A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ޕީސީއާރު މެޝިނެއް ނެތުމުގެ މައްސަލަ މަޖުލީހަށް ހުށަހެޅުއްވީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މެމްބަރެއް ނޫން!

ސަރުކާރު ޒިންމާދާރު ކުރުވާ މަޖުލިސް ކޮމެޓީ- 2021 ސެޕްޓެމްބަރު

ފުވައްމުލައް ސިޓީގައި ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ޕީސީއާރު މެޝިނެއް ނެތުމުގެ ކަންބޮޑުވުން އާއްމު ބައެއް ފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް އެމައްސަލަ ބެއްލެވުމަށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅުއްވީ ފުވައްމުލައް ސިޓީއަށް ނިސްބަތް ނުވާ މަޖުލީހުގެ މެމްބަރެކެވެ. ފުވައްމުލައް ސިޓީއަށް ނިސްބަތްވާ 3 މެމްބަރުން މަޖުލީހުގައި ތިއްބަވާ އިރު އެބޭފުޅުންނަށް މިއީ ކަންބޮޑުވާ ކަމަކަށް ނުވަނީ ތޯއެވެ؟ ނުވަތަ އެ ތިން އެމްޕީން ވެސް ސަރުކާރުގެ “ބަސްއަހާތީ” އެކަން ވާނެ ދުވަހަކަށް ބަލައިގެން ތިބީ ހެއްޔެވެ؟

ނުވަތަ ސަރުކާރުގެ ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތް ކުރަން ޖެހެނީ އިދިކޮޅު މެމްބަރުން ކަމަށް ދެކިވަޑައިގަންނަވާތީ ‘ހަނު’ ތިއްބެވީ ބާވައެވެ؟ ރައްޔިތުންގެ މަޖުލީހުގައި މަސްއޫލިއްޔަތު އަދާކުރާ މިންވަރުވބަލާ ކޮމެޓީގައި ހިމެނެނީ ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީއެވެ. އަދި މައްސަލަ ހުށަހެޅުއްވި މަދުވާރީ ދާއިރާގެ މަމްބަރަކީ ވެސް އެކޮމެޓީގެ މެމްބަރެކެވެ. މީގެ މާނައަކީ މަޖުލީހުގެ ކޮމެޓީއަށް މަައްސަލަ ހުށަހެޅުއްވެނީ އެކޮމެޓީގެ މެމްބަރުނަނަށް އެކަނި ކަމަށް ދެއްކުމެއް ނޫނެވެ. މަޖުލީހުގެ ކޮންމެ މެމްބަރަކަށް ވެސް މަޖުލީހުގެ ކޮމެޓީއަށް މަައްސަލަ ހުށަހެޅުމުގެ ދޮރުވަނި ހުޅިވިފައެވެ. ނަމަވެސް އާއްމު ރައްޔިތުންނަށް މަޖުލީހުގެ ކޮމެޓީއަކަށް މައްސަލއެއް ހުށަހެޅުމުގެ ފުރުސަތު އޮންނަކަމަކަށް ނުވެއެވެ.

ޕީސީއާރު މެޝިންގެ މައްސަލަ ހުސަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު

 

މި މައްސަލަ ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެން އުޅުއްވާ ރ.މަޑުއްވަރީ ދާއިރާގެ މަޖުލިސް މެމްބަރު އާދަމް ޝަރީފުއެވެ. އެމްޕީ އާދަމް ޝަރީފު އިއްޔެ (7 ސެޕްޓެމްބަރު 2021) މަޖުލީހަށް ފޮނުއްވި ސިޓީގެ ކޮޕީއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވެއެވެ. އެއިގެ ބޭނުމަކީ އާއްމުންނަށް އެކަން އެނެއގުން ބާވައެވެ؟ ނުވަތަ އިދިކޮޅު މެމްބަރަކަށްވާތި ސަޕޯޓް އިތުރުކުރުން ބާވައެވެ؟

ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ މެމްބަރުން މަަސައްކަތް ކުރަންޖެހެނީ އެމީހަކު އިންތިޚާބުކުރި ދާއިރާގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެކަންޏެއް ނޫންނެވެ. އެމްޕީންގެ މަސްއޫލިއްޔަތުގެ ތެރޭގައި މުޅި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ހިމެނެއެވެ. ވުމާއެކު މަޑުއްވަރީ ދާއިރާގެ މެމްބަރު މިމައްސަލަ މަޖުލީހަށް ހުށަހެޅުމަކީ ކޮންމެ މެމްބަރެއްގެ ވެސް ޒިންމާކަމުގައި ބެލިދާނެއެވެ. އެކަމަކު މަޖުލީހުން ވަރަށް މަދުން ނޫނީ މެމްބަރަކު އެމެމްބަރެއްގެ ދާއިރާއާއި ސީދާ ގުޅުންނެތް އެހެން ދާއިރާއެއްގެ މައްސަލައެއްގައި އިސްނަގައި އަޑުއުފުލާތަން ވަރަށް ނުފެނެއެވެ. ނަމަވެސް، އެމްޕީ އަދަމް ޝަރީފުގެ މިހުށަހެޅުމާއެކު، މިއީ އެކި ކަންކަމުގައި މަޖުލީހުގެ ކޮންމެ މެމްބަރަކަށް ވެސް މަސައްކަތް ކުރެވިގެންދާނެ ގޮތެއްކަން އެހެން މެމްބަރުންނަށް އިތުރަށް ފާޅުވެގެން ދާނެކަމަށް ބެލެވެއެވެ.

އާދަމް ޝާރީފުގެ ސިޓީގައި ހާމަކުރައްވާފައި ވަނީ “ފުވައްމުލަކު ސިޓީ” މޮނިޓަރިން ހާލަތުގައި ބާއްވަން ޖެހުމުން ރައްޔިތުން އަންނަނީ ގިނަގުނަ ދަތިތަކަކާއި އުނދަގޫތަކެއް ތަހައްމަލުކުރަމުން ކަމަށެވެ. އަދި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލައް ސީޓީގައި ހަމަޖެހިފައި ނެތުމުން ދަތުރުފަތުރު ކުރުން ދަތިވެ، އިގުތިސާދީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމަށެވެ. ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އެމްޕީ އާދަމް ޝަރީފު، އެބޭފުޅާވެސް ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖުލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ ހުށަހެޅުއްވީ، ފުވައްމުލައް ސިޓީގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ގިނަ ދުވަސްވީއިރު ވެސް ހަމަޖެހިފައި ނުވަނީ ކީއްވެގެން ކަމާއި ފުވައްމުލައް ސިޓީގައި ޕީސީއާރު ޓެސްޓް ހެދޭނެ ތާރީޚެއް ސާފުކޮށްދެއްވުމަށެވެ.

އެމްޕީ އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލަ 2021

ފުވައްމުލައް ސިޓީއިން ނަގާ ކޮވިޑް-19ގެ ސާމްޕަލްތަކުގެ ޕީސީއާރު ޓެސްޓް ހަދަން ފޮނުވާނީ އެހެން ސިޓީއަށް ކަމަށާއި އަދި ނަތީޖާ ލިބުމަށް 3-4 ދުވަސް ހޭދަވާކަމަށް ވިދާޅުވެ އެކަމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް މައްސަލާގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް ފާއިތުވި 3 މަސްދުވަހުގެ ތެރެގައި ފުވައްމުލައް ސިޓީއިން ޕީސީއާރު ޓެސްޓްގެ ނަތީޖާ އެވްރެޖްކަޮށް، ސާމްޕަލް ނަގާ ދުވަސް ނޫން އަނެއް ދުވަހު (1 ދުވަސް ތެރެގައި) ލިބޭ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވާފައި ވެއެވެ.

މިމައްސަލައަށް ކޮޓީގައި ބަހުސު ކުރެވެނީ ވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މިކޮމެޓީއިން މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ފާސް ވުމުންނެވެ.

ޕީސީއާރު ޓެސްޓް ހެދުމަށް ފުވައްމުލައް ސިޓީގެ ސާމްޕަލްތައް ފޮނުވަނީ ލޯންޗުގައި ކައިރީގައި އޮންނަ އައްޑޫ ސިޓީއަށެވެ. އަދި އިމަޖެންސީކޮށް ހަދަންޖެހޭ ކޮވިޑް-19 ޓެސްޓްތައް ހެދުމަށް ފުވައްމުލައް ސިޓީގައި ޕޮއިންޓް އޮފް ކެއާ މެޝިނެއް ބަހައްޓައި އެއިން ޓެސްޓް އަންނަނީ ހަދަމުންނެވެ. އެމެޝިނުން ދުވާލަކަށް 80 ސާމްޕަލް ޓެސްޓް ކުރެވެން ހުއްޓަސް އެމެޝިން އާއްމު ނަގާ ސާމްޕަލްތައް ޓެސްޓް ކުރަން ބޭނުން ނުކުރާތި އެކަމުގެ ރަށުގެ ކަންބޮޑުވުން ބައެއް ފަރާއްތަކުން ފާޅުކުރަމުން ދެއެވެ.

ޕޮއިންޓްއޮފް ކެއާ މެޝިން ލިބުމުގެ ކުރިން ފުވައްމުލައް ސިޓީގައި ކޮވިޑް ޓެސްޓް ހަދަމުން އައި ޖީން އެކްޕާޓް މެޝިން ބޭނުންކޮށްގެންނެވެ. އެމެޝިނުން ދުވާލެއްގެ މައްޗަށް ޓެސްތް ކުރެވެނީ 8 ސާމްޕަލެވެ.

ނަމަވެސް ދުވާލެއްގެ މައްޗަށް ރޭންޑަމް އާއި ހޯމް ކަރަންޓީން އާއި އެނޫންވެސް ‘ރޫޓިން’ ސާމްޕަލްގެ 200 އެއްހާ ސާމްޕަލް ޓެސްޓް ކުރަން ޖެހޭއިރު އެއްބައެއްގެ ސާމްޕަލް (80 ސާމްޕަލް) އެގޮތަށް ޓެސްޓްކުރެވި އަނެއްބައި މީހުންގެ ސާމްޕަލް އައްޑޫ ސިޓީއަށް ޓެސްޓް ކުރަން ފޮނުވައިގެން ކުރުމުން އެކަމުގައި ޚަރަދުގެ ގޮތުން އިތުރު ފައިދާއެއް ނުނެރެވޭނެ ކަމަށް ބެލެވޭ ހިނދު، އާއްމުންގެ މެދުގައި އިތުރު މައްސަލަތަކެއް ނުކުތުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. ވުމާއެކު ފުވައްމުލައް ސިޓީގެ ހުރިހާ ސާމްޕަލެއް ޓެސްޓްކޮށް އަވަހަށް ނަތީޖާ ލިބެން އޮފް އެންމެ ފަސޭހަމަގަކީ އެސިޓީގައި އެކަށީގެންވާ، ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓް ކުރެވޭވަރުގެ ޕީސީއާރު މެޝިނެއް ބެހެއްޓިގެން ކަން ހާމަވެއެވެ.

ފުވައްމުލަކު 3 ދާއިރާގެ މަޖުލިސް ތިންމެމްބަރުން -2021

ފުވައްމުލައް ސިޓީގެ އާބާދީއަކީ ރާއްޖެގެ ރަށްތަކުގެ އާބާދީގެ ނިސްބަތުން ބަލާއިރު 3 ވަނައަށް އެންމެ ބޮޑު އާބާދީ ކަމަށްވެ، ސިޓީއެއްގެ ދަރަޖަ ލިބިފައިވާ 3 ވަނަ ސިޓީ ކަމަށް ވުމުން ޕިސީއާރު މެޝިން ބެހެއްޓުމުގައި ވެސް އެ ތަރުތީބުން ކަންތައްތައް ހަމަޖެހިގެން ދިއުމަށް ރައްޔިތުން ދަނީ ގޮވަމުންނެވެ. ތަރައްގީގެ ކަންކަމުގައި ތަރުތީބު ލިސްޓުން ފުވައްމުލައް ސިޓީ 3 ވަނާގައި އޮންނަން ޖެހެ ކަމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. ނަމަވެސް ސަރުކާރުގެ ތަރުތީބު ލިސްޓުން ފެންނަނީ 5-7 ވަނަ ހިސާބުގައި ކަމަށް ދައްކައެވެ.

ނިމުނު އޮގަސްޓް މަހުގެ ތެރޭގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރާ 5 ޕީސީއާރު މެޝިނުގެ ލިސްޓްގައި ފުވައްމުލައް ސިޓީ ނުހިމެނުމުން، އެކަމުގެ ކަންބޮޑުވުން ރައްޔިތުން ސޯޝަލް މީޑިއާގައި އާއި އެހެނިހެން ގޮތްގޮތުން ހާމަކޮށް ސަރުކާރަށާއި މެމްބަރުން ސަމާލުކަމަށް ގެނައެވެ. އެއާއެކު ސަރުކާރުން އިއުލާން ކުރީ އެ 5 މެޝިނާއެކު ފުވައްމުލައް ސިޓީއަށް ވެސް ޕީސީއާރު މެޝިނެއް ލިބޭނެކަމަށެވެ. ސަރުކާރުގެ ރަސްމީ ހުރިހާ އިދާރާތަކުން އެކަން ރައްޔިތުންނަށް އަންގައިދިނެވެ. ނަމަވެސް އެމެޝިންތައް ލިބުން މިވަނީ މި ސެޕްޓެމްބަރު މަހަށް ލަސްވެގެން ގޮސްފައެވެ. އަދި މިމަސް ތެރޭގައި ފުވައްމުލައް ސިޓީއަށް ޕީސީއާރު މެޝިނެއް ލިބޭނެ ކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިން ހާމަކުރައްވަފައި ވެއެވެ.

ކޮވިޑުގެ ކަންކަމުގައި ސަރުކާރުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ވަނީ އެއްކާލި ކުރެވިފައެވެ. ވުމާއެކު ކޮވިޑް-19ގެ ގިނަ ޚިދުމަތްތަކެއް ގާއިމުކުރެވިފައި ވަނީ އައްޑޫ ސިޓީގައެވެ. ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭ ގޮތުން ކޮވިޑްގެ މައި ފެސިލިޓީ ގާއިމުކުރެެިފައި ވަނީ އައްޑޫ ސިޓީ ހިތަދޫކުރި ހޮސްޕިޓަލުގައެވެ. ފުވައްމުލައް ސިޓީގައި ހުންނަނީ އިމަޖެންސީ 3 އެނދުގެ ކޮވިޑް ފެސިޓިލީ އެކެވެ. ކޮވިޑް-19ގެ އިތުރު ފަރުވާއަށް ފުވައްމުލައް ސިޓީއިން މީހުން ފޮނުވަން ޖެހެނީ އައްޑޫ ސިޓީއަށެވެ.

ފުވައްމުލައް ސިޓީ އެންމެ ފަހުން މޮނިޓަރިން އަށްލި ނިމުނު އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އެއގެ ފަހުން މިހާރު 15 ދުވަހަށްވުރެ އިތުރުވީއެވެ. އަދިވެސް ފުވައްމުލައް ސިޓިއަން ރޭންޑަމް ސާމްޕަލްތައް މަދުމަދުން ނަމަވެސް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް ބަލި ޖެހޭ ނިސްބަތް ވަނީ ވަރަށް ބޮޑުތަން ދަސްވެފައެވެ. އެންމެފަހުން ނަތިޖާ އާއްމުކުރި ދުވަހު (6 ސެޕްޓެމްބަރު) ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 3 މީހުންނެވެ.

ކޮވިޑ-19 އަކީ އަވަސް މުސްތަގުބަލެއްގައި މުޅިން ފިލައިގެންދާނެ ބައްޔެއް ނޫންކަމަށް މިވަނީ ގަބޫލުކުރަން ޖެހިފައެވެ. އަދި މިބައްޔާއެކު އުޅެންޖެހެއިރު ޕިސީއާރު މެޝިނަކީ މުހިންމު އެއްޗެއްކަން އެންމެންވެސް ގަބޫލުކުރެއެވެ. ޕީސީއާރު މެޝިނެއް ނެތުމުން އާއްމު ދަތުރުފަތުރާއި ގުޅިގެން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ލަސްވެ އިންތިޒާރުތައް ދިގުލައެވެ. މިކަންކަން ހައްލުކުރެވެވެން އޮތީ އެކަށީގެންވާ ޕީސީއާރު މެޝިނެއް ފުވައްމުލައް ސިޓީއަށް ވެސް ލިބިގެން ކަމާއި ދެކޮޅުހަދާ އެއްވެސް ބައެއްނެތެވެ. ޕީސީއާރު މެޝިނުގެ މުހިންމުކަން އިތުރުވެއަދުތައް ގަދަވާން އަނެއްކާވެސް މިވަނީ ފަށާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަށި މީހާ

    ޕީސީއާރު މެޝިނެއް ނެތް ހަމައެކަނި ސިޓީ – ފުވައްމުލައް ސިޓީ
    ކޮވިޑްގެ ބަލި މީހުންނަށް ފަރުނުދެވޭ ހަމައެކަނި ސިޓީ – ފުވައްމުލައް