުރިން ނަންނޯޓް ކުރުމަށް އަތޮޅު ކައުންސިލުން އެދިލައްވައެވެ. ނަން ނޯޓް ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލް ފޯނަށް ގުޅައިގެން ނުވަތަ އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖަށް ނަމާއި އެޑްރެހާއި ފޯނު ނަމްބަރު އިންބޮކްސް ކޮށްގެނެވެ.
ސްޕޯރޓްސް ފޯ އޯލް ޕްރޮގްރާމަކީ ކަސްރަތު ކުރުން ފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް، މައުމޫންގެ ވެރިކަމުގައި 2001 ވަނަ އަހަރު ފެށުނު ކުޅިވަރު ފެސްޓިވަލެކެވެ. މި ޕްރޮގްރާމް 2012 ވަނަ އަހަރު ހުއްޓާލާފައެވެ.
ފުވައްމުލަކުގެ މައިލޯ ސްޓޭޑިއަމުގައި ބާއްވާ މިފެސްޓިވަލްގައި ހުރިހާ އުމުރުފުރައަކުން 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ހާމަކުރެއެވެ.
ކުޅިވަރު ފެސްޓިވަލްގައި ޒުވާނުންނަށް ބާއްވާ މުބާރާތްތަކުގެ ތެރޭގައި ވޮލީ ބޯޅަ، ފުޓްސަލް، ނެޓްބޯޅަ، ބަށި ހިމެނެ އެވެ. އަދި މިރަށުގެ މީހުންގެ މަގުބޫލު ވޯޓާ ޕޯލޯ ކުޅުމަށް ހަމަޖެހިފައެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ޕްރޮގްރާމާއި ފުވައްމުލަކު ހޮސްޕިޓަލާ ގުޅިގެން ހެލްތު ޗެކަޕެއް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށާއި އަދި ކުޑަކުދިން ތަފާތު ކުޅިވަރުތައް ކުޅުމަށް ހާއްސަ ސަރަހައްދެއް އޮންނާނެ ކަމަށް ވެސް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ހާމަކުރެއެވެ.
ޚިޔާލުތައް