ގެސްޓުން ފުރުމަށް ހަދަންޖެހޭ ކޮވިޑް ޓެސްޓް ހެދުމުގެ ތަކުލީފުބޮޑު: ގެސްޓްހައުސް އޮޕަރޭޓަރުން

Share on facebook
Share on twitter
Share on google

ފުވައްމުލަކުގެ މުއްސަދި ކަނޑުއަޑީގެ މަންޒަރުތައް މަޝްހޫރުވުމާއިއެކު ގެސްޓްހައުސްތައް އުފެދެންފެށުނެވެ. ގެސްޓްހައުސްތައް އުފެދި ފަތުރުވެރިން ފުވައްމުލަށް އަންނަން ފެށިނަމަވެސް ފަތުރުވެރިން ފުވައްމުލަކާއި ހަމައަށް ވާސިލުވަނީ އެތެރޭގެ ދިގު ދަތުރެއްކޮށްފައެވެ. އެދަތުރަށް ޓިކެޓްނަގާފައިވަނިކޮށް ފްލައިޓް ކެންސަލްވުމާއި ގަޑީ ބަދަލުވުމަކީ ފުވައްމުލަކުގެ ރައްޔިތުންނާއި ފަތުރުވެރިންގެވެސް ކަންބޮޑުވުމެކެވެ. މިކަންބޮޑުވުން ހައްލުނުވެ އުޅެނިކޮށް އަނެއްކާވެސް އެހެންކަމަކާއި ކުރިމަތިވެއްޖެކަމަށް ފުވައްމުލަކުގެ ގެސްޓް ހައުސް އޮޕަރޭޓްކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ. އެތައް ތަކުލީފަކާއިއެކު ބޮޑު ޚަރަދުކޮށްގެން ފުވައްމުލަކުގެ ކަނޑުއަޑީގެ ރީތި މަންޒަރު ބަލަންއަންނަ ފަތުރުވެރިންގެ ފުވައްމުލަކުގެ ހިތްގައިމު ކަނޑުއަޑީގެ މަންޒަރުތަކުން ހިތްހަމަޖައްސާލުމަށްފަހު ފުރަން ތައްޔާރުވާއިރު ހަދަން ޖެހޭ ކޮވިޑް ޓެސްޓް ހެދުމުގެ ތަކުލީފު ބޮޑުކަމަށް ފުވައްމުލަކު ގެސްޓްހައުސްތައް ހިންގާ ބައެއް ފަރާތްތަކުން ހާމަކުރެއެވެ.

ކޮވިޑާއި ގުޅިގެން އާންމުކުރި ގައިޑުލައިނުގައިވާ ގޮތުން ރާއްޖެއިން ބޭރަށް ދަތުރު ކުރާކަމަށްވާނަމަ ފަތުރުވެރިން ވެސް 72 ގަޑިއިރު ހަމަނުވާ ކޮވިޑް ޓެސްޓެއްގެ ނަތީޖާ އޮންނަންޖެހެއެވެ. ފުވައްމުލަކުގައި، ކޮވިޑަށްފަހު ހުއްދަދިން 7 ގެސްޓްހައުސް ގައި 86 އެދު އެބަހުއްޓެވެ. މި 86 އެނދަށް އަންނަ ފަތުރުވެރިންގެ ކޮވިޑް ޓެސްޓް ހަދަން ފޮނުވަންޖެހެނީ ކަނޑުމަގުން އައްޑޫ އަތޮޅަށެވެ. އައްޑު އަތޮޅާއި ފުވައްމުލަކާއި ދޭތެރޭ ހަފުތާއަކު ކުރަނީ އެންމެ ތިން ދަތުރެވެ. އެހެންކަމުން 72 ގަޑިއިރު ހަމަނުވާ ކޮވިޑް ޓެސްޓުގެ ނަތީޖާ ހޯދުމުގެ ތަކުލީފު ބޮޑެވެ.

“މިދިޔަ ހަފުތާގައިވެސް ކޮވިޑް ޓެސްޓް ނެހެދިގެން އެކިއެކި މުއައްސަސާތަކަށް ގުޅިން، އެއްވެސް ގޮތެއް ނެތިގެން ކައުންސިލް މެންބަރުންނަށްވެސް ގުޅިން، އެފަރާތުން ވިދާޅުވީ ގެސްޓްހައުސްތަކަށް ހުއްދަދެނީ އަމިއްލަ ޚަރަދުގައި ޓެސްޓް ހަދަންކަމަށް، ކިހިނެތް 50 ޑޮލަރަށް ރޫމް ވިއްކާފައި ލިބޭ ފައިސާއިން ލޯންޗެއް ކުއްޔަށް ހިފައިގެން ކޮވިޑް ޓެސްޓް ހެދުމަށް އައްޑުއަށް ފޮނުވޭނީ” ކަންބޮޑުވެފައިހުރި ގެސްޓްހައުސްއެއް ހިންގާފަރާތަކުން މިކަލް ނޫހާއި ހިއްސާކުރިއެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ދާދިފަހުން ވަނީ ކޮވިޑް ޓެސްޓް ހެދުމަށް މެޝިނެއް ގެނެސްފައެވެ. ނަމަވެސް ތަފާތު އެކިސަބަބުތަކާއި ހެދި އަދި ޓެސްޓް ހެދޭގޮތް އަދިވަނީ ނުވެފައެވެ. އެމެޝިނުން ޓެސްޓް ހެދެން ފެށުނު ނަމަވެސް ގެސްޓްހައުސްތަކުން ބޭނުންވާ މިންވަަރަށް ޚިދުމަތް ލިބިދާނެކަމާއިމެދު ގެސްޓްހައުސްތަކުން ސުވާލު އުފައްދައެވެ. ފުވައްމުލަކު ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އަހުމަދު ސައީދު އައްޑޫ އޮންލައިނަށް ވިދާޅުވީ އެ ހޮސްޕިޓަލަށް ލިބިފައިވަނީ އެންމެ މެޝިނެއް ކަމަށާއި އެ މެޝިނުން ހެދޭނީ ފަހަރަކު 4 ސާމްޕަލް ކަމަށެވެ. އަދި ކޮންމެ ފަހަރަކު ނަގާ 4 ސާމްޕަލްގެ ޓެސްޓް ހެދުމަށް 2 ގަޑި އިރު ހޭދަވާއިރު ޓެސްޓް ހެދެން އޮންނާނީ އެގޮތަށް ބަހާލައިގެން ކަމަށެވެ. އެހެންކަމަށްވާނަމަ 24 ގަޑިއިރުތެރޭ ހެދޭނީ ގިނަވެގެން 48 ޓެސްޓެވެ. ފުވައްމުލަކުގައި 86 އެދު ހުރިއިރު، ފުވައްމުލަކުގެ އޮކިއުޕެންސީ 55 އިންސައްތައަށްވުރެ މައްޗަށް ހިގައްޖެނަމަ ގެސްޓްހައުސްތަކަށް ބޭނުންވާ އަދަދަށްވެސް އެމެޝިނުން ޓެސްޓެއް ނެހެދޭނެއެވެ. މީގެތެރޭގައި ރަށުގެ ރައްވެހިންނާއި ދިވެހިން ހަދަންޖެހޭ ޓެސްޓްވެސް ނުހިމެނެއެވެ.

މިވަގުތު އޮޕަރޭޓްކުރާ 7 ގެސްޓްހައުސް ފުވައްމުލަކުގައި ހުރި ނަމަވެސް ޓްރައިޒަމް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ 13 ގެސްޓްހައުސް ފުވައްމުލަކުގައި އެބަހުއްޓެވެ. އެ 13 ގެސްޓް ހައުސްގެ އެދުގެ އަދަދަކީ 156 އެކެވެ. އެހެންކަމުން، އިތުރު ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފެށުމާއިއެކު މިވަގުތު ގެސްޓްހައުސްތައް އޮޕަރޭޓް ކުރާ ފަރާތްތަކުން ތަހައްމަލުކުރަމުންދާ ތަކުލީފު އިތުރަށް ބޮޑުވެގެންދާނެކަމަށް ވެސް ގެސްޓްހައުސް އޮޕަރޭޓްކުރާ ފަރާތަކުން މިކަލް ނޫހާއި ހިއްސާކުރިއެވެ.

ކޮވިޑް ޓެސްޓްގެ އިތުރުން ފުވައްމުލަކަށް ދަތުރުކުރާ ޝެޑިއުލް ފްލައިޓް ކެންސަލްވުމާއި ގަޑި ބަދަލުވުމުގެ ޝަކުވާއަކީވެސް ގެސްޓްހައުސްތަކާއި ފަތުރުވެރިން ފުވައްމުލަކަށް ގެންނަ ފަރާތްތަކުގެ ޝަކުވާއެކެވެ. މިޝަކުވާއަކީ ފުވައްމުލަކަށް ޓުއަރިޒަމް ތައާރަފު ވީއްސުރެ ހައްލުނުވެ އޮތްކަމެކެވެ. މިގޮތަށް ޝެޑިއުލް ބަދަލުވުމުން ފުވައްމުލަކަށް އަންނަ ފަތުރުވެރިންނަށް ނުފުރި ގިނަ ވަގުތު ހޭދަކުރަންޖެހުމާއި ފަތުރުވެރިން އިތުރަށް ކޮޓަރިތައް ކުއްޔަށް ހިފައިން ޖެހުމުގެ ޝަކުވާ ބޮޑުކަމަށްވެސް ފަތުރުވެރިން ފުވައްމުލަކަށް ގެންނަ ފަރާތްތަކުން ހާމަކުރެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments