A wide advertisement which will be shown on all devices. (700 x 100)

މިހާރު ބަހަން ފަށާފައި ވަނީ ޔޫއޭއީ އިން ލިބުނު ކަދުރު

މިހާރު ފުވައްމުލައް ސިޓީގައި ބަހަން ފަށާފައި ވަނީ ސައުދީން ހަދިޔާކުރި ކަދުރެއް ނޫން ކަން މިކަލް ނޫހަށް ޔަގީން ކުރެވިއްޖެއެވެ. އިއްޔެ މިކަލް ނޫހުގައި ޝާއިއުކުރި ޚަބަރުގައި މިއަހަރު ރޯދަމަހަށް ސައުދީ ސަރުކާރާއި ޚަލީފާ ބިން ޒައިދް އަލް ނަހްޔާން ފައުންޑޭޝަނުން ދިވެހި ރައްޔިތުނަނަށް ހަދިޔާކުރި ކަދުރު ފުވައްމުލައް ސިޓީގައި މިއަދު ބަހަން ފަށާފައިވާ ކަމަށް ލިޔެވިފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލުން އެމައުލޫމާތު ހާމަކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންނެވެ. އެކަމަށް ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ.

ފުވައްމުލަކުގައި މިހާރު ބަހަމުން ދަނީ ޔުނައިޓެޑް އަރަބި އެމެރޭޓްސް (ޔޫއެއީ)ގެ ޚަލީފާ ބިން ޒައިދް އަލް ނަހްޔާން ފައުންޑޭޝަނުން ހަދިޔާކޮށްފައިވާ ކަދުރުކަމަށް ސިޓީ ކައުންސިލްގެ އިސްފަރާތަކުން މިކަލް ނޫހަށް ވަނީ ޔަގީން ކޮށްދީފައެވެ.

މީގެ އިތުރުން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުޙައްމަދު ދީދީ ވިދާޅުވެފައި ވަނީ މިކަދުރަކީ ޚަލީފާ ބިން ޒައިދް އަލް ނަހްޔާން ފައުންޑޭޝަނުން އިން ރާއްޖެ ފޮނިވި ކަދުރު ކަމަށެވެ. އެމީހުން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ކޮންމެވެސް މިންވަރަކަށް ކަދުރު ހަދިޔާ ކުރާ ކަމަށް އެމްޕީ ހުސޭން ހާމަކުރެއެވެ. މިކަދުރު ފުވައްމުލައް ސިޓީއަށް ހޯދާދީފައި ވަނީ އެމްޕީ ހުސޭން އާއި އުތުރު ދައިރާގެ އެމްޕީ މުހައްމަދު ރަޝީދު (ދޮންބެ)، ޔޫއެއީ އެމްބަސީ އާއި ވަހަކަދައްކައިގެން ކަމަށް އެމްޕީ ހުސޭން ހާމަކުރެއެވެ. މި ކަދުރު ބެހުމަށް ހަމޖައްސާފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލުންނެވެ. ފުވައްމުލައް ސިޓީގައި ހިމެނޭ 1861 ގޭބިސީއަށް ދެވޭވަރަށް ކަދުރު ފޮނުވާފައިވާ ކަމަށް އެމްޕީ ހުސޭން ހާމަކޮށްފައި ވެއެވެ.

ޔޫއޭއީން ލިބުނު ކަދުރު 1 ހަފުތާ ތެރޭގައި ބަހާނިމޭނެ ކަމަށ ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިއަހަރު ވެސް ސައުދީ ސަރުކާރުން ހަދިޔާކުރާ 50 ޓަނުގެ ކަދުރުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވެސް ކަދުރު ލިބިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުނސިލްގެ އޮފިޝަލަކު ވިދާޅުވިއެވެ. އެގޮތުން ލިބުނު ކަދުރު ފުވައްމުލައް ސިޓީގައި ބަހަން ހަމަޖައްސާފައި ވަނީ ހަމައެކަނި ފާއިތުވި 2019 ވަނަ އަހަރު ފަގީރުންގެ ގތުގައި ރަޖިސްޓްރީކޮސްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެއެވެ. ސައުދީން ފޮނުވާފައިވަނީ 25000 (ފަންސަވީސް ހާސް) ކަދުރު ޕެކެޓެވެ. މީގެތެރެއިން 500 ޕެކެޓް ސައުދީ އެމްބަސީން ހަމަޖައްސާ އުސޫލެއްގެ ތެރެއިން ބަހާއިރު، އަނެއް 24500 ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އެގޮތުން އެކަދުރު ބެހުމުގައި އިސްކަންދެނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކޮންމެ އަހަރަކު ސައުދީން ހިލޭ ފޮނުވާ ކަދުރުން ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް (1 ކިލޯ) ލިބޭވަރެއް ނުވެއެވެ. އެއީ ރާއްޖެގައި 63،102 ގޭބިސީ ހިމެނޭތީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !